އިދިކޮޅު ސަރުކާރެއްގައި މާލޭ މަގުމަތީ ޕާކު ކުރާނެ ވަސީލަތްތައް ގާއިމް ނުކޮށް ޖޫރިމަނާއެއް ނުކުރާނެ ކަމަށް އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
ހެންވޭރުގައި މިރޭ ޖަގަހައެއް ހުޅުވާދެއްވަމަށް ފަހު ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ މާލޭގައި 8000 އަށް ވުރެ ކާރު ދުއްވާ އިރު 85،000 އަށް ވުރެ ގިން ސައިކަލު ދުއްވާ ކަމަށެވެ. ނަމަވެސް ޕާކު ކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމްކޮށްފައި ނުވާ ކަމަށާއި އޭގެ ސަބަބުން ބޮޑު ދަތިކަމެއް ދިމާވެފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ.
މާލޭގައި ޕާކު ކުރާނެ ތަނެއް ނެތް އިރުގައި ވެސް އަންނަނީ ރައީސް ޔާމީންގެ ސަރުކާރުން އަންނަނީ އެކި ގޮތްގޮތުންޖޫރިމަނާކޮށް ވެހިކަލް ދުއްވާ ފަރާތްތަކަށް ބޮޑު އުނދަގުލެއް ކުރިމަތި ކުރުވަމުން ކަމަށާއި ނަމަވެސް ކަމަށެވެ. ނަމަވެސް އިދިކޮޅުގެ ވެރިކަމެއްގައި ފުރަތަމަ ދައްކާނީ ޕާކު ކުރާނެ ތަން ކަމަށާއި އެއަށް ފަހުގައި ޕާކު ކުރަން ކަނޑައަޅާފައި އޮންނަ ތަން ނޫން އެހެން ތަނެއްގައި ޕާކުކޮށްފި ނަމަ ޖޫރިމަނާ ކުރާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި މިހާރު މާލޭގައި ޕާކުކޮށްގެން އެ ނަގާ ޖޫރިމަނާތައް އަޅުގަނޑޫމެންގެ ވެރިކަމުގައި ކަނޑާލާނެ ކަމަށް ވެސް އިބޫ ވައުދުވި އެވެ.
"ރައީސް ޔާމީންގެ ވެރިކަމުގައި މި ކުރާ ކަމަކީ ޖޫރިމަނާކޮށްފައި މިހެން ދިމާވާ ހުރިހާ ވެރިކަމެއްގައި ޖޫރިމަނާ މާފް ކުރަމުން އެ ގެންދަނީ އެއީ އިންތިހާބަށް ނުފޫޒު ފޯރުވާ ނާޖާއިޒް ފައިދާ ނެގުމަށް ކުރާ ކަމެއް، އިރާދަކުރެއްވީއާ އަޅުގަނޑޫމެން އެކަމެއް ނުކުރާނަން،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ މާލޭގައި ދިމާވެފައި އޮންނަ އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ ދަތިކަން ކަމަށާއި މި ސަރުކާރުން އެ ދާއިރާއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އަދި މިހާތަނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށާއި ނަމަވެސް އިދިކޮޅު ސަރުކާރެއްގައި އެ މައްސަލަތައް ހައްލު ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ނޯންނާނެ މިނިސްޓަރުގެ ލިސްޓެއް، އަޅުގަނޑުމެންގެ އޮންނާނީ މާކްސް ދެވޭ އުސޫލުން އެންމެ މަތީ މާކްސް ދެވޭ ފަރާތަކަށް އިންސާފުން ގެދޮރު ބޯހިޔާވެހިކަން ހޯދާއިދިނުން، ގުރުއަތުލާ މާކްސްދެވޭ އިރު އޭގައި މަދަނީ ޖަމިއްޔާތައް ބައިވެރިކޮށްގެން އިވަލުއޭޝާން ކުރިޔަށް ގެންދާނަން،" އިބޫ ވިދާޅުވި އެވެ.
ގެދޮރަށް ދައްކަން ޖެހޭ ފައިސާ ބޮޑު ބުރައަކަށް މިހާރު ވެފައިވީ ނަމަަވެސް އިދިކޮޅުގެ ވެރިކަމެއްގައި ދިގު މުއްދަތަކަށް ދޫކުރެވޭ ލުއި ލޯނަކުން އެކަން ހަލާސް ކުރެވޭ ގޮތަށް ހަމަޖައްސާނެ ކަމަށާއި ފްލެޓުގެ އަގުތައް ވެސް މިހާރަށް ވުރެ ތިރި ކުރެވޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.