ދުނިޔެ

ބަންގްލަދޭޝް ދަރިވަރުންނަށާއި، މީޑިއާއަށް ހަމަލާދޭތީ ސަރުކާރަށް ފާޑުކިޔުން

Aug 8, 2018

ޑާކާ (އޯގަސްޓް 7) - ބާރު ސްޕީޑުގައި ދުއްވި ބަހަކުން ޖެހި ދެ ދަރިވަރަކު މަރުވުމާއި ގުޅިގެން، އެތަކެއް ހާސް ދަރިވަރުން މަގުތަކަށް ނުކުމެ ކުރަމުން ގެންދާ މުޒާހަރާގައި، ދަރިވަރުންނާއި ނޫސްވެރިން ހައްޔަރުކޮށް، ދެމުންގެންދާ ހަމަލާތަކުގައި ސަރުކާރަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އެމެރިކާގެ ހައްގުތަކަށް ވަކާލާތުކުރާ ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލައިއު) އިން ބުނީ، ސަރުކާރު ހިންގާ ޕާޓީގެ ސަޕޯޓަރުން ނުކުމެ، މުޒާހަރާގެ ބައިވެރިންނަށް ހަމަލާދެމުން ގެންދާކަމަށެވެ.

އަދި މުޒާހަރާ ކޮންޓްރޯލް ކުރަން ތިބި ފުލުހުން ވެސް އެކަމާއި އަޅާ ނުލާ ތިބޭ ކަމުގެ ތުހުމަތު ވެސް އެ ޖަމިއްޔާ އިން ވަނީ ކޮށްފަ އެވެ. ނަމަވެސް، ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

މަގުތަކުގެ ރައްކާތެރިކަމަށް ގޮވާލާ މުޒާހަރާ ކުރަމުން ގެންދާތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މުޒާހަރާ ހުއްޓުވުމަށް ފުލުހުން ނުކުމެ ކަރުނަ ގޭހާއި، ރަބަރު ވަޒަން ބޭނުންކުރުމުގެ ސަބަބުން މިހާތަނަށް 50 އަށް ވުރެ ދަރިވަރުންނެއް ވަނީ ޒަހަމްވެފަ އެވެ.

ޖުލައި 29 ގައި ބާރު ސްޕީޑުގައި ދުއްވާފައިވާ ދިޔަ ބަހަކުން ޖެހި، ދެ ދަރިވަރުން މަރުވުމާއި ގުޅިގެން، ދަރިވަރުން ނުކުމެ ވެހިކަލްތައް ހުއްޓުވާ، ޗެކު ކުރަމުންދާ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ފުލުހުން ބުނީ، ދަރިވަރުން ނުކުމެ ހިންގަމުންދާ ހަމަނުޖެހުންތަކުގައި 300 އަށް ވުރެ ގިނަ ވެހިކަލަށް ގެއްލުން ދީފައިވާ ކަމަށެވެ.

ހަމަލާއަށްފަހު އެމެރިކާ ސަފީރު ވަނީ ހަމަނުޖެހުންތައް ކުށްވެރި ކުރައްވާފަ އެވެ.

މަގުތަކުގެ ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތައް އަޅާ، ކެމްޕޭނުތައް ހިންގާނެކަމަށް ސަރުކާރުން ވަނީ ވައުދުވެފަ އެވެ. އަދި ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިހް ހަސީނާ ވެސް ވަނީ މުޒާހަރާތައް ހުއްޓާލާ އެނބުރި ގެއަށް ދިއުމަށް ދަރުވަރުންގެ ކިބައިން އެދިފަ އެވެ.

ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ހިނގާފައި ދަނިކޮށް ވެހިކަލަކުން ޖެހިގެން މިދިޔަ އަހަރު އެކަނިވެސް 4،200 މީހުން ވަނީ މަރުވެފަ އެވެ.