ވިޔަފާރި

ކަލީމްގެ ހިޔާލަކަށް ޝިމާނޯއިން ހެދި ރާއްޖެއަށް ހާއްސަ މަސްވަދު ސޮނީއިން ތައާރަފްކޮށްފި

Aug 16, 2018

މަސްވެރިކަމާބެހޭ ސާމާނު އުފެއްދުމަށް މުޅި ދުނިޔެއަށް މަޝްހޫރު ޖަޕާނުގެ ޝިމާނޯ ބްރޭންޑް މަސްވަދުގެ މޯލްޑިވްސް އެޑިޝަން ސޮނީ ހާޑްވެއާ އިން ރާއްޖެ އަށް ރަސްމީކޮށް ތައާރަފް ކޮށްފި އެވެ.

ސޮނީ ހަރޑްވެއާ ބޮޑުތަކުރުފާނު މަގު ފިހާރައިގައި މި އެޑިޝަން ތައާރަފް ކޮށްދެއްވީ ސޮނީ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު، އަދި މި އެޑިޝަންގެ އެކްސްކްލޫސިވް ރައިޓްސް ވެސް ގެންގުޅުއްވާ މޫސާ ކަލީމް އެވެ.

އަލަށް ތައާރަފް ކުރި މި އެޑިޝަންއާ ބެހޭ ގޮތުން މޫސަ ވިދާޅުވީ، މި އެޑިޝަން އަކީ ޝިމާނޯ ކުންފުނިން ޑިޒައިނާ ސީރީޒްއެއް އުފެއްދި ފުރަތަމަ ފަހަރު ކަމަށާއި، ދޮށި އުކަން ބޭނުން ކުރާ އެންމެ މަގުބޫލު އެއް ބްރޭންޑްގެ މޯލްޑިވްސް އެޑިޝަން މަސްވަދު ރާއްޖެއަށް ތައާރަފް ކުރުމަކީ ސޮނީ ހާޑްވެއަރއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މިވަދުތައް ޑިޒައިން ކޮށްފައިވަނީ ރާއްޖޭގައި އުޅޭ އެމުގެ ބާވައްތައް އަސްލަކަށް ބަލައިގެންނެވެ. އަދި މަސްވެރިކަމުގެ ދާއިރާއިން މަޝްހޫރު ބައިނަލްއަގުވާމީ ކުންފުންޏަކާ ގުޅިގެން ރާއްޖެ ފަދަ ގައުމަކަށް ނިސްބަތްވާ ރޭންޖެއް އުފެއްދުމަކީ ރާއްޖެއަށްވެސް ލިބޭނެ ޝަރަފެއް ކަމަށް ވިދާޅުވި
އެވެ.

މި އެޑިޝަންގައި ހިމެނެނީ 4 ޑިޒައިނެއްގެ މަސްވަދެވެ. އެއީ، ޓްރިގާ ފިޝް، ރައުންޑް ސްކެޑް، ފްލައިން ފިޝް އަދި ފުސިލިއަރ އެވެ. މިހަތަރު ޑިޒައިންއަކީ ވެސް ޝިމާނޯގެ އެންމެ މަގުބޫލު ރޭންޖުގެ މަސްވަދު ކަމަށްވާ "އޯޝިއާ ޕެންސިލް" ގެ އެޑިޝަން އެކެވެ. ޝިމާނޯ މޯލްޑިވްސް އެޑިޝަން ފަރުމާކޮށްފައިވާނީ މޫސާ ކަލީމުގެ ހިޔާލަށް ބިނާކޮށް މުއާޓް އިންނެވެ.

ރާއްޖެ އަށް އަލަށް ތައާރަފްކުރި މި އެޑިޝަންއަކީ ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ގައުމުތައް ކަމަށްވާ ޖަޕާން، ސިންގަޕޯ، ރަޝިއާ، އޮސްޓްރޭލިއާ، އަދި މެލޭޝިޔާގެ އިތުރުން އިންޑޮނޭޝިޔާ އާއި ޔޫރަޕްގެ ގައުމުތަކުގައި މިހާރުވެސް ބޭނުން ކުރަމުން އަންނަ މަގުބޫލު ރޭންޖެކެވެ.

ސޮނީ ހާޑްވެއާ އަކީ ހާޑްވެއާ، ކޮންސްޓްރަކްޝަން މެޓީރިއަލްސް، މަސްވެރިކަމާގުޅޭ ސާމާނު، އަދި ގެދޮރު ޒިނަތްތެރިކުރުމަށް ބޭނުންކުރާ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ރާއްޖޭގައި ވިއްކުމާއި ސާވިސް ދިނުމުގައި ކަސްޓަމަރުންގެ އިތުބާރު ހޯދައިފައިވާ ލީޑިންގް އެއް ކުންފުންޏެކެވެ.