ދުނިޔެ

އަފްގާނިސްތާނުގައި އެމްބަސީތައް ހުންނަ ސަރަހައްދަށް ރޮކެޓު ހަމަލާތަކެއް

Aug 21, 2018
1

ކާބުލް (އޯގަސްޓް 21) - އަޟުލާ އީދުގެ މުނާސަބަތުގައި ބޭއްވި ހަފްލާއެއްގައި އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ވާހަކަފުޅު ދައްކަވަމުން ދަނިކޮށް އެ ސަރަހައްދަށް ރޮކެޓު ހަމަލާތަކެއް ދީފި އެވެ.

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި، ރިޔާސީ ގަނޑުވަރުގެ އިތުރުން ބޭރުގެ ގިނަ އެމްބަސީތައް ހުންނަ ސަރަހައްދަށް ނުވަ ރޮކެޓު ހަމަލާދީފައިވާއިރު، ހަތިޔާރު ހިފައިގެން ތިބި ހަނގުރާމަ ވެރިންނާއި، އަފްގާނު ސިފައިންނާއި ދެމެދު މިހާރުވެސް ކުރިމަތުލުންތައް ހިނގަމުންދާ ކަމުގައި ބޭރު މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ފުރަތަމަ ރޮކެޓު ގޮވާފައިވަނީ، ރިޔާސީ ގަނޑުވަރާއި ވަރަށް ކައިރިންނެވެ. ދެވަނަ ހަމަލާދީފައިވަނީ ނޭޓޯ އާއި އެމެރިކާ އެމްބަސީ ހުންނަ ސަރަހައްދަށް ކަމަށް އަފްގާނު ފުލުހުންނާއި ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވެ އެވެ.

މި ހަމަލާގެ ފަހަތުގައި ތަލިބާނު ހަނގުރާމަވެރިންވާ ކަމަށް އަފްގާނު ފުލުހުން ވަނީ ބުނެފަ އެވެ. މިއަދުގެ ހަމަލާދީފައިވަނީ، ހަނގުރާމަ ހުއްޓާލުމަށް ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުން ތަލިބާނުން ގަބޫލުކުރަން ދެކޮޅު ހަދާފައިވާ ވަނިކޮށެވެ.

އީދުގެ މުނާސަބަތުތަކުގައި ބައިވެރިވުމަށް 200 މީހުން ގޮވައިގެން ދިޔަ ބަހަކަށް ވެސް ތަލިބާނުން ވަނީ އިއްޔެ ހަމަލާދީފަ އެވެ.

ދާދި ފަހުން ޣަޒްނީ ސިޓީއަށް ތަލިބާނުން ދިން ހަމަލާގައި 100 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.