ހަބަރު

މިސްކިތެއްގެ ހުރުމަތް ނުކަނޑަން، އެއީ އަދި ހަދާ އިމާރާތެއް: ޝަހީމް

Aug 18, 2018
14

ގދ. ތިނަދޫގައި މި ސަރުކާރުން ގާއިމްކުރާ އިސްލާމީ މަރުކަޒަކީ ހަދަމުންދާ އިމާރާތެއް ކަމަށާއި އެއީ އަދި މިސްކިތެއް ނޫން ކަމަށް ވިދާޅުވެ، ސިޔާސީ ހަރަކާތް ހިންގައި އެތަނުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައީސް އަބްދުﷲ ޔާމީންގެ ރަމިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ރައްދު ދެއްވައިފި އެވެ.

ތިނަދޫގައި މި ސަރުކާރުން ގާއިމް ކުރަމުންދާ އިސްލާމީ މަރުކަޒު ސިޑިމަތީގައި ތިބެ، އެރަށު ޕީޕީއެމްގެ ސަޕޯޓަރުންނާއެކު ނެންގެވި ފޮޓޯއަކާާއި ގުޅިގެން އެމައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އަދި މިސްކިތުގެ ހުރުމަތް ކަނޑާލިކަމަށްބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ޝަހީމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން ނެވެ.

ތިނަދޫ ދެކުނު ދާއިރާގައި މިރޭ ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ޝަހީމް ވިދާޅުވީ، ތިނަދޫގެ އިސްލާމީ މަރުކަޒު ކައިރީގައި ނެގި ފޮޓޯގެ ސަބަބުން އެ އިމާރާތް މުޅި ދުނިޔެއަށް ފެނި، މަޝްހޫރު ވެއްޖެ ކަމަށާއި އެއީ މިސްކިތެއްގެ ހުރުމަތްކެނޑުން ނޫން ކަމަށެވެ. އެކަން އިދިކޮޅު ފަރާތްތަކަށް ހަޖަމުނުވީ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އެމީހުން ބުނަމުން ދިޔައީ އަޅުގަނޑުމެން މިސްކިތެއްގެ ހުރުމަތް ކަނޑާލައިފިއޭ، އެއީ އަދި މިސްކިތަކަށްނުވެ ހުރިތަނެއް، އަޅުގަނޑުމެން އަދި އެތާ އެތެރެއަކަށްވެސް ނުވަންނަން އިއްޔެ، އަޅުގަނޑުމެން ފޮޓޯއެއް ނެގީ އެތާ ބޭރުގަ ސިޑިމަތީގަ، އެތާގެ އެތެރެއަކަށް އަޅުގަނޑުމެންގެ މީހުނެއް ނުވަދެ، އެއީ އަދި އިމާރާތް ކުރެވެމުންދާ ތަނެއް، އެއީ އަދި ނިމިފަ ހުރި ތަނެއް ނޫން، އެއީ ކޮންސްޓްރަކްޝަން ސައިޓެއް،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، އެތަނަށް ޒިޔާރަތް ކުރީ އެތަން ބަލައިލަން ކަމަށާއި އެތަނުގައި ކެމްޕޭނުގެ ހަރަކާތެއް ހިންގަން ނޫން ކަމަށެވެ. އަދި ޕީޕީއެމްގެ އިސްބޭފުޅުންނާއެކު ތިއްބެވީ ތިނަދޫގެ ރައްޔިތުން ކަމަށާއި އެ ބިނާ ބަލައި ފޮޓޯ ނެގުމަކީ އެރަށުގެ ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އެހެންވީމަ، އެހެން ބަޔަކު އައިސް އެތަން ކެމްޕޭނު ޖަގަހަ އަކަށް ހަދައިގެން އެތަނުގެ ހުރުމަތް ކަނޑާލިވާހަކަ ބައެއް މީހުން ބުނީ، ހަގީގަތުގަ ވީގޮތަކީ އެ ހައިބަތު ބޮޑު އިސްލާމީ ބިނާ ދުށުމަށް އެމީހުންގެ ހިތްތަކަށް ކެތް ނުވީ، އެމީހުންނަށް އެތަނަށް އެއްވެފައި ތިބި މީހުންގެ އެ ފޮޓޯ ހަޖަމް ނުވީ، ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، އިސްލާމީ ކޮންމެ މުއައްސަސާއެއްގެ ހުރުމަތް ދަމަހައްޓާނެ ކަމަށާއި މި ސަރުކާރުން އިސްލާމީ ޝިއާރެއްގެ ހުރުމަތެއް ކަނޑައެއް ނުލާނެ ކަމަށެވެ. އަދި އިސްލާމީ ޝިއާރެއްގެ ގަދަރު ކުޑަކޮށް ނުލާނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

"ބައެއްގެ ސަރުކާރުގައި 700 އަށްވުރެ ގިނަ މިސްކިތް މަރާމާތު ނުކޮށް ހުރި، ތިން އަހަރު ދިޔަ އިރުވެސް، އަޅުގަނޑުމެން ވުޒާރާއާ ހަވާލުވިއިރުގައި ކިތަންމެ ކަންތައްތަކެއް ހުރި މިސްކިތްތަކަށް ކުރިމަތިވެފަ، އެތަންތަން ހުރުމަތް ދަމަހައްޓާ އެކި ތަންތަނުން ފައިސާ ހޯދާ ވަގުފްތައް އުފައްދާ މިސްކިތްތައް މަރާމާތުކޮށްއެތަންތަނުގެ އާބާތުރަ ފިލުވާ އެތަނަށް ދޭން ޖެހޭ ފުރިހަމަ ހިދުމަތް ދިނީ، ކޮންބައެއްތޯ،" ޝަހީމް ވިދާޅުވި އެވެ.

އެ އިމާރާތަކީ އަދި ހަދަމުންދާ ތަނެއް ކަމަށާއި އެތަނުގައި އަދި ނަމާދެއްވެސް ނުކުރާ ކަމަށެވެ. އަދި އެއީ އިސްލާމީ މަރުަކޒެއްގެ ގޮތުގައި ގާއިމް ކުރެވޭ ތަނެއް ކަމަށާއި އެ އިމާރާތް ނިމޭ ދުވަހަކުން މުޅި އަތޮޅުގެ އަދި ސަރަހައްދުގެ ރައްޔިތުންނަށް މަންފާ ކުރާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، އިދިކޮޅު ފަރާތްތައް ރާއްޖޭގެ ވެރިކަމަށް އަތުވެއްޖެނަމަ މިފަދަ އިސްލާމީ މަރުކަޒުތައް ރާއްޖޭގައި ގާއިމްވެގެން ނުދާނެ ކަމަށެވެ. އެތަންތަނަކީ އެބޭފުޅުން ސަޕޯޓް ކުރައްވާ ތަންތަން ނޫން ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

"އިސްލާމީ ޔުނިވާސިޓީވެސް ރާއްޖޭގައި ގާއިމް ކުރީމާ އެމީހުން ކަންބޮޑުވި، ކުއްލިއްޔާ ދުވަސްވަރު ކުއްލިއްޔާ ބަންދުކުރަންވެސް އުޅުނު، އެއީ ޓެރަރިސްޓުން އުފައްދާ ތަންތަން ކަމުގައި ދެކިގެން، އެކަމަކު އިސްލާމީ ތައުލީމު ދިނުމަކީ މިގައުމުގެ މުސްތަގު ބަލަށްޓަކައި ކުރަން ޖެހޭ ކަމެއް، އެހެންވީމާ ރައީސް ޔާމީންގެ ސަރުކާރުން ކިތަންމެ އިސްލާމީ މަރުކަޒެއް އަޅާނެ،" ޝަހީމް ވިދާޅުވި އެވެ.

ދެވަނަ ދައުރަކަށް ރައީސް ޔާމީން އިންތިހާބު ކުރުމުން ގެނެސްދޭނެ ތަރައްގީތަަކަށް އަލި އަޅުވާލައި ޝަހީމް ވިދާޅުވީ، ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ އެކަމުގެ ހުރިހާ ކާމިޔާބީއަކާއި ފައިދާއެއް އޮތީ ރާއްޖެގެ ރައްޔިތުންނަށް ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ފެނިގެން ދާނީ 25 ބުރީގެ އެންމެ އިމާރާތެއް ނޫން ކަމަށާއި 25 ބުރީގެ އެތައް ޓަވަރުތަކެއް ފެނިގެންދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ރައްޔިތުންނަށް ބޯހިޔާވަހި ކަމުގެ އެތައް މަޝްރޫއުތަކެއް. ފެންނަމުން ދާނީ އެންމެ އިންޓަނޭޝަނަލް އެއާޕޯޓެއް ނޫން، ކިތަންމެ އިންޓަނޭޝަނަލް އެއާޕޯޓެއް ފެންނާނެ މި ދިވެހިރާއްޖޭން، "އެހެންވީމަ އަޅުގަނޑުމެން ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވުމަށް އަޒުމް ކަނޑައަޅަންވީ،" ޝަހީމް ވިދާޅުވި އެވެ.