overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ފަސް އަހަރުގެ ދައުރާމެދު އިބޫ ސާފު ޖަވާބެއް ނުދެއްވި

ވެރިކަމަށް ވަޑައިގަންނަވަނީ ފަސް އަހަރުގެ މުއްދަތަކަށްތޯ ކުރެވޭ ސުވާލަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ސާފު ޖަވާބެއް ނުދެއްވި އެވެ.

އެމްޑީޕީގެ މެނިފެސްޓޯ ފުރަތަމަ އިއުލާން ކުރިއިރު އިބޫގެ ވެރިކަމަކީ 2.5 އަހަރުގެ އިންތިގާލީ ވެރިކަމެއް ކަމަށް ބުނެފައިވެ އެވެ. އިންތިގާލީ އެ ވެރިކަމުގައި ކަންކަން އިސްލާހުކޮށް ހުރިހާ ބޭފުޅުންނަށް ބައިވެރިވެވޭ އިންތިހާބެއް އޮންނާނެ ކަމަށް ވެސް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.

އެކަމަކު އޭގެފަހުން އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ބައެއް ބޭފުޅުން ވަނީ އިބޫއަށް ފަސް އަހަރުގެ ދައުރެއް ދިނުމަށް ޕާޓީތަކުން އެއްބަސްވެފައިިވާ ކަމަށް ވިދާޅުވެފަ އެވެ. ގާނޫނު އަސާސީގައިވާ ގޮތުން ރައިސުލްޖުމްހޫރިއްޔާ އިންތިހާބު ކުރަން ޖެހޭނީ ފަސް އަހަރުގެ ދައުރަކަށެވެ.

މިއަދު އިބޫ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ އެކަމާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި އެކަންކަން ހާމަކުރެވޭނެ ކަމަށާއި އެ މެނިފެސްޓޯ ދެ ދުވަހެއްގެ ތެރޭގައި އާންމު ކުރައްވާނެ ކަމަށެވެ.

ފަސް އަހަރުކުރިން އިސްތިއުފާ ދެއްވާނަންތޯ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އިބޫ ވިދާޅުވީ ފަސް އަހަރަށް ބަދަލެއް ގެންނަނަމަ އެކަން ކުރެވެން އޮތީ ރައްޔިތުންގެ ވޯޓަކުން ކަމަށާއި އެނޫން ގޮތަކަށް އެކަން ކުރެވެން ނެތް ކަމަށެވެ.

"އެ ބަދަލުތައް ގެންނަ ކަމަށްވާނަމަ އެކަން ކުރަންޖެހޭނީ ރައްޔިތުންގެ ވޯޓުން، އެ ބަދަލުތައް އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމެނިގެން ދާނެ،" އިބޫ ވިދާޅުވި އެވެ.

ވެރިކަމުގެ ދައުރު ކުރު ކުރުމަށް ޕާޓީތަކުން ބޭނުންވެއްޖެނަމަ އެކަމަށް އެއްބަސްވެވަޑައިގަންނަވާނަންތޯ ސުވާލު ކުރުމުން އިބޫ ވިދާޅުވީ، "ރައްޔިތުންނެއް ނޫންތޯ އެކަން ނިންމަނީ، އެއީ އަޅުގަނޑާ ހިސާބަކުން ނިންމޭނެ ކަމެއް ނޫން،" ކަމަށެވެ.

ދައުރު ކުރުކުރުމަށް މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން އެއްބަސްވެވަޑައިގަންނަވާނަންތޯ އެހުމުން އިބޫ އެއަށް ޖަވާބެއް ނުދެއްވަ އެވެ. އިބޫ ވިދާޅުވީ، ވެރިކަމުގެ ނިޒާމް ހަރުދަނާ ކުރުމަށް ގާނޫނު އަސާސީއަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. ރިޔާސީ ނިޒާމް ކަމަށްވީ ނަމަވެސް މިހާރު އޮތް ގޮތުން ވެރިކަން ކުރުމަށް ދަތިތަކެއް އެބަހުރި ކަމަށެވެ.

އިބޫ ވިދާޅުވީ، ގާނޫނު އަސާސީއަށް ގެންނަ ބަދަލުތައް މެނިފެސްޓޯގައިވާނެ ކަމަށާއި 20 އަށްވުރެ ގިނަ ގާނޫނުތައް އިސްލާހުކުރާނެ ކަމަށް ވެސް ވާނެ ކަމަށެވެ.