ދުނިޔެ

ކެޓްލީން ޖެނާ އަށް ހުޅަނގުގެ މީޑިއާ ސަޖިދަޖަހަނީ!

ފަހަރެއްގައި މި ދުވަސްކޮޅު ހުޅަނގުގެ މީޑިއާތަކުން އެންމެ ބޮޑު ސަމާލުކަމެއް ދީފައި ވަނީ ސެޕް ބްލެޓާ އަށެވެ. ފީފާގެ ރައީސްކަން 1998 ވަނަ އަހަރުން ފެށިގެން ކުރަމުން އައި ބްލެޓާއާ ޖައްސާލި ގޮތަށް ހުޅަނގުގެ ބާރުގަދަ ދައުލަތްތަކާއި މީޑިއާތަކުން އެ ވަނީ އެންމެފަހުން ފީފާ އިން ބްލެޓާ ފައްސާލައިފަ އެވެ.

ހުޅަނގުގެ މީޑިއާތަކުން ބްލެޓާގެ ޚަބަރުތައް ގެނެސްދޭއިރު އެ ބޭފުޅާގެ ކިބައިގައި ހަމަ ރަނގަޅު އެއް ކަމެއް ވެސް ނެތެވެ.

ކެޓްލީން ޖެނާ އަކީ ބްލެޓާ އަށް ދީފައިވާ ސަމާލުކަމާ އެއްވަރުގެ ސަމާލުކަމެއް ހުޅަނގުގެ މީޑިއާތަކުން މި ދުވަސްކޮޅު ދީފައިވާ އަނެއް ނަމެވެ. ނަމަވެސް ބްލެޓާ ވާހަކަ ލިޔަމުންދާ ގޮތާ ދިމާ އިދިކޮޅަށެވެ.

ކެޓްލީން ވަރެއް ނެތިގެން ހުޅަނގުގެ މީޑިއާ އިން އެ ގެންދަނީ އޭނާ އަށް ސަޖިދަ ޖަހަމުންނެވެ. އޭނާ އަށް ފާޑުކިޔާ މީހާ ވެސް ބޭޒާރުކޮށް ކޮށައި ކަތިލަނީ އެވެ.

އެހެންވީމަ ހުޅަނގުން މާ ބޮޑު އިހްތިރާމަކާއި ލޯތްބެއް އަދި ގަދަރެއް ދީގެން ޕްރޮމޯޓްކުރަމުން އަންނަ ކެޓްލީން ޖެނާ އަކީ ކާކުތޯ، އެންމެ ފުރަތަމަ ބަލާލަމާ ހިނގާށެވެ.

މިއީ އަންހެނަކަށް ބަދަލުވެފައިވާ ފިރިހެނެކެވެ. މިއީ އެންމެ ކުރުކޮށް ޖެނާގެ ވާހަކަ ކިޔައި ދެވޭނެ ގޮތެކެވެ.

ވިލިއަމް ބްރުސް ޖެނާ ނުވަތަ ބްރުސް ޖެނާގެ ގޮތުގައި ކުރިން ދުނިޔެ އަށް މަޝްހޫރުވި ޖެނާ އަކީ އެންމެ ކުރިން ނިކަން ބާރު ދުވުންތެރިއެކެވެ. ގިނަ ބަޔަކު ދަންނަ ނަމަކަށް "ކްރިސް ޖެނާ" އެންމެ ފުރަތަމަ ބަދަލުވީ ވެސް އެތުލީޓެއްގެ ގޮތުގައި އޭނާ ހޯދި ކާމިޔާބީއާ ގުޅިގެންނެވެ.

އެގޮތުން 1976 ވަނަ އަހަރުގެ ސަމާ އޮލިމްޕިކްސްގައި ގޯލްޑް މެޑަލް ހާސިލުކޮށް އޭރަށް މަޝްހޫރުވި ރިކޯޑެއް ވެސް ގާއިމުކުރި އެވެ.

މި ކެރިއަކަށް ފަހު ދެން އޭނާ މަޝްހޫރުވީ ޓީވީ ޕާސަނާލިޓީއެއްގެ ގޮތުގަ އެވެ. މީގެ އިތުރުން މަޝްހޫރު ކާޑޭޝިއަން އާއިލާގެ މަންމަ ކްރިސް ޖެނާގެ ކުރީގެ ފިރިމީހާގެ ގޮތުގައި ވެސް ގިނަ ބަޔަކު އޭނާ ދަނެ އެވެ.

މަޝްހޫރު ޓީވީ ޕާސަނާލިޓީ ކިމް ކާޑޭޝިއަންގެ މަންމައާ އިނދެގެން ޖެނާ 23 އަހަރު ހޭދަކުރި އެވެ. ބްރޯޑީ ޖެނާ އާއި ކެންޑާލް ޖެނާ އަދި ކައީލް ޖެނާ ފަދަ މަޝްހޫރު ސެލެބްރިޓީންނަކީ ހައްތަހާ ވެސް ޖެނާ އަށް ބައްޕަކިޔާ ކުދިންނެވެ.

ނަމަވެސް މިހާރު މިވީ ގޮތުން އެ ކުދިންނަށް އެމީހުންގެ ބައްޕަ ގެއްލުނީ އެވެ. ކްރިސް ޖެނާ ރަސްމީކޮށް ކެޓްލީން ޖެނާ އަށް ބަދަލުވީމަ އެވެ.

 

ބައްޕައެއްގެ އަމިއްލަ އެދުމަށް ދަރިން ގުރުބާންކޮށްލީ އެވެ. 

އޭނާގެ މި ބަދަލަށް އެމެރިކާގެ އެންމެ އާދައިގެ މީހާ އިން ފެށިގެން މީޑިއާތަކުން ގޮސް އެގައުމުގެ ރައީސް ބަރަކް އޮބާމާ ވެސް ގެންދަވަނީ ތައުރީފުކުރައްވަމުންނެވެ. ކެޓްލީން ޖެނާގެ ގޮތުގައި ކްރިސް ޖެނާ ރަސްމީކޮށް، ވެނިޓީފެއާ މަޖައްލާގެ ބޭރުގަނޑަކުން ދުނިޔެ އަށް ދައްކާލާފައިވާއިރު ގަބޫލުކުރަން ޖެހެނީ އޭނާ އަށް އޮހެމުން ދަނީ ހަގީގަތުގައި ވެސް ތައުރީފު ކަމެވެ.

ހާއްސަކޮށް ހުޅަނގުގެ މީޑިއާތަކުން އޭނާގެ މި ބަދަލަށް ތައުރީފުކޮށް ޕްރޮމޯޓްކުރަން ކުރާ މަސައްކަތް ފާހަގަކޮށްލެވެ އެވެ. އެގޮތުން ޖެނާގެ މި ބަދަލަށް ޓްވިޓާގައި ފާޑުކިޔާ ބައެއް އެހެން ސެލެބްރިޓީން ވެސް މި ދެންނެވި ހުޅަނގުގެ މީޑިއާތަކުން ދަނީ ކަތިލަމުންނެވެ.

ފާޑުކިޔާ ބައެއް ފަރާތްތަކުން ޖެނާ ސިފަކުރަނީ މޮޔައެއްގެ ގޮތުގަ އެވެ. އަދި ފިރިހެނަކު "ތިމަންނައަކީ އަންހެނެއް" ކަމަށް ބުނެ އެކަން ދައްކަން މޭކަޕްކޮށް ހެދުން އެޅުމުން ދުނިޔެ އިން އެކަމަށް ތައުރީފުކޮށް ހިތްވަރު ދިނުމަކީ ޖެނާގެ "މޮޔަ ބަލީ" ގެ ޝިކާރައަކަށް މުޅި ދުނިޔެ ވެފައިވާކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

ޖެނާ އަކީ ކުޑައިރު، ޖެންޑާ އައިޑެންޓިޓީ ޑިސްއޯޑާ އަށް ޑައިގްނޯސްކޮށްފައިވާ ފަރާތެކެވެ. އަދި ޒުވާން ދުވަސްވަރުގައި ފިރިހެން ހެދުންތައް ދޫކޮށް އަންހެން ހެދުން ވެސް އަޅައި އުޅުނު ފިރިހެނެކެވެ. ހޯމޯން ރިޕްލޭސްމެންޓް ތެރަޕީ ނަގައިގެން އަންހެނެއްގެ ސިފަ ލިބިގަތުމަށް ވެސް މަސައްކަތްކޮށްފައިވެ އެވެ.

ނަމަވެސް 1990ގެ ކުރީކޮޅު ކްރިސް ޖެނާ (އޭރުގެ ކްރިސް ކާޑޭޝިއަން) އާ ބައްދަލުވެ، ހިތާވެ ކައިވެނިކުރާ ހިސާބަށް ދިއުމުން، އަންހެނަކަށް ބަދަލުވުމަށް ދެކުނު ހުވަފެން ކްރިން ޖެނާ ދޫކޮށްލީ އެވެ.

ނަމަވެސް އެންމެފަހުން އެ ހުވަފެން ހަގީގަތަށް ހެދުމަށް ޖެނާ ވަނީ މިދިޔަ މާޗް މަހު ކްރިސް ޖެނާ ވަރިކޮށް ކްރިސް ޖެނާގެ މަތިން ވެސް ހަނދާން ނައްތާލައިފަ އެވެ.

އެއަށް އޭނާ ބުނަނީ ކްރިސް ޖެނާގެ މަތިން ހަނދާން ނައްތާލުމަށް އެންމެން ވެސް އޭނާއާ "ކެޓްލީން ޖެނާ" ގެ ނަމުން މުހާތަބު ކުރުމަށެވެ. މި ނަމުގައި ނުކުމެ އޭނާ ވަނީ ޓްވިޓާގައި ވެސް ރިކޯޑް މުގުރާލައިފަ އެވެ. އެއީ ހަތަރު ގަޑިއިރުގެ ތެރޭގައި އެއް މިލިއަން މީހުން އޭނާ ފޮލޯކުރުމުންނެވެ.