ދުނިޔެ

އިންޑޮނީޝިއާ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 131 އަށް

Aug 8, 2018

ބާލީ (އޯގަސްޓް 8) - ޓޫރިސްޓުންގެ މެދުގައި މަގުބޫލު އިންޑޮނީޝިއާގެ ސަރަހައްދަކަށް އާދީއްތަ ދުވަހު އައި ބާރުގަދަ ބިންހެލުމުމުގައި މަރުވި މީހުންގެ އަދަދު 131 އަށް އަރާވާފައިވާއިރު، އިތުރު ބަޔަކު ދިރިތިއްބާ ފެނުމުގެ އުއްމީދު ކުޑަކަމަށް އޮފިޝަލުން ބުނެފި އެވެ.

ބާލީގެ އިރުން 40 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެއް ކަމުގައިވާ ލޮމްބޯކް އަށް 6.9 މެގްނިޓިއުޑްގެ ބާރު މިނުގައި އައި ބިންހެލުމުގެ ސަބަބުން 150،000 އަށް ވުރެ ގިނަ މީހުން ގެދޮރުގެއްލި ހާލުގައިޖެހިފައިވާއިރު، އެމީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޯފެން ފޯރުކޮށް ދިނުމަށް ދަތިވެފައިވާކަމަށް ވެސް އޮފިޝަލުން ދަނީ ބުނަމުންނެވެ.

އެ ހާދިސާގައި މިހާތަނަށް 2،500 އަށް ވުރެ ގިނަ މީހުން ޒަހަމްވެ، ހޮސްޕިޓަލުތަކުގައި އަންނަނީ ފަރުވާދެމުންނެވެ.

ބިންހެލުމުގައި، ވެއްޓުނު އެތަކެއް ހާސް އިމާރާތެއްގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރެވެމުންނެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އެ ސަރަހައްދަށް އައި ދެވަނަ ބިންހެލުމުގައި އެތަކެއް ހާސް އިމާރާތަކަށްވަނީ ގެއްލުންލިބިފަ އެވެ. އެ ހާދިސާގައި އެ ސަރަހައްދުގައި ހުރި މިސްކިތެއް ވެއްޓި، އެ ތަނުގެ ދަށުން މިހާތަނަށް ވަނީ ދެ މީހަކު ސަލާމަތްކޮށްފަ އެވެ. ނަމަވެސް، އަދިވެސް އިތުރު މީހުން އެ އިމާރާތުގައި ދަށުވެފައިވާ ކަމަށް އޮފިޝަލުންނަށް ގަބޫލު ކުރެވޭތީ، އެކަމަށް މިހާރުވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފަ އެވެ.

ބިންހެލުމާއި ގުޅިގެން، ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރުވެސް ނެރުނެވެ. ނަމަވެސް، އިރުކޮޅެއްގެ ތެރޭގައި އެ އިންޒާރުވަނީ އަނބުރާ ގެންގޮސްފަ އެވެ.