ހަބަރު

މަކުނުދޫއަށް ވައިގެމަގުން ދަތުރުކުރެވޭ ގޮތް ހަދައިދޭން އިބޫ ވައުދުވެވަޑައިގެންފި

މަކުނުދޫއިން: ނާޒިމް ހަސަން
Aug 12, 2018
9

ރާއްޖޭގެ އެހެން ރަށްތަކުގެ ހުޅަނގުން ރަށްތަކާ ނެއްޓި އެކަހެރިކޮށް އުފެދިފައިވާ ހދ. މަކުނުދޫއަށް ވައިގެ މަގުން ދަތުރު ކުރެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވައުދުވެވަޑައިގެންފި އެވެ. މިއީ އިބޫ މިފަދަ ބޮޑު ވައުދެއް ރަށަކަށް ވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައިމާއި އެ ރަށުގެ ކައުންސިލުން މިރޭ ވަނީ އެ ރަށުގައި އެއާޕޯޓެއް އަޅައިދެއްވުމަށް އިބޫގެ އަރިހުން އެދިވަޑައިގެންފަ އެވެ. މަކުނުދޫއަކީ މުޅިން ވަކިން އޮންނަ ރަށެއް ކަމުން އެ ރަށުގައި އެއާޕޯޓެއް އެޅިޔަސް ބޭނުން ކުރާނީ ރައްޔިތުން އެކަންޏެވެ. އެ ރަށުގައި އުޅެނީ 2000 އެއްހާ މީހުންނެވެ.

އެކަމާ ގުޅޭ ގޮތުން މިރޭ މަކުނުދޫގައި އިދިކޮޅު ޕާޓީތަކުން ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، އެކަމަކީ ދިރާސާރަކެއް ހަދައި އެއ ފީސިބަލް ކަމެއްތޯ ބަަލަންޖެހޭ ކަމަށެވެ.

އިބޫ ވިދާޅުވީ، މަކުނުދޫގެ ސަރަހައްދަކީ އޭނާގެ ވެރިކަމެއްގައި ހާއްސަ ޕްލޭނެއްގެ ދަށުން ތަރައްގީ ކުރައްވާނެ ސަރަހަައްދެއް ކަމަށެވެ. އޭގެ ތަފްސީލް އާންމު ކުރައްވާނެ ކަމަށެވެ. އިބޫ ވިދާޅުވީ، އެ ޕްލޭންގެ ދަށުން މަކުނުދޫއަށް އެންމެ ރަނގަޅީ އަދި ފައިދާ ބޮޑު ވާނީ އެއާޕޯޓެއްތޯ ނޫނީ ސީޕްލޭން ބޭސްއެއްތޯ ދިރާސާ ކުރައްވާނެ ކަމަށެވެ.

"ހަމަ ވައުދެއްވާން ވައުދެއްވާ ބައެއް ނޫން މިއީ، ސީދާ ކަނޑައެޅިގެން މިވެނި ކަމެކޭ މި ނުބުނީ އެހެންވެ، ދިރާސާއެއް ކުރަންޖެހޭނީ، އެންމެ ފަސޭހައިން މިތާ ބޭނުން ކުރެވޭނީ ސީޕްލޭންތޯ އެއާޕޯޓްތޯ ބަލާ، އެންމެ ފަސޭހަ ގޮތް ހޯދައިދޭނަން،" އިބޫ ވިދާޅުވި އެވެ.

އެކަން ދިރާސާ ކުރުމަށްފަހު އެކަމެއް ކުރެވޭނެ ގޮތާއި ދުވަސް ހާމަ ކުރައްވާނެ ކަމަށާއި އެއީ ޔަގީނުން ވެސް އޭނާ ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅުވީ، ނުވާވަރުގެ ވައުދެއް ވެވަޑައިނުގަންނަވާނެ ކަމަށެވެ.

އިބޫ ވަނީ މަނުކުދޫ ސަރަހައްދަށް އިތުރު ތަރައްގީތައް ވެސް ގެންނަން ޖެހޭކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން އެ ރަށުގެ ފަޅު އެމްޑީޕީގެ ނޫ އިގްތިސޯދުގެ ސިޔާސަތުގެ ދަށުން ތަރައްގީ ކުރައްވާނެ ކަމަށެވެ. އަދި އެ ރަށް ކައިރީގައި އޮތް ދެ ފަޅު ރަށުން ކައުންސިލަށް ބާރު ދީގެން ފައިދާ ހޯދާނެ ގޮތް ހޯދައިދެއްވާނެ ކަމަށެވެ.

މަކުނުދޫގައި އޮންނަ ބޮޑު ފަޅުގެ ދިގުމިނުގައި 17.2 ނޯޓިކަލް މޭލް ހުރެ އެވެ. ރ. އަތޮޅުގެ ރަށްތަކާ ދާދިގާތަށް ފަޅުގެ ދިގުމިން ގޮސްފައިވެ އެވެ.

މަކުނުދޫ ރައްޔިތުން ކުޅުދުއްފުއްޓަށް ވެސް ބޮޑު ކަނޑެއް ހުރަސްކޮށް ހަ ގަޑިއިރުގެ ދަތުރެއް ބޭސްފަރުވާއަށާއި އެހެން އަސާސީ ކަންކަމަށް ކުރެ އެވެ. އެކަމަށް އިޝާރަތް ކުރައްވައި އިބޫ ވިދާޅުވީ، އެހާ އުނދަގޫ ދަތުރެއް އަބަދު ކުރަންޖެހެނީ ރަށުގައި ރަނގަޅު ބޭސްފަރުވާއެއް ނެތުމުން ކަމަށާއި އެހެންވެ އެކަން ހައްލުކޮށްދެއްވާނެ ކަމަށެވެ. ރަށުން އެކްސްރޭ އާއި ސްކޭން ހެދޭނެ ގޮތް ހަދައި، އަންހެނުންގެ ޑޮކްޓަރެއްވެސް ސިއްހީ މަރުކަޒަށް ގެންނާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވަނީ މަކުނުދޫއަށް އެހެން ބައެއް ވައުދުތައް ވެސް ވެވަޑައިގެންފަ އެވެ. އެގޮތުން މަކުނުދޫގައި އޮޑިފަހަރު އެހާ ބެލޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި މަސްވެރިން ބާނާ މަހަށް ހަމަ އަގު ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.