ދުނިޔެ

މުޒާހަރާތަކާ ގުޅިގެން މުބާރަކަށް އަނެއްކާ ވެސް ޝަރީއަތް ކުރަނީ

Jun 5, 2015

މުޒާހަރާކުރި އެތައް ސަތޭކަ ބަޔަކު މަރަން މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް އަމުރު ކުރެއްވިކަން ސާބިތު ނުވާ ކަމަށް ކަނޑައަޅައި މިދިޔަ އަހަރު އިއްވާފައިވާ ހުކުމް ބާތިލްކޮށް، އެ މައްސަލައިގެ ޝަރީއަތް އަލުން ހިންގުމަށް އިސްތިއުނާފީ ކޯޓަކުން އިއްޔެ އަމުރުކޮށްފި އެވެ.

މި މައްސަލައިގައި މުބާރަކްގެ މައްޗަށް އެންމެ ފުރަތަމަ، 2012 ގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. ނަމަވެސް އެ ޝަރީއަތް ކުރުމުގައި އިދާރީ މައްސަލަތަކެއް ހުރި ކަމަށް ބުނެ އިސްތިއުނާފީ ކޯޓުން އެންގީ އެ މައްސަލަ އަލުން ބެލުމަށެވެ. އެ ގޮތުގެ މަތިން އެ މައްސަލަ އަލުން ބެލުމަށް ފަހު، މިދިޔަ ނޮވެމްބަރު މަހު ދަށު ކޯޓުން ނިންމީ އެ ދައުވާ މުބާރަކްގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ.

އިސްތިއުނާފީ ކޯޓުން ވަނީ ދަށު ކޯޓުގެ އެ ހުކުމް އިއްޔެ ބާތިލްކޮށްފަ އެވެ. އަދި އެ މައްސަލައިގެ ޝަރީއަތް އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު އަލުން ބޭއްވުމަށް ވެސް އެ ކޯޓުން ނިންމި އެވެ.

މީގެ އިތުރުން، އެހެން ދެ މައްސަލައެއްގައި ވެސް މުބާރަކްގެ މައްޗަށް ދައުވާކޮށް، ޝަރީއަތް ހިންގާފައިވެ އެވެ.

އޭގެ ތެރެއިން، ރިޔާސީ ގަނޑުވަރުގެ ފައިސާތަކަކަށް ހިޔާނާތްތެރިވި މައްސަލައިގައި ވެސް މުބާރަކް ތިން އަހަރަށް ޖަލަށް ލާން ކުރިން ހުކުމްކޮށްފައި ވަނިކޮށް، އިސްތިއުނާފީ ކޯޓުން މިދިޔަ ޖެނުއަރީ މަހު އެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އަމުރުކުރި އެވެ. އެ އެންގުމާ އެއްގޮތަށް އެ މައްސަލަ އަލުން ބެލުމަށް ފަހު، މުބާރަކް ތިން އަހަރަށް ޖަލަށް ލާން މިދިޔަ މަހު އަނެއްކާ ވެސް އަމުރުކޮށްފައިވެ އެވެ.

ރައްޔިތުންގެ ނިކުމެ 2011 ގައި މުބާރަކްގެ ވެރިކަން ވައްޓާލުމަށް ފަހު އިންތިހާބަކުން ވެރިކަމަށް ވަޑައިގެންނެވި މުހައްމަދު މުރްސީގެ ވެރިކަން ސިފައިން ވަނީ ވައްޓާލާފަ އެވެ. އޭގެ ފަހުން މިހާރު ވެރިކަމުގައި ހުންނެވީ ސިފައިންގެ ކުރީގެ ވެރިޔާ އަބްދުލް ފައްތާހު ސީސީ އެވެ. މުބާރަކްގެ ވެރިކަން ވައްޓާލި ފަހުން މިއަދާ ހަމައަށް ވެސް މިސްރުގައި ހަމަޖެހުން ގާއިމްވެފައެއް ނުވެ އެވެ.