ހަބަރު

ނަރުހުންގެ މުސާރަ 15 ޕަސެންޓު ބޮޑުކޮށްފި

Aug 19, 2018
4

ސަރުކާރުގެ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ނަރުހުންގެ މުސާރަ 15 ޕަސަންޓު ބޮޑުވާ ގޮތަށް ނަރުހުންގެ އާ އޮނިގަނޑެއް އެކުލަވާލައި މިއަދު އަމަލު ކުރަން ފަށައިފި އެވެ.

ހެލްތު މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެގައި ބުނެފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ނަރުހުންގެ ވަޒީފާގެ އާ އޮނިގަނޑަކަށް އަމަލު ކުރަން ފަށާފައިވާ ކަމަށާއި އެ އޮނިގަނޑު ތަންފީޒުވުމާ ގުޅިގެން ނަރުހުންނަށް ލިބޭ އުޖޫރައިގެ 15 ޕަސަންޓު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

އާ އޮނިގަނޑުގެ ދަށުން މުވައްޒިފުންގެ ތައުލީމާއި މަސައްކަތުގެ ފެންވަރަށް ބަލައިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ވަޒީފާގެ ކުރިއެރުން ދޭނެ އެވެ. އަދި ނާސިން ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރުމުން އެ ދާއިރާއިން ކުރިޔަށް ދިޔުމަށް މަގުފަހިކޮށްދޭން އެ އޮނިގަނޑުގައި ވަނީ ހިމަނައިފަ އެވެ. މީގެ އިތުރުން ހެލްތް މިނިސްޓްރީ އިން ބުނީ، ސްޕެޝަލައިޒްޑް ނަރުހުންގެ ހިދުމަތުގެ ތެރެއަށް ތާރަފްވެގެން ދާ ގޮތަށް ހެދުމާއި ހާއްސަ ދާއިރާތަކުން މަގާމުގެ ކުރިއެރުން ލިބޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ހެލްތު މިނިސްޓްރީ އިން ބުނީ ނަރުހުންގެ އާ އޮނިގަނޑު އެކުލަވާލާފައި ވަނީ ސިވިލް ސާވިސް ކޮމިޝަނާއި އައިޖީއެމްއެޗްއާއި މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލް އަދި ކަމާ ގުޅޭ ޓެކްނިކަލް ފަރާތްތަކުގެ އެހީގައި ކަމަށެވެ. އެ އޮނިގަނޑު އެކުލަވާލަން އުޅޭތީ ނަރުހުން މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މީހުން އޭރު ބުނެފައި ވަނީ ނަރުހުންނަށް ލިބޭ އުޖޫރަ އާ އޮނިގަނޑުގެ ސަބަބުން ކުޑަވުމުގެ ފުރުސަތު އޮތް ކަމަށެވެ.