ހަބަރު

ރީ ރަޖިސްޓްރީ ކުރަން 72،000 ފޯމް ހުށަހަޅައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ރީ ރަޖިސްޓްރީކުރުމަށް އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހެޅި އަދަދު 72000 އަށް އަރައިފި އެވެ.

ވޯޓުލާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލާން އެދޭ ނަމަ ރީ-ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންޖެހޭ މުއްދަތު މާދަމާ ރެއަށް ހަމަވާއިރު ގިނަ އަދަދެއްގެ ފޯމްތައް މިހާރުވެސް ލިބެމުންދާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެ ކޮމިޝަނުން މިހާރު ވަނީ ފޯމް ބަލައިގަތުމުގެ މުއްދަތު ވެސް އިތުރުކޮށްފަ އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން އީސީގެ މެންބަރު، އަދި ތަރުޖަމާން އަހުމަދު އަކްރަމް ވިދާޅުވީ، ރީ ރަޖިސްޓްރީވުމަށް އެދި ފޯމް ހުށަހަޅާފައިވާ 72000 މީހުންގެ ފޯމް އެކޮމިޝަނަށް ބަލައިގެންފައިވާ ކަމަށެވެ. އަދިވެސް ގިނަ އަދަދެއްގެ ފޯމްތައް ލިބެމުންދާތީ ފޯމް ބަލައިގަތުމުގެ މުއްދަތު ކުރިއަށް މި އޮތް ދެ ރޭ ވެސް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން މިރޭ 21:00 އަށް އަދި މާދަމާ ރޭ 12:00 އާ ހަމަޔަށް އިލެކްޝަނުން ފޯމްތައް ބަލައިގަންނާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އީސީއިން މީގެ ކުރިން ފޯމް ބަލައިގަންނަނީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 6:00 އަށެވެ.

"ހުރިހާ ޕާޓީއަކުން ވެސް ދަނީ ފޯމް ހުށަހަޅަމުން. ރޭވެސް ފަނަރަ ވަރަކަށް ހާސް ފޯމް ކޮމިޝަނަށް ހުށަހެޅި. މި އަދަދު އަދި އިތުރުވާނެ ކަމަށް ބެލެވޭ. އެހެންވީމަ ފޯމްތައް ޕްރޮސެސް ކުރަން ވަގުތު ވެސް ނަގާނެ ކަމަށް ބެލެވެނީ،" އަކްރަމް ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 260،000 އަށް އަރައެވެ.