ދުނިޔެ

އިންޑޮނީޝިއާއަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް

Aug 9, 2018

ބާލީ (އޯގަސްޓް 9) - ޓޫރިސްޓުންގެ މެދުގައި މަގުބޫލު އިންޑޮނޭޝިއާގެ ސަރަހައްދަކަށް އާދީއްތަ ދުވަހު އައި ބާރުގަދަ ބިންހެލުމުމުގައި ހާލުގައި ޖެހުނު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހަމަ އެސަރަހައްދަށް އަނެއްކާވެސް މިއަދު ބިންހެލުމެއް އައިސްފި އެވެ.

ބާލީގެ އިރުން 40 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެއް ކަމުގައިވާ ލޮމްބޯކް އަށް މިއަދު އައި ބިންހެލުމަކީ 5.9 މެގްނިޓިޓިއުޑުގެ ބާރު މިނުގައި އައި ބިންހެލުމެއް ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

މިއީ މިދިޔަ ދެ ހަފްތާގެ ތެރޭގައި ލޮމްބޯކް ސަރަހައްދަށް އައި ތިންވަނަ ބިންހެލުމެވެ.

އާދީއްތަ ދުވަހު އައި ބިންހެލުމުގައި މިހާތަނަށް 131 މީހުން މަރުވެފައިވާއިރު، 150،000 އަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

އެ ހާދިސާގައި މިހާތަނަށް 2،500 އަށް ވުރެ ގިނަ މީހުން ޒަހަމްވެ، ހޮސްޕިޓަލުތަކުގައި ފަރުވާދެވެމުން އަންނައިރު، ބިންހެލުމުގައި ވެއްޓުނު އެތަކެއް ހާސް އިމާރާތެއްގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރެވެމުންނެވެ.

މިއަދު އައި ބިންހެލުމުގައި ވެސް ބައެއް އިމާރާތްތައް ވެއްޓިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފަ އެވެ.