ކާބުލް (އޯގަސްޓް 14) - އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ޓިއުޝަން ސެންޓަރެއްގައި ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި މިހާތަނަށް 48 މީހުން މަރުވެފައިފާކަމަށް އެގައުމުން ބުނެފި އެވެ.
ފުލުހުން ބުނީ، އެ ސެންޓަރުގައި ކިޔަވާދެމުންދެނިކޮށް މީހަކު ވަދެ ބޮމެއް ގޮއްވާލައިގެން ދިން ހަމާލާގައި މިހާތަނަށް 67 މީހަކު ޒަހަމްވެފައިވާ ކަމަށެވެ.
ހާދިސާގައި މަރުވި މިހުންގެ ތެރޭގައި ގިނައީ ޔުނިވާސިޓީއަށް ވަނުމުގެ އިމްތިހާނަށް ތައްޔަރުވާން ޓިއުޝަން ނަގަމުން ދިޔަ ޒުވާން ފުރައިގެ ކުދިންކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މިހަމަލާގެ ފަހަތުގައި ތަލިބާނުގެ އަތެއް ވާކަމަށް ފުލުހުން ތުހުމަތު ކުރި ނަމަވެސް، ތަލިބާނުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
އިއްޔެގެ ހަމަލާދީފައިވަނީ، އަފްގާނު ސިފައިންނާއި ތަލިބާނު ހަނގުރަމާވެރިންނާއި ދެމެދު ހަމަލާތައް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އެގައުމުގެ އިރުން އޮންނަ ޣަޒްނީ ސިޓީގައި މިހާރު ވެސް ކުރަމުންދާ ހަނގުރާމައިގާ އެގައުމުގެ 100 އަށް ވުރެ ގިނަ ސިފައިން މަރުވެފައިވާއިރު، އާންމުގެ 150 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އދ. ވަނީ ލަފާކޮށްފަ އެވެ.