ދުނިޔެ

އިޒްރޭލުގެ އާ ގާނޫނު ބަދަލުކުރަން އިދިކޮޅުން ގޮވާލައިފި

Aug 9, 2018

ޓެލްއަވީވް (އޯގަސްޓް 8) - އިޒްރޭލަކީ ސީދާ ޔަހޫދީ ދައުލަތެއް ކަމަށާއި ގުދުސްއަކީ ވެރިރަށް ކަމަށް ކަނޑައަޅާ ބިލެއް އެ ގައުމުގެ ގާނޫނޫ ހަދާ މަޖިލީހުން ފާސް ކުރުމާއި ގުޅިގެން، އެ ގާނޫނު އިސްލާހުކޮށް އިސްރޭލުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަން ގާއިމުކޮށްދިނުމަށް އިދިކޮޅުން ގޮވާލައިފި އެވެ.

ޖުލައި 19 ވަނަ ދުވަހު ފާސްކުރި ބިލުގައިވާ ގޮތުން، އަރަބި ބަހަކީ ރަސްމީ ބަސް ނޫން ކަމަށް ކަނޑައަޅާ، ޔަހޫދީން ގައުމަށް ވަޒަންވެރި ވަމުން ދިއުމަކީ ގައުމީ މަސައްކަތްތަކެއް ކަމެއް ކަމަށެވެ. އަދި ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ވެސް ވަނީ ރަސްމީކޮށް ކަނޑައަޅާފަ އެވެ.

އެ ބިލާއި ގުޅޭގޮތުން އަލުން ބަހުސް ކުރުމަށް ބޭނުންވާ އަދަދަށް ވޯޓު ހަމަކޮށްގެން، އިއްޔެ ބޭއްވުނު މަޖިލީހުގެ ހާއްސަ ޖަލްސާގައި، އިދިކޮޅު މެމްބަރުން ވަނީ އިސްރޭލުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ހައްގުތައް ހިމެނޭގޮތަށް އެ ގާނޫނު އިސްލާހު ކުރުމަށް ގޮވާލާފަ އެވެ.

އިޒްރޭލުގައި އާބާދީގެ 20 ޕަސަންޓަކީ އަރަބިންނެވެ. އަދި މި ފަދަ ގާނޫނެއްގެ ސަބަބުން، އަރަބިންގެ ހައްގުތަކަށް އިތުރު ހީނަރު ކަމެއް އަންނާނެ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިނގިރޭސިން ފަލަސްތީނު ހިފައި، އެބިމުގައި ޔަހޫދީން އާބާދުކޮށް އެއަށް ފަހު އެމީހުންނަށް އެތަނުގައި ދައުލަތެއް ގާއިމު ކޮށްދިނީ މީގެ 70 އަހަރު ކުރިންނެވެ. ފަލަސްތީނުގެ އަސްލު ވަޒަންވެރިން އެމީހުންގެ ގެދޮރުން ނެރެލައި އިޒްރޭލުގެ ދައުލަތް ގާއިމްކުރުމަަށް ފަހު އެކަން ރަސްމީކޮށް އިއުލާނު ކުރީ 1948 ވަަނަ އަހަރުގެ މޭމަހުގެ 14 ވަނަ ދުވަހު އެވެ.

އިޒްރޭލުން އަދިވެސް ދަނީ ފަލަސްތީނު މީހުންނާއި ދެކޮޅަށް އިންސާނިއްޔަތާ ހިލާފު އެތައް ޖަރީމާތަކެއް ހިންގަމުންނެވެ.