ދުނިޔެ

ދިއްލީގައި ވެސް މެގީ ނޫޑްލްސް މަނާކޮށްފި، ޓެސްޓުތައް މުޅި ގައުމަށް!

Jun 4, 2015

ނުރައްކާ މިންވަރަކަށް މޮނޮސޯޑިއަމް ގުލުޓެމޭޓް (އެމްއެސްޖީ) އާއި ލެޑް ހުރެގެން، މަޝްހޫރު މެގީ ނޫޑްލްސް ވިއްކުން އިންޑިއާގެ ވެރިރަށް ދިއްލީގައި ވެސް އިއްޔެ މަނާކޮށްފި އެވެ. އަދި މައި ސަރުކާރުން ވަނީ ހުރިހާ ސްޓޭޓެއްގައި މެގީގެ ޓެސްޓުތައް ހެދުމަށް އަންގާފަ އެވެ.

އިންޑިއާގެ ފުޑް އެންޑް ކޮންޒިއުމާ އެފެއާޒް މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ ޖީ ގުރުޗަރަން ވިދާޅުވި ގޮތުގައި ދިއްލީގައި ޓެސްޓްކުރި 13 ޕެކެޓުގެ ތެރެއިން 10 ޕެކެޓުގައި މައުދަނުގެ ބާވަތެއް ކަމަށްވާ ލެޑު ނުރައްކާވާ މިންވަރަށް ހުރިއިރު، ފަސް ޕެކެޓުގައި އެމްއެސްޖީއެމް ހުއްދަކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް ހުއްޓެވެ. އެހެން ސްޓޭޓްތަކުގައި ހަދަމުންދާ ޓެސްޓުތަކުގެ ނަތީޖާ ލިބެން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ނަތީޖާއެއް ލިބުނީމައި، [މެގީ ނޫސްޑްލްސް އުފައްދާ] ވެގެން އުޅޭ ގޮތް ކިޔައިދޭން ނެސްލޭ ކުންފުންޏަށް ފުރުސަތު ދޭނަން،" އޭއެފްޕީ ނޫސް އެޖެންސީ އަށް ދެއްވި އިންޓަވިއުއެއްގައި ގުރުޗަރަން ވިދާޅުވި އެވެ.

ދިއްލީގެ އިތުރުން، ކެރެލާގައި ވެސް ވަނީ ސަރުކާރުން ހިންގާ ފިހާރަތަކުގައި މެގީ ނޫޑްލްސް ވިއްކުން މަނާކޮށް، މިހާރު ހުރި ސްޓޮކް އަނބުރާ ފޮނުވާލުމަށް އަންގާފަ އެވެ. އެ ސްޓޭޓުގެ ފުޑް އެންޑް ސިވިލް ސަޕްލައިޒް މިނިސްޓަރު އަނޫޕް ޖޭކޮބް ވިދާޅުވި ގޮތުގައި އެ ފިޔަވަޅު އަޅާފައި ވަނީ މިހާރު ޖެހިފައިވާ މައްސަލަ އަށް ހައްލެއް ހޯދެންދެނެވެ.

މީގެ އިތުރުން، ގޯއާ އާއި ހަރުޔާނާ އާއި ގުޖުރުތާއި ކަރުނާޓަކާ އަދި ތަމަޅަ ނާޑޫ ސްޓޭޓުގެ ސަރުކާރުން ވަނީ މެގީ ނޫޑްލްސްގެ ޓެސްޓުތައް ހެދުމަށް އަންގާފަ އެވެ. އެއީ މައި ސަރުކާރުން މުޅި ގައުމުގައި ކުރިއަށް ގެންދާ ޓެސްޓުތަކުގެ ބޭރުން، އެ ސްޓޭޓުތަކުގެ ސަރުކާރުތަކުން ވަކިން ހަދާ ޓެސްޓުތަކެކެވެ.

އިންޑިއާގެ އިތުރުން ދެކުނު އޭޝިއާގެ ވަރަށް ގިނަ ގައުމުތަކެއްގައި ވެސް މަގުބޫލުކަން ހޯދާފައިވާ މެގީ ނޫޑްލްސްގެ މައްސަލަ އެންމެ ފުރަތަމަ ޖެހުނީ އުއްތަރަ ޕްރަދޭޝްގައި މިދިޔަ މަހުގެ މެދު ތެރޭގަ އެވެ. އެ ސްޓޭޓުގައި ޓެސްޓްކުރި 24 ޕެކެޓެއްގައި ނުރައްކާ މިންވަރަކަށް އެމްއެސްޖީއެމް އާއި ލެޑު ހުރިކަން ހާމަވުމާ އެކު، ސްޓޭޓު ސަރުކާރުން ވަނީ މެގީ ނޫޑްލްސް ވިއްކުން މަނާކޮށްފަ އެވެ.

އެހެން ނަމަވެސް، މެގީ ނޫޑްލްސް އުފައްދާ ނެސްލޭ އިންޑިއާ އިން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި ނޫޑްލްސް އާއި އެ ނޫން ވެސް ހުރިހާ ކާއެއްޗެއް އުފައްދަނީ އެންމެ މަތީ ފެންވަރުގެ ކާރުހާނާތަކާއި ގޮތްތައް ބޭނުންކޮށްގެންނެވެ.

"މެގީ ނޫޑްލްސް އަށް އެމްއެސްޖީއެމްއެއް ނާޅަން. އޭގައި ލެޑު ހިމެނޭ ކަމަށް ޓެސްޓުތަކުން ދައްކާ ނަމަ، އެއީ [ނޫޑްލްސް އުފެއްދުމުގައި ބޭނުންކުރާ] ގުދުރަތީ އެއްޗިހީގައި ހިމެނޭ ލެޑު،" ކާއެއްޗެހި އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ނެސްލޭގެ އިންޑިއާ ސަބްސިޑަރީން މިދިޔަ މަހު ފަހުކޮޅު ނެރުނު ބަޔާނެއްގައިވެ އެވެ.

އެމްއެސްޖީއެމް އަކީ ޗައިނީޒް ކާއެއްޗެއްސާއި ދަޅުގައި ބަންދުކޮށްފައި ހުންނަ ތަރުކާރީގެ ބާއްވަތްތަކުގައި ރަހަ ލެއްވުމަށް އާއްމުކޮށް ބޭނުންކުރާ މާއްދާ އެކެވެ. އެކަމަކު، ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެ މާއްދާ ހުންނަ ކާތަކެތި މާ ގިނައިން ކެއުމުން ބޮލުގައި ރިއްސުމާއި މޭ އެންދުމާއި ހޮނޑު ލަވާ ގޮތްވުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހެ އެވެ. އަދި ދިގު މުއްދަތަކަށް ބޭނުންކޮށްފި ނަމަ، ނާރުތަކަށް ގެއްލުން ވުން ވެސް އެކަށީގެންވާ ކަމުގެ އިންޒާރު އެ ފަރާތްތަކުން ވަނީ ދީފަ އެވެ.