މިއުޒިކް

ސައިނާ އެނބުރި ރާއްޖެ އަންނަނީ ދެވަނަ ހިފައިގެން

ޗައިނާގައި ބޭއްވި ކަލްޗުރަލް ސިންގިން ފެސްޓިވަލް "ސިލްކް ރޯޑް ޔަންގް ފެސްޓިވަލް" އިން ދެ ވަނަ، އައިޝަތު ސައިނާ މުހައްމަދު ރަޝީދުއަށް ލިބިއްޖެ އެވެ.

މޯލްޑިވިއަން އައިޑޮލްއިން ވިދާލި ލަވަކިޔުންތެރިޔާ ސައިނާ މި ވެސްޓިވަލުގައި ޕާފޯމްކުރީ ދިވެހިރާއްޖެ ތަމްސީލުކުރުމަށެވެ. މި މަހު 11 އިން 14 އަށް ޗައިނާގެ ބެއިޖިންގައި ކުރިއަށް ގެންދިޔަ މި ފެސްޓިވަލަކީ މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ފެސްޓިވަލެކެވެ.

މި ފެސްޓިވަލުގައި 27 ގައުމަކުން ބައިވެރިވި އެވެ. ކޮންމެ ގައުމަކުންވެސް އެ ގައުމެއްގެ ސަގާފަތް ދައްކުވައިދޭ ލަވައެއް ހުށަހެޅި އެވެ. މިއީ އަދި މި ފެސްޓިވަލު ބޭއްވި ފުރަތަމަ ފަހަރުވެސްމެ އެވެ.

އިއްޔެ ބޭއްވި މި ފެސްޓިވަލުގެ އެވޯޑު ހަފްލާގައިވެސް ސައިނާ ވަނީ ޕާފޯމްކޮށްފަ އެވެ. އަދި އެވޯޑު ހަފްލާގައި ފަސް ބައިވެރިން ހުށަހެޅި ޗައިނީޒް ލަވާގައިވެސް ސައިނާ ޕާފޯމްކުރި އެވެ.