ހަބަރު

150 ކިލޯގެ މީހަކު ހަތަރުވަނަ ފްލޯއަށް އަރުވަން ސިފައިން އެހީވެއްޖެ

Aug 21, 2018
3

ބަރުދަނުގައި 150 ކިލޯ ހުރި ބަލި މީހަކު އޭނާ ދިރިއުޅޭ މާލޭ ގޭގެ ހަތަރުވަނަ ފްލޯއަށް އެރުވުމަށް އެމްއެންޑީއެފް އިން އެހީވެދީފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ބުރުޒު މަގުގައި ހުންނަ މ. ނާދިޔާ ގޭގެ ހަތަރުވަނަ ފްލޯއަށް ބަލި މީހަކު އެރުވުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އޭނާއަކީ މައިބަދައިގެ އޮޕަރޭޝަނެއްކޮށްގެން އައިޖީއެމްއެޗް އިން މިއަދު ޑިސްޗާޖު ކުރި މީހެއް ކަމަށާއި އޭނާ ގެއަށް އަރުވައިދިނުމަށް އާއިލާއިން އެމްއެންޑީއެފްގެ ކިބައިން އެހީއަށް އެދުނު ކަމަށެވެ. އެއާ އެކު ސިފައިންގެ ޓީމެއް ގޮސް އެކަމުގައި އެ އާއިލާއަށް އެހީވެދިން ކަމަށް އާޒިމް ވިދާޅުވި އެވެ.

އުމުރުން 32 އަހަރު އެ މީހާގެ ބަރުދަނުގައި 150 ކިލޯ ހުރެ އެވެ. އާއިލާއަށް އެ މީހާ އެ ގޭގެ ހަތަރު ވަނަ ފްލޯއަށް ނޭރުވުނީ އެ މީހާގެ ބަރު ކަމުންނާއި މިފަހުން އޮޕަރޭޝަނެއް ކޮށްފައި ހުރުމުގެ ސަބަބުން އެވެ. މިހާރު އެ މީހާ ވަނީ އޭނާ ދިރިއުޅޭ ހަތަރު ވަނަ ފްލޯއަށް ސިފައިންގެ އެހީގައި އަރުވައިފަ އެވެ.