ހަބަރު

ރަށްރަށުން މީހުން ފައިބަން މަޖުބޫރު ނުކުރާނަން: އިބޫ

ހިރިމަރަދޫއިން: ނާޒިމް ހަސަން
Aug 12, 2018
3

ރަށަކީ ކިތަންމެ ކުޑަ، އާބާދީ ކުޑަ ރަށެއް ކަމަށްވީ ނަމަވެސް އެ ރަށުން ފޭބުމަށް ރަށުގެ ރައްޔިތުންނަށް މަޖުބޫރު ނުކުރާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިދޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވިދާޅުވެއްޖެ އެވެ.

އާބާދީ ކުޑަ ރަށެއް ކަމަށްވާ ހދ. ހިރިމަރަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، ހިރިމަރަދޫގެ 200 އެއްހާ މީހުން އެހެން ރަށަކަށް ބަދަލުވާން ބޭނުންވެ ޕެޓިޝަނެއް ސަރުކާރަށް ޕެޓިޝަނެއް ހުށަހަޅާފައިވާކަން އެނގޭ ކަމަށާއި އެކަމަކު އެކަން ނިންމާނީ ރައްޔިތުން ކަމަށެވެ.

" އެއްވެސް ރައްޔިތަކަށް މަޖުބޫރެއް ނުކުރާނަން ދުކޮށްދާކަށް، ބަދަލުވާން ބޭނުންނަމަ އެކަން ހުޅުވާލާނަން، ތިޔަބޭފުޅުން ނިންމާނީ، މަޖުބޫރުން ދާކަށް ނުވަތަ ތިބޭކަށް ސަރުކާރުން ނުނިންމާނަން،" 400 އެއްހާ މީހުން ދިރިއުޅޭ ހިރިމަރަދޫގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ރަށުގެ އާބާދީ ކުޑަވުމަކީ އެ ރަށް ބޭނުންވާ ކަމެއް ނުކޮށްދީ އޮންނާނެ ކަމެއް ނޫން ކަމަށާއި ހިރިމަރަދޫއަށް ބެނުންވާ ކަންކަން ވެސް ކޮށްދޭނެ ކަމަށެވެ. ހިރިމަރަދޫގެ ގިނަ ޒުވާނުން މަސައްކަތް ކުރަނި ރިސޯޓްތަކުގައި ކަމަށްވުމުން ރަށް ކައިރިއަށް ފަތުރުވެރިކަން ގެނެސް އާއިލާއާއެކު ތިބެގެން އާމްދަނީއެއް ހޯދޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"މި ހިސާބުގައި މިއޮތީ 50 އެނދުގެ އެންމެ ރިސޯޓެއް، އެކަށީގެންވާ ވަޒީފާއެއް އެތަނުން ޒުވާނުންނަށް ނުލިބޭ، އެހެންވެ މި ދާއިރާއަށް ފަތުރުވެރިކަން ގެންނާނަން،" އިބޫ ވިދާޅުވި އެވެ.

އިބު ވިދާޅުވީ، ފަތުރުވެރިކަން ހދ. އަތޮޅުގައި ފުޅާކުރުމަށް ދަތުރުފަތުރުގެ ނިޒާމް ވެސް ހަރުދަނާ ކުރަންޖެހޭ ކަމަށެވެ. އެގޮތުން ފެރީގެ ނިޒާމް ހެޔޮ އަގުގައި ފޯރުކޮށްދެއްވާނެ ކަމަށެވެ.

އިބޫ މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ނޮޅިވަރަމްފަރަށެވެ. އެ ރަށުގައި ވާހަކަ ދައްކަވަމުން އިބޫ ވަނީ ޖަޒީރާވަންތަ ކަންމަތީ ރަށްތައް ތަރައްގީ ކުރައްވާނެ ކަމަށް ވެވަޑައިގަންނަވާ ވައުދު މި ރަށުގައި ވެސް ތަކުރާރު ކުރައްވާފަ އެވެ. އެގޮތުން ރަށަށް ދިމާވެފައިވާ އެކި ދަތިތަކަށް ހައްލު ހޮދައިދެއްވާނެ ކަމަށް ވިދާޅުވި އެވެ. ނޮލިވަރަމްފަރަކީ ޖަޒީރާވަންތަކުގެ ނަމޫނާ ރަށެއްގެ ގޮތުގައު ތަރައްގީ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ރަށްރަށުގައި އަންހެނުން ކުރާ މަސައްކަތްތަކަށް ރަނގަޅު އުޖޫރައެއް ލިބެންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ރަށްރަށް ސާފުކޮށް ބޭއްވުމަށް ރަށު ތެރެ ކުނި ކަހާ އަންހެނުންނަށް މިހާރު ލިބެމުންދާ މުސާރައަކީ އެކަށީގެންވާ މުސާރައެއް ނޫން ކަމަށް އިބޫ ވިދާޅުވި އެވެ. މާލޭގައި ލިބޭ އުޖޫރަ ނޫން ނަމަވެސް އެކަމަށް އޭނާގެ ސަރުކާރެއްގައި ހައްލު ހޯދައިދެއްވާނެ ކަމަށް ވައުދުވެވަޑައިގަތެވެ.