ވިޔަފާރި

ހޮޓެލް އޭޝިއާ: ކަލިނަރީ ޗެލެންޖަށް ވަރުގަދަ ޖަޖިން ޕެނަލެއް!

Aug 18, 2018

ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި ބާއްވާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ވެގެންދަނީ މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ މުބާރާތަށެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟ އެއް ސަބަބަކީ މި މުބާރާތް ބާއްވާތާ އެތަށް އަހަރެއް ވެފައިވުމެވެ. އަނެއް ސަބަބަކީ މުބާރާތަށް މުޅި ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި ކެއްކުންތެރިންގެ ނަޒަރު ހުއްޓިގެން ދިއުމެވެ. މި އަހަރުގެ ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖާއެކު އަންނަ މަހު ފަށާއިރު މުބާރާތް ޖަޖު ކުރުން މިއަހަރުވެސް ވަރުގަދަ އެވެ. އެކަމަށްޓަކައި ވޯލްޑް ކްލާސް ޖަޖިން ޕެނަލެއް ވަނީ އެކުލަވަލާލާފަ އެވެ.

ދުނިޔޭގެ ޝެފުންގެ ޖަމިއްޔާގެ އެހީތެރިކަން

މި އަހަރުގެ މުބާރާތް ޖަޖު ކުރުމުގައިވެސް އެންމެ އިސް ދައުރެއް އަދާކުރާނީ ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް (ވޯލްޑް ޝެފްސް- ޑަބްލިއުއޭސީއެސް) އިންނެވެ. ސުވާލަކީ ވޯލްޑް ޝެފްސްއަކީ ކިހާ ވަރެއްގެ ޖަމިއްޔާއެއް ހެއްޔެވެ؟

ވޯލްޑް ޝެފްސް- ޑަބްލިއުއޭސީއެސް އުފެދިފައިވަނީ 1928 ވަނަ އަހަރު އެވެ. ސޯބޯނީ ޕެރިސްގަ އެވެ. މި ޖަމިއްޔާގެ ފުރަތަމަ ރައީސްއަކީ ކެއްކުމުގެ ރަސްގެފާނު ނުވަތަ ކިންގް އޮފް ޝެފްސްގެ ނަމުން ދުނިޔޭގައި މަޝްހޫރު އޯގަސްޓް ސްކޯފިއާ އެވެ. ނުވަދިހަ އަހަރުވީ މި ޖަމިއްޔާގައި މިހާރު 100 އަށް ވުރެ ގިނަ ކައްކާ އިން ހިމެނެ އެވެ. މި ޖަމިއްޔާ މިހާރުވެފައިވަނީ ދުނިޔޭގެ ފުޑް އިންޓަސްޓްރީ މިހާރު މިދެކޭ ޒަމާނީ ބަދަލުގެ އެންމެ މުހިންމު އެއް ބައިވެރިއާގެ ގޮތުގަ އެވެ.

މި ޖަމިއްޔާއާއެކު ހޮޓެލް އޭޝިއާގެ ކަލިނަރީ ޗެލެންޖު އެންމެ އިސް ފަނޑިޔާރެއްގެ ގޮތުގައި ރާއްޖެ ވަޑައިގަންނަވާނީ މި ދާއިރާގައި މަޝްހޫރު މޫނެއް ކަމަށްވާ ޝެފް އެލަންޕާމާ އެވެ.

ކަލިނަރީ ޗެލެންޖުގައި އެންމެ ފަހުން ބޭއްވި މި މުބާރާތުގައި 550 މީހުން ބައިވެރިވެފައިވެ އެވެ. މި މުބާރާތުގައި ރާއްޖޭގެ ގިނަ ރިސޯޓުތަކާއި ދުނިޔޭގެ އެކި ހިސާބުތަކުން މީހުން ބައިވެރިވެ އެވެ.