overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޔާސީ އިންތިހާބު 2018

ރިޔާސީ ކެންޑިޑޭޓުން ވައުދުތަކުގެ ރޭހެއްގައި

ރިޔާސީ އިންތިހާބަށް މަސް ދުވަހަށް މިވަނީވެފަ އެވެ. ރައްޔިތުން އެދޭ ބަދަލަކަށް އިދިކޮޅު ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ނިކުމެވަޑައިގެންފައިވާއިރު، ތަރައްގީގެ އާ ހަރުފަތަކަށް ރާއްޖެ ގެންގޮސްދިނުމަށްޓަކައި ރައްޔިތުން އަދި އެއް ފަހަަރު "ޓެސްޓް" ކޮށްލުމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްވެސް މިވަނީ ދެވަނަ ދައުރެއް ހޯދެއްދެވުމަށް ރިޔާސީ ރޭހަށް ނިކުމެވަޑައިގެންފަ އެވެ.

ދެ ބޭފުޅުންގެ ކެންޑިޑެސީ އިލެކްޝަން ކޮމިޝަނުން ބަލައިގަނެ، ނަމްބަރު ތަރުތީބްކޮށް ނިމިފައިވާއިރު، މިހާރު އެންމެ ހަލުވިކަމާއެކު ކުރިއަށްދަނީ ރައްޔިތުންނާއި ހަމައަށްވަޑައިގެން ކެމްޕެއިންތައް ކުރެއްވުމެވެ. ރައްޔިތުންނަށް ގެނެސްދެއްވާނެ ތަރައްގީގެ މަޝްރޫއުތަކާއި ރައްޔިތުންނަށްޓަކައި އެންމެ ރަނގަޅު ގޮތްތައް ހޯއްދަވައި ދެއްވުމަށް ވައުދުތައް މި ދަނީ ދެކޮޅުން ވެސް އޮއްސަމުން އެވެ. ދެބޭފުޅުން ކުރެ އެއްވެސް ބޭފުޅެއްގެ މެނިފެސްޓޯއެއް އަދި ފެންނަން ނެތަސް މިފަހަރު މެނިފެސްޓޯ ނިއުޅެމުން މިދަނީ ވައުދުތަކުގެ ސިފައިގަ އެވެ.

މިހާތަނަށް އައި އިރު ފެންނަ މަންޒަރަކީ ދެ ކެނޑިޑޭޓުން ވެސް އުޅުއްވަނީ ވައުދުތަކުގެ ރޭހެއްގައި ކަމެވެ. އުސޫލެއްގެ ގޮތުން ރައްޔިތުންނަށް ކޮށްދޭނެ ކަންކަން ހާމަ ކުރުމަކީ ކެނޑިޑޭޓުން ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް ފެނިގެން މިދަނީ އެކަކު އަނެކެއްގެ ވައުދުތަކަށް ފާޑުކިޔައި އެކަން ކޮށްދެވޭނެ މީހަކު ސާބިތުކޮށްދެއްވަން ކުރައްވާ މަސައްކަތެވެ.

އިދިކޮޅު ކެނޑިޑޭޓް އިބޫ، ވަނީ އެބޭފުޅާގެ ސަރުކާރެއްގައި އެންމެ އިސްކަން ދޭނީ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ކެމްޕެއިނަށް ރަށްރަށަށްވަޑައިގެން ރައްޔިތުން ބޭނުންވާ ކަންކަން ބަލައި މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުންދާ ކަަމަށްވެސް އިބޫ ވަނީ ވިދާޅުވެފަ އެވެ. އަދި ރައްޔިތުންނާއި ގާތުން ނޫނީ އެކަންކަން ސާފު ނުވާނެ ކަމަށްވެސް އިދިކޮޅުން ދަނީ ބުނަމުންނެވެ.

އިބޫގެ ބައެއް ވައުދުތަކަށް ބަލާލާއިރު، ހައުސިން ސްކީމާއި، ހޮސްޕިޓަލްތައް ގާއިމް ކުރުމާއި އެއާޕޯޓްގެ އިތުރުން ރަށްރަށް ގުޅާލުމުގެ ވައުދުތައް ހިމެނެ އެވެ. މިކަންކަން ކޮށްދެއްވާނީ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ކަމަށް ބުނަމުންދާއިރު، ޕީޕީއެމުން ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން އިބޫގެ ވައުދުތަކަކީ ފުއްދޭނެ ވައުދުތަކެއް ނޫން ކަމަށާއި އެކަންކަން ފުުއްދާދޭނެ ގޮތްތައް ހާމަ ކުރަންޖެހޭ ކަމަށް ބުނެ އެބޭފުޅުން އިބޫއަށް ރައްދު ދެއްވަ އެވެ. އަދި ރައީސް ޔާމީންގެ ވައުދުތައް ކޮޕީ ކުރާ ކަމުގެ ތުހުމަތުތައްވެސް އިބޫއަށް ވަނީ އިންތިހާއަށް އަމާޒުވެފަ އެވެ.

ޕީޕީއެމްގެ ފަރާތްތަކަށް ރައްދު ދެއްވައި އިބޫ ވިދާޅުވީ، އޭނާ ވެވަޑައިގަންނަވާ ވައުދުތައް ފުއްދާނެ ގޮތްތަކާއި ފައިސާ ހޯދާނެ ގޮތްތައް މެނިފެސްޓޯގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. އެއީ ހިޔާލީ ވައުދުތަކެއް ނޫން ކަމަށެވެ. އެކަމަކު އިންތިހާބަށް 30 ހަކަށް ދުވެފައިވާ އިރު އަދި މެނިފެސްޓޯއެއް ނުފެނެ އެވެ. އިބޫ ވިދާޅުވަނީ އަދު ނޫން މާދަމަޔަކު މެނިފެސްޓޯ އާންމު ކުރައްވާނެ ކަމަށެވެ.

އިބޫގެ ވައުދުތަކަށް ރައީސް ޔާމީން ފާޑު ވިދާޅުވަމުން ވިދާޅުވަނީ؛ "އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވަނީ މި ސަރުކާރުން ކޮށްދީ ނިމިފައި ހުރި ކަންތައްތައް ކުރެއްވުމަށް" ކަމަށެވެ. އެގޮތުން އެއާޕޯޓްތައް އެޅުމާއި ނަރުދަމާ އާއި ފެނުގެ ނިޒާމް ބަނދަރު ހެދުން އަދި ރަށްރަށް ބްރިޖުން ގުޅާލުމަކީ އެމަނިކުފާނުގެ ތަރައްގީގެ ފިލޯސަފީގެ ތެރެއިން ފަށާފައި ހުރި ކަންކަން ކަމަށް ރައީސް ވިދާޅުވެ އެވެ.

އިބޫގެ ވައުދުތަކާ ބަލާއިރު ރައީސް ޔާމީންގެ ވައުދުތައް ފޯކަސް ކުރައްވަނީ ބޮޑެތި މެގަ މަޝްރޫއުތަކަށެވެ. އެގޮތުން ވިލިމާލެ 2 ތަރައްގީކޮށް 2030 ވަނަ އަހަރު އަންނަ އިރު ހުރިހާ ޒުވާނުންނަށް 1،000 އަކަފޫޓުގެ ބޯހިޔާވަހިކަމެއް ފޯރުކޮށްދެއްވުމަށް ރައީސް ވަނީ ވައުދުވެ ވަޑައިގެންފަ އެވެ. އެ މަޝްރޫއާ އެކު 300،000 މީހުންގެ އާބާދީއެއް މާލޭ ސަރަހައްދުގައި ވަޒަން ވެރި ކުރަން ރައީސް ޔާމީން ވަނީ އަމާޒު ކުރައްވައިފަ އެވެ.

"މިއީ އިދިކޮޅު ފަރާތްތަކުން ވާ ވައުދުތަކާ އަޅާވެސް ނުކިޔޭ ފަދަ ކަންކަން. އަޅުގަނޑުކޮށް ނިންމާފައި ހުރި ކަންކަން ކޮށްދެއްވުމަށް އެބޭފުޅުންގެ ކެންޑިޑޭޓް އެ ވައުދުވަނީ، އެބޭފުޅުން ނުޖެހޭ އެކަންކަން ފުއްދާކަށް. އަޅުގަނޑު މި އަންނަނީ އެކަންކަން ފުއްދަމުން" އިދިކޮޅުގެ ވައުދުތަކަށް ރައްދުދެއްވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

އިދިކޮޅު ޖަޒީރާ މެނިފެސްޓޯއަށް ރައްދުދެއްވަމުން ވެސް ރައީސް ޔާމީން ވިދާޅުވަނީ، ރައްޔިތުން ބޭނުންވަނީ ރަށްރަށުގައި ބޭނުންވެފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަމަށް އިދިކޮޅުގެ ވައުދުތަކުން ވެސް މިހާރު ސާބިތުވެއްޖެ ކަމަށެވެ. އެމަނިކުފާ މިއޮށް ހުރިހާ ދުވަހު މަސައްކަތް ކުރެއްވީ އެކަމަށް ކަމަށް ރައީސް ޔާމީން ވިދާޅުވެ އެވެ. ރައްޔިތުން ބޭނުން ވަނީ ތަނަވަސްކަން ހޯދައިދިނުން ކަމަށާއި އެކަންކަން ކޮށްދެވޭނީ ރައީސް ޔާމީނަށް ކަމަށްވެސް އެމަނިކުފާނު ޗެލެންޖް ކުރައްވާ ވިދާޅުވެ އެވެ.

"ދެހާސް ތޭރަ ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވިއިރު ގެނައި މެނިފެސްޓޯގައި، އެންމެ އެއާޕޯޓް ބޭނުންވާ ރަށްތަކުގެ ގޮތުގައި ވަކިން އޮންނަ ރަށްތަކުގައި އެއާޕޯޓް އަޅައިދޭނެކަމަށް ލިޔެ ކަނޑައަޅާފައި އޮންނާނެ، އުންމީދު ކުރަންޖެހޭނީ އުންމީދުތައް ހަގީގަތަށް ހަދައިދީ އެ ކެޕޭސިޓީ ދައްކުވައިދީފައިވާ މީހެއްގެ ފަރާތުން، އެ ފަރާތަކީ އަޅުގަނޑުކަމަށް ރައްޔިތުން މިހާރު ގަބޫލު ކުރޭ،" ރައީސް ވިދާޅުވި އެވެ.

އިދިކޮޅުގެ ވައުދުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެކަންކަން ރައީސް ޔާމީން ނޫން އިތުރު މީހަކަށް ނުކުރެވޭނެ ކަމަށް ވިދާޅުވެ ރައީސް ޔާމީންދަނީ އެމަނިކުފާނުގެ ސިޔާސަތުތައްވެސް ފުލުފުލުގައި ހާމަ ކުރައްވަމުންނެވެ. އެގޮތުން ރައީސް ޔާމީން ވަނީ އާ އެއާޕޯޓްތަކާއި ރިސޯޓް މުވައްޒަފުންނަށް 100 މިލިއަން ރުފިޔާގެ އެމްޕްލޮއިމަންްޓް ސްކީމެއް އަދި މަސްވެރިންނަށް ހާއްސަ ޑެބިޓް ކާނޑެއް ތައާރަފް ކޮށްދެއްވުމަށް ވައުދުވެ ވަޑައިގަންނަވަމުން އެވެ. މީގެ އިތުރަށް ބޮޑު ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު މިހާރަށް ވުރެ ބޮޑުކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ސްކީމެއް ތައާރަފްކުރުން ހިމެނެ އެވެ. އަދި އެފަދަ ފަރާތްތަކުގެ އެލަވަންސް އިތުރު ކުރުމާއި ދުވަސްވީ މީހުންނަށް ދޭ 5،000 ރުފިޔާގެ އެލަވަންސް ބޮޑު ކުރުމަށް ވެސް އެމަނިކުފާނު ވައުދުވެ ވަޑައިގަންނަވަ އެވެ.

ރައީސް ޔާމީންގެ ވައުތަކަށް އިދިކޮޅުގެ ފާޑުކިޔުންވެސް އަމާޒުވަމުން ދެއެވެ. އެގޮތުން ކުރީގެ ރިޔާސީ ވައުުދުތައް ނުފުއްދި އުޅެނިކޮށް އެމަނިކުފާނު އާ ވައުދުތަކެއް ވަމުން އަންނާތީ އެކަމަށް ފާޑުކިޔުން އަމާޒުވެ އެވެ. އަދި މިހާރު ވެސް ބޮޑު ދަރަންޏެއް އޮތް އިރު އާ ބޮޑެތި ކަންކަން ކުރެއްވުމަށް ފައިސާ ހޯދާނެ ގޮތްތައް ހާމަ ކުރަން ޖެހޭ ކަމަށް ވެސް ރައްދުގައި އިދިކޮޅުން ބުނެ އެވެ.

ރައީސް ޔާމީންގެ ވައުދުތައް އިބޫ ސިފަކުރައްވަނީ ހިޔާލީ ކަންކަމުގެ ގޮތުގަ އެވެ. އިބޫ ވިދާޅުވަނީ، ރައީސް އަބްދުﷲ ޔާމީން ކޮންމެ އިންތިހާބަކާ ދިމާކޮށް ރަށްރަށަށް ހިޔާލީ ވައުދުތައް ވެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން، އިންތިހާބު ކައިރިވުމުން ނަރުދަމާ ނުހެދޭ ރަށްރަށުގެ ނަރުދަމާ ހަދަން ބަޔަކާ އެކު ސޮއި ކުރާ ކަމަށާއި އެއީ ރައްޔިތުންނަށް ދައްކާލާ ދަޅައެއް ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އެއީ އަމަލީ ސިފައެއް އަންނާނެ ކަމެއް ނޫން ކަމަށް އިބޫވެސް ޗެލެންޖް ކުރައްވާ ވިދާޅުވެ އެވެ.

"އެއީ އިންތިހާބަށް ދައްކާ ދަޅައެއް މުޅިން ހިޔާލީ ފޮލާ. އެކަމަކު އަޅުގަނޑު ވައުދު މި ވަނީ ކުރެވޭނެ ކަންކަމަށް. ނުކުރެވޭނެ ކަންކަމަކަށް ނޫން،" އިބޫ ވިދާޅުވެ އެވެ.

ދެފަރާތުންވެސް ބަހުގެ ހަމަލާތަކާއި ފާޑުކިޔުންތައް ވައުދުތަކަށް އަމާޒުކުރަމުން ގެންދާއިރު، ދެފަރާތުންވެސް ފެނިގެން މިދަނީ އެއްބޭފުޅަކަށް ވުރެ އަނެއް ބޭފުޅަކު މޮޅު އަދި ބޮޑު ވައުދެއް ވުމަށް މަސައްކަތް ކުރައްވާ މަންޒަރެވެ. އެއް ބޭފުޅަކު ބްރިޖް ވާހަކަ ދައްކަވާއިރު، އަނެއް ބޭފުޅެއްގެ ވައުދުތައް ރަށްތައް ގުޅުވާލުމުގެ ވިސްނުމެވެ. ފެންނަ ފެނުމަށް އެއް ޒާތެއްގެ ވައުދުތަކެވެ. ނަމަވެސް ބޭނުން ކުރައްވާ ބަސްތަކާއި ރާގު ތަފާތީ އެވެ. އެހެން ވީމާ، ރައްޔިތުން މިފަހަރު ހޮވަން ޖެހިފައި މި އޮތީ ވައުދުގެ ރޭހުން މޮޅުވާނެ ފަރާތެކެވެ.