ހަބަރު

ކުޅުދުއްފުށީ މަށިމާލި ޕެރޭޑަށް ހުއްޓުމެއް ނެތް

ހދ. ކުޅުދުއްފުށިން: ނާޒިމް ހަސަން
Aug 22, 2018
1

މުޅި ރާއްޖެއަށް ވެސް މަޝްހޫރު ހދ. ކުޅުދުއްފުށީ މަށިމާލި ޕެެރޭޑް މިއަހަރު ވެސް އޮންނާނެ ކަމަށް އެކަމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ހާމަކޮށްފި އެވެ.

މަށިމާލި ޕެރޭޑަކީ ކުޅުދުއްފުށީ ކުޅިން މަށި ނަގައިގެން އެ ގައިގާ އުނގުޅައިގެން މާލި ހެދިގެން ބާއްވާ ޕެރޭޑެކެވެ. ހުދު މައްޓަކީ ރާއްޖޭގެ ކުޅިތަކުން ވަރަށް މަދުން ފެންނަ އެއްޗެކެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ކުޅީގެ ބޮޑު ބައެއް ހިއްކާފައިވާއިރު އެންމެ ރީތި ސާފު މަށި ލިބޭ ސަރަހައްދު ވެސް މިހާރު ވަނީ ވެލި އަޅާ ފޮރުވާފަ އެވެ. އެކަމަކު ކުޅީގެ ބައެއް އަދިވެސް ނުހިއްކާ އޮތްއިރު އެއީ ގިނައިން މަށި ލިބޭ ސަރަހައްދެވެ.

ކުޅީގެ ބައެއް ހިއްކުމާއެކު ސަގާފީ މަށިމާލި ޕެރޭޑަށް ހީނަރުކަން އަންނާނެ ކަމަށް ބެލެވިފައިވީ ނަމަވެސް މިއަދު ހަވީރު މަށިމާލި ޕެރޭޑް ބޭއްވުމަށް ދަނީ ފޯރިއާއެކު ތައްޔާރުވަމުންނެވެ.

ސިޔާސީ ގިނަ ޖޯކްތަކާއެކު ބާއްވާ މަށިމާލި ޕެރޭޑްގައި މިފަހުން އެންމެ ގިނަ ޖޯކްތައް އަމާޒުވެފައި އޮތީ ވެސް އެއާޕޯޓަށެވެ. މިއަދު ހަވީރު ރައީސް އަބްދުﷲ ޔާމީން ވެސް ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.