overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ޗައިނާއަކީ ތަރައްގީގެ ބައިވެރިއެއް، ގުޅުން ހީނަަރެއް ނުކުރާނަން: އިބޫ

Aug 11, 2018
13

ޗައިނާއަކީ ރާއްޖެއަށް ތަރައްގީ ގެނައުމުގައި ގިނަ އެހީތަކެއްވެދޭ ގައުމެއް ކަމަށާއި އެ ގައުމާއެކު މިހާރު އޮތް ގުޅުން ހީނަރެއް ނުކުރައްވާނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށްޓަކައި އެހީތެރިވެދޭ އެއްވެސް ގައުމަކަށް ފުރަގަސްދީ ގުޅުން ހީނަރުވާ ފަދަ އަމަލެއް ނުކުރައްވާނެ ކަމަށާއި ނަމަވެސް ތަރައްގީގެ މަޝްރޫއުތައް ހަވާލު ކުރުމުގައި ނާޖާއިޒް ފައިދާއެއް ހުރި ނުވަތަ ގާނޫނުތަކުން ބޭރުން ހިންގާފައިވާ މުއާމަލާތްތައް ބަލާ އެކަންކަން ރަނގަޅުކޮށް ހަމަޔަކަށް އަޅުއްވާނެ ކަމަށެވެ.

އެގޮތުން މި ސަރުކާރުން ގުޅުން ވަރުގަދަކޮށްފައިވާ ސައުދީ އަރަބިއްޔާއަކީ ގުޅުން ބަދަހިވެފައި އޮންނަން ޖެހޭ މުހިންމު އިސްލާމީ ގައުމެއް ކަމަށާއި ޗައިނާއަކީ ތަރައްގީއަށް މުހިންމު މަސައްކަތްކޮށްދޭ ގައުމެއް ކަމަށެވެ. އެހެންކަމުން އެ ދެ ގައުމާއެކު މިހާރު އޮތް ގުޅުން އެއްވެސް މިންވަރަކަށް ހީނަރެއް ނުކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"ޗައިނާއަކީ އަޅުގަނޑުމެންގެ ތަރައްގީއަށް މުހިންމު މަސައްކަތްތަކެއް ކޮށްދޭ ގައުމެއްކަން އަޅުގަނޑު ފާހަގަ ކުރަން، އެހެންވެ ޗައިނާއެކު އޮތް ގުޅުމަކީ އަޅުގަނޑުމެން ކުޑަ ކުރާނެ ގުޅުމެއް ނޫން،" އިބޫ ވިދާޅުވި އެވެ.

އިދިކޮޅު ސަރުކާރެއްގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރައްވާނީ އިންޑިޔާ ކަަނޑުގެ ހަމަޖެހުމާއި ރައްކާތެރިކަމަށް ބަލައިގެން ކަމަށެވެ. އެގޮތުން އިސްލާމީ ގައުމުތަކާއި މިހާރު ގުޅުން ކަނޑާލާފައިވާ ބައެއް ގައުމުތަކާއި ކޮމަންވެލްތު ފަދަ ގައުމުތަކާ ގުޅުން ބަދަހި ކުރާނެ ކަމަށެވެ. އަދި ވަކި ގައުމެއް ދޫކޮށް އެކަހެރި ނުކޮށްލާނެ ކަމަށާއި ގައުމަށް ރަނގަޅު ގޮތްތައް އެދޭ ހުރިހާ ފަރާތްތަކާ އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ މިހެން ވިދާޅުވި އިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން ސަރުކާރާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެވެ. އަދި ޗައިނާގެ ސިޔާސަތުތަކަށް ވެސް އެމަނިކުފާނު ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެވެ.