ހަބަރު

އިންތިހާބުގައި ވާދަނުކުރަން އުމަރާއި ސުޖާއު ނިންމަވައިފި

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެލްޖީއޭގެ ކުރީގެ ރައީސް ސުޖާއު ހުސެއިން އިންތިހާބުގައި ވާދަ ނުކުރައްވަން އެންމެ ފަހު ވަގުތު ނިންމަވައިފި އެވެ.

އިންތިހާބުގައި ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިއަދު ހަވީރު 4:00 ގައި ހަމަވާން ވަގުތު ކުޑަތަން ވަމުން އަންނަ އިރު އެދެބޭފުޅުން ނެރުއްވި ބަޔާނުގައި ވިދާޅުވީ، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމެވީ މިވަގުތު ރާއްޖޭގެ ސިޔާސީ މަޝްރަހު ހުރި ގޮތުން ގައުމުގައި ހުރި މައްސަލަތަކެއް ހައްލެއް ހޯދައިދެވޭނެ ކަމަށް ގަބޫލު ނުކުރައްވާތީ ކަމަށެވެ.

"ނަމަވެސް މިއަދުގެ ސިޔާސީ ހާލަތު އޮތްގޮތުން، ހަރުދަނާ ސިޔާސަތުތަކާ ގައުމު އަމާން މިސްރާބަކަށް ގެންގޮސްދޭނެ ލީޑަރުން އިންތިހާބު ކުރުމަށް ވުރެ ބޮޑަށް މި ރިޔާސީ އިންތިހާބު ބަދަލުވެފައި މި ވަނީ ފެންނަ ނުފެންނަ ވޯޓަކަށެވެ. އެހެންކަމުން އަޅުގަނޑުގެ ވަގުތު އަދި ނުޖެހޭ ކަމަށް ދެކޭތީ އަޅުގަނޑާ މެދު އުއްމީދު ކުރައްވާ ހުރިހާ ބޭފުޅުންގެ އަރިހުން މާފަށް އެދޭ ހާލު، މި ރިޔާސީ އިންތިހާބުގައި ވާދަނުކުރަން އަޅުގަނޑު ނިންމައިފީމެވެ،" އުމަރުގެ ބަޔާނުގައިވެ އެވެ. އުމަރު ވިދާޅުވީ އިންތިހާބުގައި ކުރިމަތިނުލެއްވިޔަސް ސިޔާސީ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށެވެ.

ސުޖާއު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި މިވަގުތު ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުން ރައްޔިތުންނަށް އޮޅުވާލައި ދޮގު ހަދާފައިވާ ކަމަށެވެ. އަދި އެކަންކަން ހައްލު ކުރުމަށް ކަމަށް ބުނެ ރައީސް ޔާމީން ވަނީ ގައުމުގެ ދުސްތޫރީ ނިޒާމު އެކީ ގަނޑުބަޑު ކޮށްލާފައި ކަމަށެވެ. މިފަދަ ގޮތަކަށް ކަންކަން ވެފައި ވަނިކޮށް ރިޔާސީ އިންތިހާބަށް ނުކުމެ ސިޔާސީ މަސައްކަތް ކުރުމަށް ހުރަސްތައް ހުރި ކަމަށް ސުޖާއު ވަނީ ވިދާޅުވެފަ އެވެ.

މިހާތަނަށް އިންތިހާބުގައި ވާދަކުރަން ކުރިމަތިލެއްވީ، އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރަނިންމޭޓް ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް އެވެ. ދެން ކުރިމަތިލެއްވީ، ޕީޕީއެމްގެ ފަރާތުން މިހާރުގެވެސް ރައީސުލްޖުމްހޫރިއްޔާ، އަބްދުﷲ ޔާމީން އެވެ. އިބޫ އާއި ފައިސަލްގެ ކެންޑިޑެސީ ސައްހަ ކަމަށް އީސީ އިން ވަނީ ބަލައިގެންފަ އެވެ. ރައީސް ޔާމީން އިންތިހާބަށް ކުރިމަތިލައްވަން ފޯމް ހުށަހެޅީ އިއްޔެ އެވެ.