ދުނިޔެ

ގޫގުލްގައި މޯދީ އަކީ ނުރައްކާތެރި ކުށްވެރިއެއް؟!

Jun 5, 2015

ދުނިޔޭގެ އެންމެ ނުރައްކާތެރި ކުށްވެރިންގެ ފޮޓޯތަކުގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފޮޓޯ ހިމެނޭ މައްސަލައިގައި ގޫގުލް އިން އިއްޔެ މައާފަށް އެދެފި އެވެ.

ގޫގްލް ސާޗުގައި "އެންމެ ނުރައްކާތެރި 10 ކުށްވެރިން"ގެ ފޮޓޯ ހޯދަން ޖެހުމުން، ޓެރަރިސްޓުންނާއި ގާތިލުންނާއި ހުދުމުހުތާރު ވެރިންގެ ފޮޓޯތަކާ އެކު މޯދީގެ ފޮޓޯ ދައްކަ އެވެ.

ގޫގުލް އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ބައެއް އެއްޗެއްސަށް ސާޗުކުރުމުން ނުބައި މާނައެއް ދޭހަވާ ގޮތަށް، ނުގުޅޭ ފޮޓޯ ދައްކަނީ އެ ފޮޓޯއެއް އިންޓަނެޓުގައި ޝާއިއުކުރާއިރު ޖަހާ ކެޕްޝަނެއްގެ ސަބަބުންނެވެ. އެ ގޮތުން، އެންމެ ނުރައްކާތެރި ކުށްވެރިންގެ ފޮޓޯތަކުގެ ތެރޭގައި މޯދީގެ ފޮޓޯ ފެންނަނީ، އެ ކުންފުނިން ބުނި ގޮތުގައި، އިނގިރޭސި ވިލާތުގެ ޓެބްލޮއިޑް ނޫހަކުން މޯދީގެ ފޮޓޯ އޮންލައިންގައި ޖެހިއިރު، އޮޅުން އަރާ ފަދަ މައުލޫމާތު ހިމަނާފައިވާތީ އެވެ.

"އެ ގޮތަށް ފެންނާތީ ކަންބޮޑުވޭ. އެއީ ގޫގުލް އިން ދެކޭ ގޮތެއް ނޫން،" ބަޔާނުގައިވެ އެވެ. "މިކަހަލަ އޮޅުން އަރާ އެއްޗެހި ނުދައްކާނެ ގޮތަށް ސާޗު އަލްގޮރިދަމްސް އިސްލާހުކުރުމަށް މި ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުން."

މޯދީގެ ފޮޓޯއާ އެކު އިންޑިއާގެ އެހެން ބައެއް މަގުބޫލް ފަރާތްތަކުގެ ފޮޓޯ ވެސް "އެންމެ ނުރައްކާތެރި 10 ކުށްވެރިން"ގެ ފޮޓޯ ހޯދަން ސާޗުކުރުމުން ދައްކަ އެވެ. އޭގެ ތެރޭގައި، ދިއްލީގެ ޗީފް މިނިސްޓަރު އަރުވިންދު ކަޖުރަވާލާއި ގާނޫނީ ވަކީލް ރާމް ޖެތުމަލާނީ އާއި ގޭންގުތައް ކޮންޓްރޯލްކުރާ ދާއޫދް އިބްރާހިމް އަދި ބޮން ގޮއްވުމުގެ ހާދިސާއަކާ ގުޅިގެން ޖަލަށް ލާފައިވާ ބޮލީވުޑްގެ މަޝްހޫރު ތަރި ސަންޖޭ ދަތު ވެސް ހިމެނެ އެވެ.

މީގެ އިތުރުން، ދުނިޔޭގެ ބައެއް ސިޔާސީ ވެރިންގެ ފޮޓޯ ވެސް އެ ގޮތަށް ސާޗުކުރުމުން ދައްކަ އެވެ. އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް އާއި ލީބިއާގެ ކުރީގެ ރައީސް މުއައްމަރުލް ގައްޒާފީގެ ފޮޓޯ އޭގެ ތެރޭގައި ފާހަގަކޮށްލެވެ އެވެ.

މޯދީގެ ފޮޓޯ ނުރައްކާތެރި ކުށްވެރިންގެ ފޮޓޯތަކާ މަސްހުނިވެފައިވާ މައްސަލައިގައި ގޫގުލް އިން މައާފަށް އެދިފައި މި ވަނީ، އެކަމާ ގުޅިގެން އިންޑިއާގެ ބައެއް ސިޔާސީ ބޭފުޅުންނާއި އާއްމުންގެ ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ގޫގުލް އަށް ފާޑުކިޔަމުން ދަނިކޮށެވެ.