ހަބަރު

ވޯޓުލާ ދުވަސް ބަންދު ކުރަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓްލާ ދުވަސް، ސެޕްޓޭމްބަރު 23 އެއީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރު ކޮށްލައިފި އެވެ.

އެ މައްސަލަ ހުށަހެޅުއްވި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ޓްވީޓެއް ކުރައްވާ ވިދާޅުވީ އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓަށް ބަލައިނުގަތް ކަމަށެވެ.

އޭނާ މި މައްސަލަ ހުށަހެޅްވެވީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ މައްސަލައިގައި އެދި ވަނީ ފަސޭހަކަމާއެކު ވޯޓުލުމުގެ ހައްގު ހުރިހާ ރައްޔިތުންނަށް ފޯރުކޮށް ދިނުމަކީ ދައުލަތުގެ އެންމެހާ ފަރާތްތަކުގެ ވާޖިބެއް ކަމަށާއި އެ ދުވަސް ސަރުކާރު ބަންދު ނޫން ދުވަހަކަށް ވެއްޖެނަމަ ބައެއް ފަރާތްތައް ވޯޓުލުމުގެ ހައްގުން މަހުރޫމުވެދާނެ ކަމަށެވެ.