overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިންކަމް ޓެކްސް ނަގަން އިބޫ ވައުދުވެވަޑައިގެންފި

މުއްސަނދިންގެ އަތުން އިންކަމް ޓެކްސް ނެގުމަށް ގިނަ ބަޔަކު އެދެމުން ދަނިކޮށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު އެކަމަށް ވައުދުވެވަޑައިގެންފި އެވެ.

އިންކަމް ޓެކްސް ނެގުމުގެ ވާހަކަތައް އެކި ފަހަރު މަތިން ދައްކާފައިވީ ނަމަވެސް މިހާތަނަށް އެކަން އެއްވެސް ސަރުކާރަކުން ކޮށްފައެއް ނުވެ އެވެ. އެކަން އިއުލާން ކުރުމުގެ ގޮތުން މިއަދު އިބޫ ދެއްވި ހާއްސަ ނޫސް ކޮންފަރެންސެއްގައި ވިދާޅުވީ، ދައުލަތަށް ލިބޭ އާމްދަނީ އިން ރައްޔިތުންގެ އަސާސީ ހިދުމަތްތައް ފުއްދެން ޖެހޭނެ ކަމަށެވެ.

ހަމަ އަގުގައި މަސައްކަތްތައް ކުރާނަމަ ކޮންމެ ރަށެއްގައި ނަރުދަމާ އާއި ފެނުގެ ނިޒާމް އަދި ބަނދަރުތައް ހުންނާނީ ހެދިފަ ކަމަށް އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅުވީ، ފުދުންތެރި ދައުލަތަކަށް އެންމެ މުހިންމު ކަމަކީ ހަރުދަނާ ޓެކްސް ނިޒާމެއް ކަމަށެވެ. އެމްޑީޕީއިން ތައާރަފްކުރި ޓެކްސް ނިޒާމް މިހާރު ވަނީ ފުރިހަމަ ކުރަންޖެހިފައި ކަމަށް އިބޫ ވިދާޅުވި އެވެެ. އެކަން ފުރިހަމަ ކުރެވޭނީ އިންކަމް ޓެކްސް ނަގައިގެން ކަމަށް އިބޫ ވިދާޅުވި އެވެ.

"މުއްސަނދިންނާއި ފަގީރުންގެ ފަރަގު ކުޑަކުރުމަށް އިންކަމް ޓެކްސް ނެގުމަކީ އަޅުގަނޑުމެން އަބަދުވެސް ވަކާލާތު ކުރަމުން އައި ކަމެއް، 2011 ވަނަ އަހަރު ފަރުދުންގެ އާމްދަނީއިން ޓެކްސް ނެގޭ ބިލް ވެއްދުނު، މިހާރު ޖަޒީރާ މެނިފެސްޓޯގައި ވެސް އެކަން ވާނީ ހިމެނިފައި،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ރައްޔިތުން ގެދޮރުވެރިކުރުވުމާއި ބޮޑެތި ބަލިތަކަށް ސަލާމް ޖެހުން ހުއްޓުވުމަށާއި ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ލިބުމަށާއި ފޯރުންތެރިކަން ކުޑަ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތަކުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެކަންކަން ކުރެވޭނީ ޓެކްސްގެ ނިޒާމް ފުރިހަމަކޮށްގެން ކަމަށެވެ.

"އެހެންވެ އަޅުގަނޑުމެންގެ ވެރިކަމެއްގައި އިންކަމް ޓެކްސް ތައާރަފްކުރެވިގެން ދާނެ، އެކަން އަޅުގަނޑުމެން ކުރާނީ ރަނގަޅަށް ދިރާސާކުރުމަށްފަހު އެކަމާ ގުޅޭ ހުރިހާ ފަރާތްތަކާ ވަރަށް ރަނގަޅަށް މަޝްވަރާ ކުރެވި އެއަށްފަހުގަ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، އިންކަމް ޓެކްސް ނެގޭނީ ފުދުންތެރިކަން ހުރި މީހުންގެ އަތުން ކަމަށާއި ކަނޑައެޅޭ ވަކި މިންވަރަކަށްވުރެ މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން ނެގޭ ޕްރޮގްރެސިވް ޓެކްސްއަކަށް އެ ޓެކްސް ވާނެ ކަމަށެވެ. އެކަމާ ގުޅޭ ތަފްސީލްތައް އޭނާގެ ވެރިކަމެއްގައި ގާނޫނެއްގެ ސިފައިގައި ލިޔެވިގެން ދާނެ ކަމަށް ވިދާޅުވި އެވެ.

މީރާއިން މިހާރު ވެސް ނާޖައިޒު ފައިދާ ނަގަމުންދާ ކަމަށާއި ނާއިންސާފުން ޖޫރިމަނާތައް ކުރާކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ އޭނާގެ ސަރުކާރެއްގައި މީރާއިން ނާއިންސާފުން ކުރަމުންދާ ކަންކަން ގާނޫނަށް ބަދަލު ގެނެސްގެން ވިޔަސް ބަދަލު ކުރައްވާނެ ކަމަށެވެ. އަދި މީހުންނަށް އިތުބާރު ކުރެވޭ ތަނަކަށް މީރާ ހަދާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އެގޮތުން މީރާގެ ބޯޑާއި އޮފިޝަލުން ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީކުރުވޭނެ، އާންމު ވިޔަފާރިތަކާއި ފަރުދުންގެ މައުލޫމާތުތައް ރައްކާތެރިކޮށް އެ މައުލޫމާތުތައް ނާއިޖު ގޮތުގައި ސިޔާސީ ބޭނުމަށް ބޭނުން ކުރުން ހުއްޓުވުމަށް މީރާގެ އޮފިޝަލުން ޖަވާބުދާރީ ކުރެވޭ ގޮތް ހަދާނަން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވަނީ މިނިވަން ޓެކްސް އެޕީލް ޓްރިބިއުނަލެއް ގާއިމް ކުރައްވާނެ ކަމަށް ވެސް މިއަދު ވިދާޅުވެފަ އެވެ.

ބޮޑު އީދާ ދިމާކުރައްވައި މީޑިއާޔާ ބައްދަލު ކުރައްވައި އިބޫ އިތުރަށް ވިދާޅުވީ، ސަރުކާރުން ކޮރަޕްޝަނާއި މަގާމުގެ ނާޖައިޒު ބޭނުންކުރުން ހުއްޓާލުމުން ދައުލަތް މުއްސަނދި ވާނެ ކަމަށެވެ. އޭނާގެ ސަރުކާރެއްގައި ކޮރަޕްޝަން ހުއްޓުވުމަށް ވަރަށް ބޮޑު ސަމާލު ކަމެއް ދެއްވާނެ ކަމަށެވެ.

"ކޮރަޕްޝަން ހުއްޓުވުމަކީ އަޅުގަނޑުމެންގެ އެންމެ މުހިންމު ސިޔާސަތު، ކޮރަޕްޝަން ހާމަކުރާ ފަރާތްތަކަށް ގާނޫނީ ރައްކާތެރިކަން ލިބެން އެބަޖެހޭ، ކޮރަޕްޝަން ހާމަކުރާ ފަރާތްތަކަށް ރައްކާތެރިކަން ލިބިދޭ ވިސިލްބްލޯ ޕްރޮޓެކްޝަން އެކްޓް ގާނޫނެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފާސްކުރާނަން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ހާމަކުރި ގާސިމް އަބުދުލްކަރީމް ނުހައްގުން އެތައް އަދަބުތަކެއް ދީފައިވާކަން ފާހަގަކުރައްވާފަ އެވެ. އިބޫ ވިދާޅުވީ، ގާސިމް ފަދަ ފަރާތްތަކަށް ގާނޫނުން ރައްކާތެރިކަން އޭނާގެ ސަރުކާރެއްގައި ދެއްވާނެ ކަމަށެވެ. އެކަމަށް ހާއްސަކޮށް ވިސިލްބްލޯވާޒް ހިމާޔަތް ކުރެވޭނެ ގާނޫނެއް ހައްދަވާނެ ކަމަށް ވިދާޅުވި އެވެ.