ހަބަރު

ބާރަށުން ހަނިމާދޫއަށް، އިބޫއަށް ބޮޑު ކެއުމެއް!

ހދ. ހަނިމާދޫއިން: ނާޒިމް ހަސަން
Aug 15, 2018
5

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ހދ. އަތޮޅުގައި އުޅުއްވާތީ އެއާ ޖެހިގެން އޮތް ހއ. ބާރަށު ރައްޔިތުންނަށް އައީ އެހެން ކަހަލަ ފޯރިއެކެވެ. ޖޯޝާއެކު އިބޫއާ ބައްދަލުކުރަން ޝައުގުވެރިކަން އެ ރަށުގެ ރައްޔިތުންނަށް އުތުރު އެރީ އަމަށަކު ވަރަކަށް ނޫނެވެ.

ބެރާއެކު ކުރިއަށް ހިނގާފައި ދިޔަ ދެ އަންހެނުންގެ ކޮނޑަށް ލާފައިވާ ދަނޑީގައި އައްސާފައިވަނީ ބޮޑު މަލާފަތެކެވެ. އޭގައި ނަން ހުސްކޮށް ކާ އެއްޗެހި ހުއްޓެވެ. ބެރާއެކު އަންހެންވެރިން އަތް ޖަހައި ނަށަމުން އިބޫއާ ހަަމައަށް ދިޔަ އެވެ. ފޯރީގައި އޭނާއަށް މަރުހަބާ ކިޔައި އެ ރައްޔިތުންގެ ހިތުގައި އޮތް ލޯބި ކިތަންމެހާ ވެސް ރަނގަޅަކަށް އެ ރައްޔިތުން އިބޫއަށް ބުނެ ދިނެވެ. އެކަމުގެ އިސްސަފުން ފެނުނީ ބާރަށުގެ އަންހެން ކަނބަލުން އެވެ.

ބާރަށުން ހަނިމާދޫއަށް ކެއުން ގެނައުމުގައި އިސްކޮށް އުޅުނު އަލީ ބުނި ގޮތުގައި އެ ކެއުންތައް ތައްޔާރުކުރުމަށް ރަށުގެ ރައްޔިތުން އުޅުނީ ވަރަށް ފޯރީގަ އެވެ. ގިނަ އަންހެންވެރިން ކެއުން ހިފައިގެން ހަނިމާދޫއަށް ދިޔައިރު ކެއުންތައް ތައްޔާރުކުރުމަށް ރޭ އުޅުނި ނުވެސް ނިދާ ކަމަށްވެ އެވެ.

"ދައްތަމެންނަށް ހަމަ ކެތް ނުކުރެވިގެން މި އައީ މި ރަށަށް، އެނގޭ އިބޫ އަދި ބާރަށް ވެސް ވަޑައިގަންނަވާނެކަން، އެކަމަކު ހަމަ ދެކިލާ ހިތުން މި އައީ ކެއުން ހިފައިގެން، ދައްތަމެން ރަށަށް ވަޑައިގެންނެވުމުން އަދި މިއަށްވުރެ ފޯރި އޮންނާނެ އިނގޭ،" ބާރަށުން ކެއުން ހިފައިގެން އައި އަންހެނަކު ބުންޏެވެ. 

ބާރަށުން ހަނިމާދޫއަށް ކެއުމެއް ގެނައިރު އިއްޔެގެ މެންދުރުގެ ކެއުން ވެސް އޮތީ ވަރަށް ފުރިހަމައަށް ފިނޭގެ އެމްޑީޕީ އަންހެންވެރިން ތައްޔާރުކޮށްލާފަ އެވެ. އަންހެންވެރިން ތައްޔާރުކޮށްފައިވާ މަލާފަތުގައި ނެތް އެއްޗެއް ނެތް ރަހައެއް ނެތެވެ. ކުޅި ފޮނި ހުރިހާ ރަހައެއް އެކުލެވޭ އެ މަލާފަތުގެ އަޖުމަ އިބޫ ބެއްލެވީ ވަރަށް ޝައުގާއެކު އެވެ. އިބޫ އާއި ޓީމުގެ ބައިވެރިންގެ ފަރާތުން ޝުކުރާ އެކު އެ ކެއުންތައް ބަލައިގަތުމުން ފިނޭގެ އެ އަންހެވެރިން ތިބީ އުފަލުން ފޮޅިފަ އެވެ.