ހަބަރު

މަރަދޫ ސްކޫލުގައި 10 އަހަރުގެ އަންހެން ކުއްޖަކަށް ޓީޗަރަކު އަނިޔާކުރި މައްސަލައެއް

ސ. މަރަދޫ ސްކޫލުގައި ގްރޭޑް ހަތަރެއްގައި ކިޔަވަމުން އަންނަ އަންހެން ކުއްޖަކަށް އެ ސްކޫލްގައި ކިޔަވާދޭ ޓީޗަރަކު އަނިޔާކޮށްފި އެވެ.

އުމުރުން 10 އަހަރުގެ އެ ކުއްޖާގެ އާއިލާ މެންބަރަކު "އަވަސް"އާ ވާހަކަދައްކަވަމުން ބުނީ މަރަދޫ ސްކޫލުގައި ކިޔަވާދޭ ޓީޗަރަކު މިއަދު އެ ކުއްޖާގައި ޖަހާ ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށެވެ. އޭނާ ބުނީ ކްލާހުގެ ތެރޭގައި ހުއްޓާ އެ ޓީޗަރު އައިސް އަންހެން ކުއްޖާ "ނަގާ ފާރަށް ޖެހި" ކަމަށެވެ. އެކަން ސްކޫލުގެ އެހެން ކުދިންނަށް އެނގިގެން އެހެން ޓީޗަރުންނާއި އިސް މީހުންނަށް އެންގި ކަމަށް އޭނާ ބުންޏެވެ. އެ ކުއްޖާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް އާއިލާ އިން ބުންޏެވެ.

ނަމަވެސް އެ މައްސަލާގައި ސްކޫލުން އެ ޓީޗަރާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އޭނާ ބުންޏެވެ. އަދި އެ ޓީޗަރު ކައިރީ ކުއްޖާގައި ޖެހިންތޯ ސުވާލު ކުރުމުން އޭނާ އެކަމަށް އެއްބަސްވާ ކަމަށާއި ނަމަވެސް އެކަން ކުރި ސަބަބެއް ނުބުނާ ކަމަށް ވެސް އޭނާ ބުންޏެވެ. ދަރިވަރަކަށް އަނިޔާ ކުރި މައްސަލަ މިހާާރު ފުލުހަށް ހުށަހަޅާފައިވާނެ ކަމަށާއި ޖެންޑާ މިނިސްޓްރީއަށް ވެސް ހުށަހަޅާނެ ކަމަށް އާއިލާ އިން ބުންޏެވެ.

"މިއީ އެ ޓީޗަރުގެ ފަރާތުން އެފަދަ ކަމެއް ފެންނަ ފުރަތަމަ ފަހަރެއް ވެސް ނޫން، އެކަމަކު ވެސް ސްކޫލަކުން ނޫޅޭ އެކަމަށް އަޅާލާކަށް ސްކޫލުން އުޅެނީ މައްސަލަ ފޮރުވާ ނުވިގެން،" އާއިލާ މެންބަރަކު ބުންޏެވެ.

"އަވަސް"އާ ވާހަކަދައްކަވަމުން ފޭދޫ ސިއްހީ މަރުކަޒުގެ އިސް މުވައްޒަފަކު ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. އޭނާ ބުނި ގޮތުގައި އެފަދަ ހާދިސާއެއް ދިމާވެގެން ކުއްޖަކަށް އަނިޔާވެގެން ސިއްހީ މަރުކަޒަށް ގެނެސްފައިވާާ ކަމަށެވެ. ނަމަވެސް އެ ކުއްޖާގެ ހާލަތާ ބެހޭ ތަފްސީލެއް އަދި ނޭނގޭ ކަމަށް އޭނާ ބުންޏެވެ. މިކަމާ ގުޅިގެން ފުލުހުންނަށް ގުޅިނަމަވެސް އެ އިދާރާގެ ބަހެއް އަދި ނުލިބެ އެވެ.