ވިޔަފާރި

މި ފަސް އަހަރުގެ ތެރޭގައި 51 ރިސޯޓު ނިމޭނެ: ރައީސް

މި ފަސް އަހަރުގެ ތެރޭގައި ހަދަން ފެށި ރިސޯޓުތަކުގެ ތެރެއިން މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް 51 ރިސޯޓު ނިމޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ތ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަޑިފުށީފައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިހާތަނަށް 30 ރިސޯޓު ނިންމައި، އިތުރު 21 ރިސޯޓު އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށެވެ.

"މި 21 ރިސޯޓުގެ 70 ޕަސެންޓް ވަނީ ނިމިފައި. އެންމެ ގިނަ ރިސޯޓު ހަދާފައިވަނީ މި ފަސް އަހަރުގެ ތެރޭގައި. އެހެންވީމަ ރިސޯޓު ހަދަން ނާދޭ ތޯ؟ ރިސޯޓު ހަދަން އާދެ. ދެން ރިސޯޓު ހަދަން ސަރުކާރުން ހުރަސް އަަޅަންޏާ މި ވަރަށް މީހުން އަންނާނެ ތޯ؟،" ރައީސް ސުވާލު ކުރެއްވި އެވެ.

އެންމެ އަގު ބޮޑު ރިސޯޓު މަޝްރޫއު ހިންގި!

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ހަދާ އެންމެ ބޮޑު ރިސޯޓު ޕްރޮޖެކްޓް ވެސް ހިންގަނީ މި ފަސް އަހަރުގެ ތެރޭގައި ކަމަށެވެ. ރައީސް އެ ވިދާޅުވީ ތައިލެންޑުގެ ދެ ވަނައަށް އެންމެ ބޮޑު ކުންފުނި ސަންހާ އެސްޓޭޓް ކުންފުނިން އެނބޫދޫ ފަޅު ހިއްކައިގެން ހިންގާ ރިސޯޓު މަޝްރޫ އަށެވެ.

މި 21 ރިސޯޓުގެ 70 ޕަސެންޓް ވަނީ ނިމިފައި. އެންމެ ގިނަ ރިސޯޓު ހަދާފައިވަނީ މި ފަސް އަހަރުގެ ތެރޭގައި. އެހެންވީމަ ރިސޯޓު ހަދަން ނާދޭ ތޯ؟
ރައީސް އަބްދުﷲ ޔާމީން

"މިއަދާ ހަމަ އަށް ރާއްޖޭގެ ތާރީހުގައި އެންމެ އަގު ބޮޑު ރިސޯޓެއް ހަދަނީ ހަދަނީ މި ފަސް އަހަރު ތެރޭގައި. އެންމެ ކުޑަކޮށް ބަލާނަމަ އެއީ އެއް ހާސް މިލިއަން ޑޮލަރުގެ [އެއް ބިލިއަން ޑޮލަރު] ގެ ރިސޯޓު. އެންވީމަ އިންވެސްޓަރުން ރިސޯޓު ނުހަދާ ތޯ؟ ނޫނީއާ ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތާމެދު ސުވާލު އުފައްދާނަމަ އެކަން ކުރާނެތޯ؟ ރިސޯޓެއްވާ ނުހެދޭ ނޫންތޯ،" ރައީސް ވިދާޅުވި އެވެ.

ހަދާފައިވާ ރިސޯޓެއް އެންމެ ބޮޑު އަގުގައި ގަތް!

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ހަދާފައިވާ ރިސޯޓެއް އެންމެ ބޮޑުކޮށް ގަތީ ވެސް މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ކަމަށެވެ. ރައީސް އެ އިޝާރާތް ކުރެއްވީ ނ. އަތޮޅުގައި ހިންގާ އަގު ބޮޑު ރިސޯޓެއް ކަމަށްވާ ޝެވަލް ބްލޮންކް ރަންދެލި ރިސޯޓް އަރަބި މަހުޖަނެއް ގަތް ވާހަކަ އަށެވެ.

"އެތާ ކައިރީގައި 12 އަހަރު ވަންދެން އިންތިޒާރު ކުރި އެއާޕޯޓެއް ނުހެދި އެދިޔައީ. އިއްޔެ [މާފަރު އިންޓަނޭޝަނަލް އެއާޕޯޓް] އަށް ޓޫރިޒަމް އާއި ސިވިލް އޭވިއޭޝަން މިނިސްޓަރު މޫސާ ޒަމީރު އެ ވަޑައިގަތީ ރަންވޭ އިފްތިތާހު ކުރަން. އެއީ 12 އަހަރު ވަންދެން ތިން ސަރުކާރުން ނުހެދި އޮތް. އެހެންވެ، މި ބޭފުޅުންގެ ވިސްނުމުގައި ނެތީ މި ކަންކަމާ ވިސްނުން،" ރައީސް ވިދާޅުވި އެވެ.