ހަބަރު

މަށިމާލި މިފަހަރު ބްރިޖު ކައިވެންޏާ އެކު!

ހދ. ކުޅުދުއްފުށިން: ނާޒިމް ހަސަން
Aug 22, 2018
2

ކުޅުދުއްފުއްޓަކީ ޒަމާނުއްސުރެ ވެސް ބޮޑު އީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ތަފާތު ސަގާފަތެއް އޮންނަ ރަށެކެވެ. އަބަދުވެސް ކުޅުދުއްފުށީގެ އީދު ކުޅިވަރާއި މާލިތަކާއި ޕެރޭޑް މުޅި ރާއްޖޭގެ ސަމާލުކަން ހޯދަ އެވެ. ކުޅުދުއްފުށީގެ ރަމްޒެއްގެ ގޮތުގއި ބަލާ މަށި ކުޅިން ނަގާ މަށިން މާލި ހެދިގެން މި ޕެރޭޑެއް ކުޅުދުއްފުށީގައި ކުރިއަށް ގެންދާތާ އެތަކެއް ޒަމާން މާޒީއާ އެކުވެ، ހިނގައްޖެ އެވެ.

ކުޅުދުއްފުށީގެ މީހުންނަކީ ސަމާސާ ބައެކެވެ. އެ މީހުންގެ މަށިމާލި ޕެރޭޑަކީ އަބަދުވެސް އެ ލާނެތް ކަމާއި ސަމާސަކަން ވަރަށް ބޮޑަށް ދައްކުވައިދޭ ގޮތަށް ރޭވޭ ޕެރޭޑެކެވެ. ޕެރޭޑްގައި މާލިތައް ރުކުރުވާލަނީ އޭރެއްގެ އެންމެ ހިނގާ ކަންކަމަށް ޖޯކު ޖަހައިގެނެވެ. އޭގެ އިތުރުން އެ ޕެރޭޑަށް ހާއްސަ މާލިތައް ވެސް ހުރެ އެވެ. އެންމެ ކުރިންސުރެ ވެސް އެ މާލިތަކަށް ބަދަލެއް ނާދެ އެވެ. އަދި ތަފާތެއް ވެސް ނުވެ އެވެ.

މިފަހަރުގެ މާލިތައް އެންމެ ބޮޑު އަމާޒަކަށް އޮތީ ބްރިޖް ކައިވެންޏަށެވެ. ހުޅުލެ އާއި މާލެ ދެމެދު އަޅާފައިވާ ތާރީހީ ބްރިޖް، ސިނަމާލޭ ބްރިޖް މަތީ ކުރާ ފުރަތަމަ ކައިވެނި މި މަހުގެ 31 ގައި އޮންނާނެ އެވެ. ބްރިޖްގެ ހަތަރު ކައިވެންޏެއް މިފަހަރު މަށިމާލި ޕެރޭޑްގައި ދައްކާލިއިރު ކައިވެނީގައި ބައިވެރިވި މާލިތައް ވެސް ގިނަ އެވެ. މީގެ ދެތިން އަހަރު އެންމެ ގިނަ ޖޯކްތަކެއް އަމާާޒުވީ ކުޅުދުއްފުށީ އެއާޕޯޓަށެވެ. މިފަހަރު އެއާޕޯޓު ޖޯކެއް ނުފެނެ އެވެ. އެކަމަކު ކުޅުދުއްފުށީގައި ބަހުގެ ހިދުމަތް ދޭނެ ކަމަށް ބުނެ އެކަން އަދިވެސް ކޮށްފައިނުވާތީ އެކަމަށް ޖޯކު ޖެހި އެވެ. ކުޅުދުއްފުށީ ސްކޫލް ބަސް ޕެރޭޑްގައި ދައްކާލި އެވެ.

މީގެ ދެތިން ދުވަސްކުރިން ކުޅުދުއްފުށިން ހަވާލުކުރި ރޯހައުސްތައް "ހިތްރުއްސާ" ފްލެޓްގެ ގޮތުގައި ސިފަކޮށް ޖޯކް ޖަހާފައިވެ އެވެ. އަދި "ވީރާނާ ފްލެޓް" ގޮތުގައި ވެސް ސިފަކޮށް ޖޯކް ޖެހި އެވެ. އެމްޑީޕީ ވެރިކަމަށް ގެންނަން ސިހުރު ހަދާ ކަމަށް ބުނެ ކުޅުދުއްފުށިން ބަޔަކު ހައްޔަރުކޮށްފައިވާތީ އެކަމާ ގުޅޭ މާލިތައް ވެސް ޕެރޭޑްގައި ބައިވެރިވި އެވެ.

މަށިމާލި ޕެރޭޑްގައި ޖޯކްތައް ސަރުކާރަށް އަމާޒުވި އިރު، އިދިކޮޅަށް ވެސް ޖޯކްތައް އަމާޒުކުރި އެވެ. "ކިނބުލަށް ނުފެނުނު ނަރުދަމާ"އޭ ބުނެ ވެސް ޕެރޭޑްގައި އިދިކޮޅަށް ޖޯކު ޖެހި އެވެ. އެއީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އިބޫއަށް ރައްދު ކުރި ޖޯކެކެވެ. "ނޯ ލީކް މީޑިއާ"އަކީ މަށިމާލި ޕެރޭޑް ކަވާކުރުމަށް އަބަދުވެސް ހަރަކާތްތެރިވާ މީޑިއާ އެވެ. އެ މާލިތައް މި އަހަރު ވެސް ފެނުނެވެ.

އިންސާފުގެ ތިލަފަތާއި އެކަނިވެރި ބަފާގެ މާލި ވެސް ޕެރޭޑުން ފެނުނެވެ. އެންމެ ކުރިންސުރެ ވެސް މަށިމާލި ޕެރޭޑުން ފެންނަ މިސައިލްތަކާއި ބުއްފުޅިބޯ ކުއްޖާ އާއި ދުންމާރި ފުމޭ މާލިތައް މިފަހަރު ވެސް ތަފާތެއް ނެތި ފެނިގެންދިޔަ އެވެ. އޭގެއިތުރުން ދިވެހިންގެ ތެރޭގައި މިހާރު މަޝްހޫރުކަން ހޯދާފައިވާ ހިންދީ ދިލްބަރު މި ލަވަޔަށް ހާއްސަ މާލި، "ދިލްބަރު ދިލްބަރު" އާއި ދިވެހިން ދެވިހިފާފައިވާ ވީޑިއޯ ސޯޝަލްމީޑިއާ އެޕް "މިޔުސިކަލީ" ފަދަ މާލިތައް ފެނިގެން ދިޔަ އެވެ.

މަށިމާލި ޕެރޭޑަކީ ކުޅީގެ އަޑިން މަށި ނަގައިގެން މަށި ގައިގާ ހާކައިގެން ރަށުގެ ބޮޑެތި މަގުތަކުގައި މާލިތައް ހިނގާ ހިނގުމެވެ. ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ކުޅީގެ ބޮޑު ބައެއް ހިއްކާފައިވާއިރު އެންމެ ރީތި ސާފު މަށި ލިބޭ ސަރަހައްދު ވެސް މިހާރު ވަނީ ވެލި އަޅާ ފޮރުވާފަ އެވެ. އެކަމަކު ކުޅީގެ ބައެއް އަދިވެސް ނުހިއްކާ އޮތްއިރު އެއީ ގިނައިން މަށި ލިބޭ ސަރަހައްދެވެ. އެހެންވެ މަށިމާލި ޕެރޭޑަށް އެއްވެސް ފަނޑު ކަމެއް މިފަހަރު ވެސް ނައެވެ.

ގައުމު އޮންނަ ހާލަތާ ގުޅުވައިގެން ކުޅުދުއްފުށީގައި މަށިމާލި ޕެރޭޑް ހެއްވާ މަޖާ ގޮތްގޮތަށް މެސެޖްތައް ދެމުން އަންނައިރު މި ޕެރޭޑް ވެފައިވަނީ ކުޅުދުއްފުށީގެ ރައްޔިތުންނަށް ވަރަށް ހާއްސަ ޕެރޭޑަކަށެވެ. މިއަދު ވެސް ކުޅުދުއްފުށީގެ ބޮޑެތި މަގުތައް ޕެރޭޑް ބަލާ މީހުން އިން ފުރާލި އެވެ. ރައީސް އަބްދުﷲ ޔާމީން ވެސް މިއަދު ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގަންނަވަން ހަމަޖެހިފައި އޮތް ނަމަވެސް ދަތުރުފުޅު މިރެއަށް ވަނީ ފަސްކުރައްވައިފަ އެވެ.