overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރައީސް ޔާމީނާއި ޝަހީމްގެ ކެންޑިޑެސީ ފޯމް އީސީއަށް ހުށަަހަޅައިފި

ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ރަނިން މޭޓް އިސްލާމިކް ޔުނިވާސިޓީގެ ޗާންސަލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ކެންޑިޑެސީ ފޯމް އިލެކްޝަން ކޮމިޝަން (އީސީ) ދާދި ދެންމެއަކު ހުށަހަޅައިފި އެވެ.

އީސީގެ ފަރާތުން ޕީޕީއެމްގެ ކެންޑިޑޭޓާއި ރަނިން މޭޓުގެ ކެންޑިޑެސީ ފޯމްއާ ހަވާލުވެވަޑައިގަތީ އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމެވެ. ކެންޑިޑެސީ ފޯމު އިލެކްޝަނާ ހަވާލުކޮށް ދެއްވީ ޕީޕީއެމްގެ ނައިބު ަރައީސް މޫސާ ޒަމީރެވެ. ރައީސް ޔާމީން އިންތިޚާބަށް ކުރިމަތިލެއްވި ކެންޑިޑެސީ ފޯމް އީސީއަށް ހުށަހެޅުއްވި އިރު އެމަނިކުފާނު ހުންނެވީ ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރޭގަ އެވެ.

ކެންޑިޑެސީ ފޯމްއާ ހަވާލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ ޕީޕީއެމް އިން ހުށަހެޅި ކެންޑިޑެސީ ފޯމް ބެލުމަށް ފަހުގައި ދެ ދުވަހުގެ ތެރޭގައި އެ ފޯމް ބަލައިގަތުމާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މާދަމާ 4:00 އަކަށް ހަމަވާއިރު އިތުރު ބޭފޭފުޅުން ހުށަހަޅުއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދިރާސާ ކުރުމަށް ފަހުގައި ކުރިޔަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ޕީޕީއެމްއަށް ޖަވާބެއް އަރުވާނަން، ނަންތައް އިއުލާން ކުރުން އޮންނާނީ [މި މަހުގެ] 18 ވަނަ ދުވަހުގައި،" ޝަރީފް ވިދާޅުވި އެވެ.

މޫސާ ޒަމީރު ވިދާޅުވީ ކެންޑިޑެސީ ފޯމް ހުށަހެޅުމަށް ރައީސް ޔާމީންއަށް ވަޑައި ނުގަނެވުނީ މަޝްރޫއުތައް އިފްތިތާހު ކުރެއްވުމަށް ރަށްރަށަށް ވަޑައިގެންނެވުމުގައި ވަރަށް ބިޒީކޮށް އުޅުއްވާތީ ކަމަށާއި ނަމަވެސް ޕާޓީގެ ފަރާތުން އެހެން ބޭފުޅަކު ހުށަހެޅުއްވީ ރައީސްގެ އިޒްނަފުޅާއެކުގައި ކަމަށެވެ. އަދި ރައީސް ޔާމީންގެ އެޕްލިކޭޝަން އީސީގައި މިއަދު ފައިލް ކުރީ ކައުންސިލްގެ ފުރިހަމަ ރުހުން ލިބިގެން ކަމަށާއި އީސީގެ ފަރާތުން އެ ފޯމް ބަލައިގަނެ، ވީހާވެސް އަވަހަށް ޖަވާބެއް ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.

ފޯމް ހުށަހެޅުމުގައި ވަރަށް ބޮޑު ހަރަކާތެއް ގޮތަށް ކުރިޔަށް ގެންދިޔުމަށް ޕީޕީއެމްގެ އާންމު މެންބަރުންގެ ފަރާތުން ވަރަށް ބޮޑަށް އެދުނު ކަމަަށާއި ނަމަވެސް މާލޭގެ މަގުތައް ބޭނުން ކުރާ ފަރާތްތަކަށް ވާނެ ދަތިތަކާ މެދު ވިސްނުމަށް ފަހުގައި އާންމު އުސޫލުން ފޯމް ހުށަހެޅުމަށް ޕާޓީން ނިންމާފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އިތުރުން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އީސީއަށް ފޯމް ހުށަހަޅާފައި ވަނީ އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު އާއި އަމިއްލަ ގޮތުން ވާދަ ކުރައްވާ ހުސެއިން ނަސީރު އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް އެ ޕާޓީ އިން މިދިޔަ އަހަރުން ފެށިގެން އައީ ބުނަމުންނެވެ. ނަމަވެސް އެމަނިކުފާނުގެ ނަން ރަސްމީކޮށް ކައުންސިލުން ފާސްކޮށްފައި ވަނީ މިދިޔަ މޭ މަހު 23 ވަނަ ދުވަހުގަ އެވެ.

ރަނިން މޭޓު ކަމަށް ޝަހީމް އައްޔަން ކުރަން ކައުންސިލުން ނިންމާފައި ވަނީ މިދިޔަ މަހު ހަތް ވަނަ ދުވަހުގަ އެވެ. ރައީސް ޔާމީން އާއި ޝަހީމްއަށް ޕާޓީގެ ރިޔާސީ ޓިކެޓާއި ރަނިން މޭޓުގެ ޓިކެޓު ހަވާލު ކުރީ މިދިޔަ ހަފުތާ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ޖަލްސާއެއްގަ އެވެ.