ހަބަރު

އެމްޑީޕީ ޗެއާޕާސަންގެ ނައިބުގެ އޮފީހަށް ބަޔަކު ވަދެ ފައިސާތަކެއް ފޭރިއްޖެ

Aug 18, 2018
3

އެމްޑީޕީ ޗެއާ ޕާސަންގެ ނައިބު އަހުމަދު އަބްދުﷲ ގެ އަމިއްލަ އޮފީހަށް ގްރޫޕަކުން ވަދެ، މުވައްޒަފުންނަށް ބިރު ދައްކައި ގިނަ އަދަދެއްގެ ރުފިޔާ ވަގަށް ނަގައިފި
އެވެ.

އެމްޑީޕީއިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރޭގެ ވަގުތެއްގައި، އަހުމަދު އަބްދުﷲގެ އަމިއްލަ ވިޔަފާރީގެ މަސައްކަތް ހިންގާ އޮފީހަށް ވަޅި ހިފައިގެން ރޭ ގުރީޕަކުން ވަދެ އެ އޮފީހުގައި އެވަގުތުހުރި މުއައްޒަފުގެ އަތާއި ފައި ބަނުމަށްފަހު ދެ ލެޕްޓޮޕަކާއި 36،500 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ. އަދި އޮފީހުގެ މޭޒުތަކާއި އެނޫންވެސް މުދާތަކަށް ވެސް ގެއްލުންދީފައިވާ ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނީ، ވައްކަންކުރަން ވަތް މީހުން އަބްދުއްﷲގެ ދުވަސް ދުއްވާލާނެ ކަމަށް ބުނެ އިންޒާރު ވެސް ދިން ކަމަށެވެ. އެހެންކަމުން މައްސަލައިގެ ކަން ހިނގި ގޮތަށް ބަލާއިރު މި ކަމަކީ އާދައިގެ ފޭރުމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.

"މި ޕާޓީން ދެކެނީ މިއީ އަހްމަދު އަބްދުﷲއަށް ސީދާ އަމާޒުކޮށް، ރިޔާސީ އިންތިހާބު ބޯމަތިވެފައިވާ މިދަނޑިވަޅުގައި އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބިރުދެއްކުމުގެގޮތުން ދުރާލާ ރާވައިގެން ހިންގާފައިވާ ޖިނާއީ ކުށެެކެވެ،" ބަޔާނުގައި އެމްޑީޕީއިން ބުންޏެވެ.

އެ ހާދިސާ ފުލުހަށް ރިޕޯޓުކުރުމުން ފުލުހުންގެ ޓީމަކުން މަސްއަލައިގެ ރިޕޯޓުނަގާ، ކުށުގެ ވެށިން ފޮރެންސިކް ހެކި ހޯދުމުގެ މަސައްކަތް ކޮށްފައި ކަމަށް ވެސް ބަޔާނުގައި ބުންޏެވެ. އެ ޕާޓީން ވަނީ މައްސަލައިގެ ތަހުގީގު ވީ އެންމެ އަވަހަކަށް ކޮށްދިނުމަށް ވެސް އެދިފަ އެވެ.

މިކަމާ ގުޅިގެން ފުލުހަށް ގުޅުމުން ޖަވާބެއް ލިބޭގޮތް އަދި ވަނީ ނުވެފަ އެވެ.