ދުނިޔެ

ކޭއެފްސީން "އަށް ފައި ލީ ކުކުޅު" ބޭނުންކުރާ ކަމަށް ބުނި ޗައިނާ ކުންފުނިތަކަށް ދައުވާކޮށްފި

Jun 3, 2015

ކާނާ ތައްޔާރުކުރުމުގައި އަށް ފައި ލީ ކުކުޅު ބޭނުންކުރާ ކަމަށް ބުނެ ދޮގު ވާހަކަތަކެއް ފެތުރި ޗައިނާގެ ތިން ކުންފުންޏަކާ ދެކޮޅަށް، ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ޗެއިން ކޭއެފްސީން ދައުވާކޮށްފި އެވެ.

ކޭއެއެފްސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ ތަނުން ތައްޔާރުކުރާ ކާނާގެ އަގު ވެއްޓޭ ގޮތަށް ސޯޝަލް މީޑިއާގައި ދޮގު ވާހަކަ ފަތުރާފައި ވަނީ ޝަންޒީ ވެލުކުއާންގް ޓެކްނޮލޮޖީ ލިމިޓެޑާއި ޓައިޔުއާން ޒީރޯ ޕޮއިންޓް ޓެކްނޮލޮޖީ އަދި ޔިންގްޗެނަންޒީ ސަކްސެސް އެންޑް ކަލްޗާ ކޮމިއުނިކޭޝަން ލިމިޓެޑުންނެވެ. ކޭއެފްސީން ބުނީ އެ ތަނުން ހަދާ ބާގާ ފަދަ ތަކެތީގައި "ޖެނިޓަކަލީ މޮޑިފައިޑް އަށް ފައި އަދި ހަ އަތް ލީ ކުކުޅު"ގެ މަސް ބޭނުންކުރާ ކަމަށް އެ ކުންފުނިތަކުން ބުނެފައިވާ ކަމަށެވެ.

"ވީޗެޓް އެޕްލިކޭޝަން މެދުވެރިކޮށް ފެތުރި އެ ވާހަކަތައް 4،000 ފަހަރު ޝެއާކޮށްފައި ވާއިރު، އެ ވާހަކަތަކާ ގުޅިގެން ކަސްޓަމަރުންނަށް އޮޅުން އެރުމުގެ އިތުރަށް، ކޭއެފްސީގެ އަގު ވެސް ވަނީ ވެއްޓިފައި،" ޗައިނާ ބަހުން ނެރުނު އެ ބަޔާނުގައިވެ އެވެ.

އެހެންވެ، ކޭއެފްސީން ވަނީ ބަދަލެއްގެ ގޮތުން އެ ތިން ކުންފުނީގެ އަތުން 1.5 މިލިއަން ޔުއާން (242،000 ޑޮލަރު) ނަގައިދިނުމަށް އެދި ޝަންހާއީގެ ކޯޓަކަށް މައްސަލަ ހުށަހަޅާފަ އެވެ. އަދި އެ ވާހަކަތަކަށް މައާފަށް އެދުމަށް ވެސް ކޭއެފްސީން ދައުވާގައި އެދިފައިވެ އެވެ.

މި ދައުވާ ރައްދުވާ ތިން ކުންފުނިން އަދި އެއްވެސް އެއްޗެކޭ ނުބުނެ އެވެ.

ރެސްޓޯރަންޓް ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ޔަމް ބްރޭންްޑްސް އިން ހިންގާ ކޭއެފްސީގެ 4،828 ތަން ޗައިނާގެ އެކި ކަންކޮޅުތަކުގައި އެބަހުއްޓެވެ. އެ ކުންފުނިން ދަނީ ޗައިނާގައި އިތުރު އައުޓްލެޓްތައް ވެސް ހުޅުވަމުންނެވެ.