ހަބަރު

ރައީސް ޔާމީންއާމެދު ހދ. އަތޮޅު ހިތްހަމައެއް ނުޖެހޭ: އިބޫ

އާބާދީ ގޮތުން އެންމެ ބޮޑު އަތޮޅު ހދ. އަތޮޅުން ފެނުނީ ރައީސް އަބްދުﷲ ޔާމީންއާ ހިތްހަމަނުޖެހޭ ރައްޔިތުންތަކެއް ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލޕިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ.

އިބޫ ވަނީ ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންފަ އެވެ. މިއަދު ނޮޅިވަރަމާއި ފިނޭ އަދި ހަނިމާދޫއަށް ވަޑައިގެންނެވި އެވެ. ފަހު މަންޒިލެއްގެ ގޮތުގައި ހަނިމާދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ހދ. އަތޮޅުން ފެނުނީ ރައީިސް ޔާމީންއާ ހިތްހަމަނުޖެހޭ ބަދަލަށް ބޭނުންވެފައި ތިބި ރައްޔިތުންތަކެއް ކަމަށެވެ.

"އަންނަ ރިޔާސީ އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރެވޭނެ، މި އަތޮޅުން އަޅުގަނޑުމެންނަށް އަގުލަބިއްޔަތު ލިބޭނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ފެންވަރު ރަނގަޅު ކުރައްވާނެ ކަމަށް ވެސް މިއަދު ވައުދުވެވަޑައިގެންފަ އެވެ. އަދި ހދ. އަތޮޅަށް ފަތުރުވެރިކަން ފުޅާ ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. ރިސޯޓް ތަރައްގީ ކުރަން އިންވެސްޓަރުން ހޯދައި މިހާރު ނުހެދި ހުރި ރަށްތަކަށް ފައިނޭންސް ލިބޭނެ ގޮތް ވެސް ހައްދަވައިދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ތޭރަ ރަށަކަށް އިބޫ ވަޑައިގެންނެވިއިރު އެ ރަށްތަކުގެ ތެރެއިން ނަރުދަމާ އާއި ފެނުގެ ނިޒާމް ގާއިމްވެފައިނުވާ ރަށްތަކުގައި އެކަން ގާއިމް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ބަނދަރު މަރާމާތުކުރަންޖެހޭ ރަށްތަކުގައި އެކަން ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ކައުންސިލްތަކަށް ބާރުދީގެން ޖަޒީރާވަންތަކަން މަތީ ރާއްޖެ ތަރައްގީކުރުމަށް ކަމަށެވެ. އަދި ފަސޭހަ ދަތުރުފަތުރުކުރުމުގެ ނިޒާމެއް ވެސް ހދ. އަތޮޅުގައި ގާއިމްކޮށް އަވަސް އަދި އަގުހެޔޮ ފެރީ ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވި އެވެ. އިބޫ ވިދާޅުވި ގޮތުގައި ސަރަހައްދުގެ އާބަން ސެންޓަރެއްގެ ގޮތުގައި ކުޅުދުއްފުށި ތަރައްގީ ކުރައްވާނެ ކަމަށެވެ.