ދަނގެތި

ދަނގެތީގައި މަލްޓި ސްޕެޝަލިޓީ ކްލިނިކެއް ހުޅުވައިފި

ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ލިބޭ ހާއްސަ ކްލިނިކެއް، އދ. ދަނގެތިއަށް އުފަން، އަމިއްލަ ޑޮކްޓަރެއް ކަމަށްވާ، ޑރ. މޫސަ ހުސެއިން އެ ރަށުގައި ހުޅުވައިފި އެވެ.

މޫސައަކީ ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކަށް ފަރުވާ ދިނުމުގެ ހާއްސަ ގޮތުގައި އައިޖީއެމްއެޗްގައި މިދިޔަ ހަތަރު އަހަރު މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރެކެވެ. އޭނާ މިހާރު ހުންނެވީ އައިޖީއެމްއެޗްގެ ރެސްޕިރޭޓަރީ މެޑިސިންޑިޕާޓްމަންޓްގެ ހެޑްގެ މަގާމްގަ އެވެ.

އޭނާގެ އުފަން ރަށް ދަނގެތީގައި މަލްޓި ސްޕެޝަލިޓީ ކްލިނިކެއް ހުޅުވަން ނިންމީ މޫސަގެ ބައްޕަ، ހުސެއިން އަބްދުއް ސަމަދުގެ ހަނދާނުގަ އެވެ. އޭނާއަކީ ރަށުގެ ކަތީބު ކަމާއި ޓީޗަރެއްގެ ގޮތުގައި ވެސް ގިނަ ދުވަހު މަސައްކަތް ކުރެއްވި، އަދި ރަށު ރައްޔިތުންގެ އިހްތިރާމް ލިބިފައިވާ ބޭފުޅެކެވެ. "ހުސެއިން އަބްދުއް ސަމަދު މެމޯރިއަލް ކްލިނިކް"ގެ ނަމުގައި މޫސަ ކްލިނިކެއް ހުޅުވީ އޭނާ ބައްޕަ ދިރިއުޅުއްވި ގޭގަ އެވެ.

އެ ކްލިނިކާ ބެހޭ ގޮތުން "އަވަސް"އަށް މަައުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ ސެއިން އަބްދުއް ސަމަދު މެމޯރިއަލް ކްލިނިކަކީ ހާއްސަ ޑޮކްޓަރުން ދަނގެއްޗަށް ގެނެސް ރަށު ރައްޔިތުންނަށް އެ ހިދުމަތް ދިނުމުގެ ބޭނުމުގައި ހުޅުވާ ކްލިނިކެއް ކަމަށެވެ. ސްޕެޝަލިސްޓު ހިދުމަތްތަކުގެ އިތުރުން ޓެސްޓުތައް ހެއްދޭނެ ނިޒާމްވެސް ގާއިމްކޮށްފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ. އެގޮތުންް މިހާރު މަހަކު ދެފަހަރު އައިޖީއެމްއެޗް އާއި މާލޭގެ ބޮޑެތި ބައެއް ކްލިނިކްތަކުގައި މަސައްކަތް ކުރާ ސްޕެޝަލިސްޓް ޑޮކްޓަރުން ދަނގެއްޗަށް ގޮސް ހިދުމަތް ދޭނެ ކަމަށާއި ކުރިޔަށް އޮތް ތަނުގައި ހަފްތާއަކު އެއް ފަހަރު އެ ހިދުމަތް ލިބޭ ގޮތަށް ހަދާނެ ކަމަށް މޫސަ ވިދާޅުވި އެވެ.

އެގޮތުން އެތެރެ ހައްޓާއި ހިތުގެ ބަލިތަކާއި އަންހެނުންގެ ހާއްސަ ޑޮކްޓަރުންނާއި ފުއްޕާމޭގެ ހާއްސަ ބަލިތަކަށް ވެސް ފަރުވާދެ ހާއްސަ ޑޮކްޓަރުންގެ ހިދުމަތް ލިބޭނެ ކަމަށް މޫސަ ވިދާޅުވި އެވެ.

"އަޅުގަނޑުގެ މަގްސަދަކީ ޕްރޮފިޓެއް ނޫން، ރަށާއި އަތޮޅު މީހުންނަށް ހިންގާ ސޯޝަލް ކަމެއްގެ ގޮތުގައި މި ކްލިނިކް ހިންގާނީ، މިވަރުގެ ރަށެއްގައި ޕްރޮފިޓެއް ނުލިބުނަސް މިއީ އަޅުގަނޑު ކިޔަވާ ނިމިގެން އައި ފަހުން ވެސް ރަށުގެ މީހުން ވަރަށް ރިކުއެސްޓް ކުރަމުންް އައި ކަމެއް،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ އޭނާގެ ރަށުގައި ހެދި ކްލިނިކުން ދޭ ހިދުމަަތްތައް އިތުރަށް ފުޅާ ކުރުމުގެ ގޮތުން އެކްސްރޭ މެޝިނެއް ބަހައްޓާނެ ކަމަށާއި ދަތުގެ ޓެސްޓު ހެދުމާއި ހިތުގެ ސްކޭން ހެއްދޭނެ ނިޒާމްވެސް އެ ކްލިނިކުގައި ގާއިމް ކުރާނެ ކަމަށެވެ. އޭރުން އދ. އަތޮޅާއި ކައިރި އަތޮޅުތަކުގެ ރައްޔިތުންނަށް ވެސް މާލެ ނުގޮސް ފަސޭހަ ކަމާއެކު އެތަނުން ފަރުވާ ލިބިގެންދާނެ ކަމަށް މޫސަ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ޓާގެޓަކީ ދުވަހުން ދުވަހަަށް ސާވިސްތައް އިތުރުކޮށް މިތަނުގައި ހޮސްޕިޓަލު ފެންވަރަށް ހިދުމަތް ދިނުން," މޫސަ ވިދާޅުވި އެވެ.

އާބާދީގައި 1080 އެއްހާ މީހުން ދިރިއުޅޭ ދަނގެތީގައި ސިއްހީ މަރުކަޒެއް ވެސް ހުރެ އެވެ. ނަމަވެސް އެތަން ސްޕެޝަލިސްޓުގެ ހިދުމަތްތަކެއް ނުލިބެ އެވެ.