ވިޔަފާރި

ރަޝިއާގައި އޮންނަ ބޮޑު ޓޫރިޒަމް ފެއާއަކަށް މަޓާޓޯ

Aug 11, 2018

އަންނަ މަހު ރަޝިއާގައި އޮންނަ އޯޓީޑީވައިޗޭއެޗް ލެޝާ ފެއާގައި ބައިވެރިވާން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ތައްޔާރު ވެއްޖެ އެވެ.

މަޓާޓޯ އިން ބުނީ ކޮމަންވެލްތް އޮފް އިންޑިޕެންޑެސް ސްޓޭޓްސް (ސީއައިއެސް) ގެ ގައުމުތާއި ރަޝިއާ މާކެޓަށް ހާއްސަކޮށް ބާއްވާ މި ފެއާ އޮންނާނީ އަންނަ މަހުގެ 11-13 އަށް މޮސްކޯގައި ކަމަށެވެ.

އޯޓީޑީވައިޗޭއެޗް ލެޝާ ފެއާގައި 85 ގައުމަކުން 900 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވާނެ އެވެ. މިއީ މި ފެއާ ބާއްވާ 24 ވަނަ ފަހަރެވެ.

މަޓާޓޯ އިން ބުނީ މި ފެއާގައި ބައިވެރިވަނީ ޓޫރިޒަމް ވިޔަފާރީގައި މަގުބޫލު ކުންފުނިތައް ކަމަށާ، މިދިޔަ އަހަރު 40،770 މީހުން ޒިޔާރަތް ކުރިއިރު، މިދިޔަ އަހަރު މުޅިން އަލަށް 16،320 މީހުން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

މި ފެއާގައި މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން މަޓާޓޯ އާއި ޓޫރިޒަމް އިންޑަސްޓްރީ އިން ވަނީ ބައިވެރިވެފަ އެވެ. މިއީ ރާއްޖެ ތަމްސީލް ކުރަން މަޓާޓޯއިން މި އަހަރު ބައިވެރިވާ 10 ވަނަ ޓޫރިޒަމް ފެއާ އެވެ. އެ ޖަމިއްޔާއިން ވަނީ މި އަހަރަށް ހާއްސަ ޓާގެޓްތަކެއްކޮށް ރާއްޖެ އިޝްތިހާރު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފަ އެވެ. މިގޮތުން އަވަށްޓެރި އިންޑިއާއިން އެއް ލައްކަ ޓޫރިސްޓުން ރާއްޖެ ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.