ހަބަރު

އެމްޕީ ސިނާން އައިޖީއެމްއެޗްއަށް ގެނެސް ޑޮކްޓަރަށް ދައްކައިފި

މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އައިޖީއެމްއެޗްއަށް ގެންގޮސް ޓެސްޓެއް ހައްދައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު "އަވަސް"އަށް ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި ސިނާން އައިޖީއެމްއެޗްއަށް ގެނައުމަށް މާލެ ގެނެސްފައިވާ ކަމަށެވެ. އޭނާ އައިޖީއެމްއެޗްއަށް ގެންގޮސްފައި ވަނީ ޓެސްޓެއް ހެދުމަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް ޒާތީ މައުލޫމާތަކަށް ވާތީ އެ ޓެސްޓުގެ ތަފްސީލެއް ދެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސިނާން ހައްޔަރުކުރީ ފެބުރުއަރީ މަހުގެ ނުވަވަނަ ދުވަހު އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސިނާން ހައްޔަރުކުރުމަށްފަހު އެ ހާލަތު ނިމެން ކައިރިވުމުން ސިނާންގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް ޖެހި އެވެ. އޭގެ ފަހުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ. އެ ޝަރީއަތުގައި އަދި ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ. އެންމެފަހުން ބޭއްވި އަޑުއެހުމުގައި ވެސް ސިނާންގެ ބަންދަށް ލުޔެއް ދެއްވުމަށް މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވަނީ
ދެކޮޅު ހައްދަވާފަ އެވެ.

ސިނާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައިވާއިރު އޭނާއަށް ޓެރަރިޒަމްގެ ތުހުމަތުކުރާކަން ފުލުހުން އެންގީ ހައްޔަރުކޮށްފައި ހުންނަވާތާ 35 ދުވަސް ފަހުންނެވެ. އެއީ އޭނާގެ ބަންދު އިތުރުކުރުމަށް ގެނައުމުގެ އެއް ދުވަސް ކުރިންނެވެ.

ސިނާން ހައްޔަރުކުރިއިރު އޭނާގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތެއް ނުކުރެ އެވެ. އޭރު ކުރީ ގާނޫނީ އުގޫބާތުގެ ދަށުން ފަސް ތުހުމަތެކެވެ. އެއީ ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމާއި ވޯޓު ދޭން ހުރި މީހަކަށް ބިރު ދައްކައި ނުފޫޒު ފޯރުވުމާއި ބާރުގެ ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތެވެ.