ހަބަރު

އެމްޑީއޭއާ އެކު މައްސަލައެއް ނޫޅޭ ކަމުގެ ކަށަވަރުކަން ރައީސް ދެއްވައިފި

ޕީޕީއެމްއާއި އެމްޑީއޭއާ ދެމެދު އޮތް ކޯލިޝަން އަދިވެސް ދެމިއެބައޮތް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އިއްތިހާދަށް ފާޑު ވިދާޅުވަމުން ރައީސް ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ މެދުގައި އޮތް ކޯލިޝަން ދަމަހައްޓަން ގާނޫނެއް ހަދަން މަސައްކަތް ކުރަނީ އިތުބާރު ނެތުމުން ކަމަށެވެ. ނަމަވެސް 2013 ވަނަ އަހަރު ސަރުކާރުން ހެދި ކޯލިޝަން އަދިވެސް ދެމިއެބައޮތް ކަމަށާއި އޭގެ ތެރެއިން ވަކިވީ ޖޭޕީ އާއި އަދާލަތު އަދި ޕީޕީއެމްގެ މެންބަރުންތަކެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރުގެ ކޯލިޝަން ހަދާފައިވާ އެމްޑީއޭއާއެކު އޮތް ގުޅުން އަދިވެސް ދެމިއޮތް ކަމަށެވެ.

"އެމްޑީއޭ އަދިވެސް އަޅުގަނޑުމެންނާއެކު ކޯލިޝަންގައި ދެމި އެބައޮތް،" ރައީސް ޔަމީން ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވި ނަމަވެސް ރިޔާސީ އިންތިހާބާ ގުޅިގެން ސަރުކާރާއި ޕީޕިއެމް އިން ކުރަމުންދާ އެއްވެސް ދަތުރުފުޅެއްގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްއެއް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އަދި އެމްޑީއޭ އާއި ޕީޕީއެމް ދެމެދު މައްސަލަތަކެއް އުޅޭ ކަމަށް އަޑު ފެތުރިފައިވީ ނަމަވެސް މިއަދާ ހަމަޔަށް ވެސް އެ ޕާޓީއިން އެކަން ދޮގުކޮށްފައެއް ނުވެ އެވެ.

އެމްޑީއޭގެ ލީޑަރު އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އީބޫ)އާ ސިންގަޕޫރުގައި ބައްދަލު ކުރެއްވި ކަމަށް ވެސް ވަނީ އަޑުފެތުރިފަ އެވެ. އެކަމަކު އޭގެ އެއްވެސް ވާހަކައެއްގެ ސައްހަކަން ކަށަވަރު ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.