ދުނިޔެ

އައިއެސްގެ 10،000 އަށް ވުރެ ގިނަ ހަނގުރާމަވެރިން މަރާލެވިއްޖެ: އެމެރިކާ

Jun 4, 2015

އިސްލާމީ ސްޓޭޓް (އައިއެސް)އާ ދެކޮޅަށް ގުޅިފައިވާ ބައިނަލްއަގުވާމީ ކޯލިޝަނުން އިރާގާއި ސީރިއާގައި ދެމުންދާ ވައިގެ ހަމަލާތަކުގައި އެ ޖަމާއަތުގެ 10،000 އަށް ވުރެ ގިނަ ހަނގުރާމަވެރިން މިހާތަނަށް މަރާލާފައިވާ ކަމަށް އެމެރިކާ އިން އިއްޔެ ބުނެފި އެވެ.

ފްރާންސްގެ އިންޓަ ރޭޑިއޯ އަށް ދެއްވި އިންޓަވިއުއެއްގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ ނައިބު އެންޓޮނީ ބްލިންކެން ވިދާޅުވި ގޮތުގައި އައިއެސްއާ ދެކޮޅު ކޯލިޝަންގެ އޮޕަރޭޝަން ފެށިތާ މިވީ ނުވަ މަސްދުވަހުގެ ތެރޭގައި އައިއެސް ވަނީ ކޮންމެވެސް ވަރަކަަށް ބަލިކަށިކޮށްލެވިފަ އެވެ. އެ އޮޕަރޭޝަން ފެއިލްވެފައިވާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ބުނުމުގައި އަސާސެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ހާރިޖީ ސިޔާސަތާ ބެހޭ ދެ ވަނަ އަށް އެންމެ އިސްވެރިޔާ އެ އިންޓަވިއު ދެއްވީ، އައިއެސް އިން ހޯދަމުންދާ ކާމިޔާބީތަކާ ގުޅޭ ގޮތުން ދުނިޔޭގެ 20 ބާރެއްގެ ހާރިޖީ ވަޒީރުންނާއި އެ ފެންވަރުގެ އޮފިޝަލުން ފްރާންސްގެ ވެރިރަށް ޕެރިހުގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވެވި ބައްދަލުވުމަށް ފަހު އެވެ. އެ ބައްދަލުވުމުގައި ރަޝިއާ އާއި ސީރިއާ އަދި އިރާނުން ބައިވެރިއެއް ނުވެ އެވެ.

އެ ބައްދަލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ބްލިންކެން ވަނީ އައިއެސް އިން އެންމެ ފަހުން ހިފި އިރާގުގެ އަންބާރު ޕްރޮވިންސް އަތުލުމަށް އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީ ގެންގުޅުއްވާ ސިޔާސަތަށް ތައުރީފްކުރައްވާފަ އެވެ. އެ ސިޔާސަތުގެ ތެރޭގައި ހިމެނެނީ، އޭނާ ވިދާޅުވި ގޮތުގައި، ސަރަހައްދީ ގަބީލާތަކުގެ މީހުން ތަމްރީންކޮށް ހަތިޔާރު ފޯރުކޮށް ދިނުމާއި ހަތިޔާރު ދޭ މިންވަރު އިތުރު ކުރުމާއި ސިފައިންނާއި ފުލުހުންގެ ފައުޖުތައް ފުޅާކޮށް ތަރައްގީކުރުމުގެ އިތުރަށް، އަތުލެވޭ ސަަރަހައްދުތައް އާރާސްތުކުރުމުގެ މަސައްކަތް ވަގުތުން ފެށުމަށް ތަރައްގީގެ ފަންޑެއް ގާއިމްކުރުމެވެ.

މީގެ އިތުރުން، ޖާނުން ފިދާވުމުގެ ހަމަލާ ދިނުމަށް އައިއެސް އިން ބޭނުންކުރާ ވެހިކަލްތަކަށް ހަމަލާ ދިނުމަށް އިރާގު ސިފައިންނަށް އެންޓި ޓޭންކް ރޮކެޓް ފޯރުކޮށް ދޭނެ ކަމުގެ ޔަގީންކަން ވެސް އެމެރިކާ އިން އެ ބައްދަލުވުމުގައި ދީފައިވެ އެވެ.

އައިއެސް އިން ވަނީ މިދިޔަ މަހުގެ ތެރޭގައި އިރާގުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. އެ ގޮތުން، އެ ޖަމާއަތުން ވަަނީ އަންބާރު ޕްރޮވިންސުގައި އޮންނަ މުހިއްމު އަވަށެއް ކަމަށްވާ ރަމާދީ ހިފާފަ އެވެ.

މިދިޔަ މަހު 17 ގައި ރަމާދީ ހިފުމާ އެކު، ސަރުކާރު ސިފައިންނާއި ފުލުހުން ވަނީ ފަހަތަށް ޖެހިފަ އެވެ. ރަމާދީގެ މައި އަސްކަރީ މަރުކަޒު ހިފައި އެ ތަނުގައި ހުރި ޓޭންކުތަކާއި އެ ނޫން ވެސް ބަރު ހަތިޔާރު އައިއެސްގެ ބެލުމުގެ ދަށަށް ގެނެސްފައި ވާއިރު، ސަރުކާރުން ވަނީ އެ ސިޓީ އަލުން ހިފުމުގައި އަސްކަރިއްޔާ އަށް އެހީ ވުމަށް ހަނގުރާމަވެރި އެހެން ޖަމާއަތްތަކަށާއި އާއްމުންގެ ތެރެއިން ހިލޭސާބަހަށް ހަނގުރާމަކުރަން ބޭނުންވާ މީހުންނަށް ގޮވާލާފަ އެވެ.

މި ގޮވާލުމާ އެކު، އީރާނުން އެހީވާ ޝީއީ ހަނގުރާމަވެރިންގެ ފައުޖެއް ރަމާދީގެ އިރުމަތިން 20 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަ އަވަށެއް ކަމަށްވާ ހައްބާނިއްޔާ އަށް ވަނީ ވަގުތުން ޖަމާވެފަ އެވެ. ގާތްގަނޑަކަށް 3،000 ހަނގުރާމަވެރިންގެ މައްޗަށް އެކުލެވިގެންވާ އެ ފައުޖު ހައްބާނިއްޔާގެ މައި އަސްކަރީ މަރުކަޒުގައި ގާއިމްވެގެން ތިބުމަށް ފަހު، މިދިޔަ މަހު ފަހުކޮޅު ވަނީ ރަމާދީ އަލުން ހިފުމުގެ މަސައްކަތް ފަށާފަަ އެވެ. އެ މަސައްކަތް މުޅި އަންބާރު ޕްރޮވިންސަށް ފުޅާކޮށް، މިހާރު ކުރިއަށް ގެންދަނީ އަސްކަރިއްޔާއާ ގުޅިގެންނެވެ.

އިރާގާއި ސީރިއާގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުންދާ އައިއެސް އިން ދައުވާކުރާ ގޮތުގައި އެ ޖަމާއަތުން ހިފާފައިވާ ސަރަހައްދުތަކަކީ އިސްލާމީ ހިލާފަތެކެވެ. އަދި އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ވަނީ އެ "ހިލާފަތަށް" ހިޖުރަކުރުމަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅޭ މުސްލިމުންނަށް ގޮވާލާފަ އެވެ.