ހަބަރު

އަމިއްލަ ކެންޑިޑޭޓަކަށް ހުސެން ނަސީރު، ރަނިންމޭޓަކަށް ޝޭހް ނަސްރުﷲ

ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް އަމިއްލަ ގޮތުން މިއަދު ބޭފުޅަކު ކުރިމަތިލައްވައިފި އެވެ. ކުރިމަތިލައްވާފައިވަނީ ދަފުތަރު ނަންބަރު 6562، ހުސެއިން ނަސީރެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ ނަސީރުގެ ފޯމް ބަލައިގެންފައިވާ ކަމަށެވެ. އޭނާގެ ޝަރުތު ހަމަވޭތޯ ދެ ދުވަސް ތެރޭގައި އެ ކޮމިޝަނުން ނިންމައި އެކަން ނަސީރަށް އަންގާނެ އެވެ. ނަސީރަކީ އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި ދެވަނަ ބޭފުޅާ އެވެ.

އިލެކްޝަން ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ، ނަސީރުގެ ރަނިންމޭޓެއްގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ ޝޭހް ނަސްރުﷲ މުސްތަފާ ކަމަށެވެ. އެ ދެ ބޭފުޅުން ފޯމް ހުށަހެޅުއްވީ ގާނޫނުގައި ބުނާ އަދަދަށް ތާއިދު ފޯމް ހަމަކުރުމަށްފަހު ކަމަށް ވެސް ވިދާޅުވި އެވެ. އަމިއްލަ ގޮތުން ރައީސް ކަމަށް ކުރިމަތިލެއްވެނީ 1500 މީހުންގެ ތާއިދު ފޯމާއެކު އެވެ.

އަރަބިއްޔާގެ ކުރީގެ ޕްރިންސިޕަލް ނަސްރުﷲއަކީ މީގެކުރިން ޖިނާއީ މައްސަލަތަކެއްގައި ދައުވާ އުފުލި ފަރާތެކެވެ. އެގޮތުން އަޅާނުލުމުގެ ދެ ދައުވާ އާއި އޮރިޔާންކާޑް އުފައްދައި ގެންގުޅުމުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލި އެވެ.

ހައްޖަށް ބަޔަކު ގެންގޮސް ހާލުގައި ޖެއްސި ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކުރުމުން ނޫސްވެރިންތަކަކާ ދެކޮޅަށް ނަސްރުﷲ އަބުރުގެ ދައުވާ ވެސް ކުރި އެވެ. ނަމަވެސް ފަހުން ވަނީ އެ ދައުވާތައް އަނބުރާ ގެންދަވާފަ އެވެ. ހައްޖަށް ބަޔަކު ގެންގޮސް ހާލުގައި ޖެއްސި ކަމަށް ބުނާ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ އުފުލި އެވެ.

ރިޔާސީ އިންތިހާބުގައި ކުރިމަތިލުމުގެ މުއްދަތު އަންނަ ހުކުރު ދުވަހަށް ހަމަވެ އެވެ. މިހާތަނަށް އިލެކްޝަން ކޮމިޝަނުން ކެންޑިޑެންސީ ރަސްމީ ބަަލައިގެންފައިވަނީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ އެކަންޏެވެ. ރައީސް އަބްދުﷲ ޔާމީން އަދި ކުރިމަތިނުލައްވަ އެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް އަދި ފޯމް ހުށަހަޅުއްވާފައެއް ނުވެ އެވެ.