ދުނިޔެ

އަނެއްކާވެސް އިޒްރޭލު ބޮއިކޮޓްކުރުމުގެ ކެމްޕޭނެއް

Jun 6, 2015

އެކަމަކު އެންމެނަށް ވެސް އެނގޭ ހަގީގަތަކީ މިއިން އެއްވެސް ކެމްޕޭނެއް އިޒްރޭލާ ދެކޮޅަށް ކާމިޔާބުނުކުރެވޭނެ ކަމެވެ. އިޒްރޭލުގެ ޔަހޫދީންނާ ދެކޮޅަށް މިފަދަ އަޑެ ފެތުރިގެންދާ ކޮންމެ ފަހަރަކު އެ އަޑެއް ކަނޑުވައިލަނީ ޔަހޫދީންނާ މެދު ތަފާތުކުރުމުގެ ސިޔާސަތެއް ނުގެންގުޅުމަށް ގޮވާލައި ކެމްޕޭންކުރާ ހުޅަނގުގެ ފަރާތްތަކުންނެވެ.

ކޮންމެއަކަސް އިޒްރޭލާ ދެކޮޅު ކެމްޕޭނެއް މިއޮތީ އަނެއްކާވެސް ފެށިފަ އެވެ. ފަލަސްތީނުން އިޒްރޭލާ ދެކޮޅަށް ފީފާ އަށް ވެއްދި މައްސަލަ ނާކާމިޔާބުވިއިރު އިޒްރޭލު ބޮއިކޮޓްކުރުމުގެ ވަރުގަދަ ކެމްޕޭނެއް ފަށާފައި ވަނީ ޔޫރަޕުންނެވެ. އެއް އިރެއްގައި އިޒްރޭލުގެ ޔަހޫދީންނަށް މުޅި ޔޫރަޕްގެ ދެ އަތް ހުޅުވާލައިގެން އޮތަސް މިއަދު އެ މަންޒަރު ވަނީ ބަދަލުވެފަ އެވެ.

އެމެރިކާގެ ތައްޕާހުގައި އިޒްރޭލު ބޮޑު ބާރަކަށްވެ ފަލަސްތީނުގެ ބިންތައް އަޅުވެތިކޮށް ދުނިޔޭގެ ސުލްހަޔަށް ފުރައްސާރަކުރަމުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާއިރު ޔޫރަޕްގެ ވަރަށް ގިނަ ގައުމުތަކެއް މި ވަނީ ފަލަސްތީނަށް ހަމްދަރުދީވެ އެމީހުންނާ އެއްކޮޅަކަށް އަރައިފަ އެވެ.

އިޒްރޭލާ ދެކޮޅަށް ޔޫރަޕުގައި މިހާރު ފަށާފައިވާ ބޮއިކޮޓް ކެމްޕޭނަކީ ވެސް އޭގެ މިސާލެކެވެ. މި ކެމްޕޭނުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ނޯވޭގެ ޕަބްލިކް އެމްޕްލޯއީ ޔޫނިއަން އެވެ.

މި ކެމްޕޭނަކީ އިޒްރޭލުން ފަލަސްތީނުގެ ބިމުގައި ގަވާއިދާހިލާފަށް ވަޒަންވެރިވެ އެ ބިންތަކުގައި އިޒްރޭލުގެ އެކްސްޕޯޓް ވިޔަފާރި ވެސް ފުޅާކުރަމުންދާތީ އެކަމާ ދެކޮޅަށް ފަށާފައިވާ ކެމްޕޭނެކެވެ.

މި ބޮއިކޮޓް ކެމްޕޭންގެ ނުރައްކާ އިޒްރޭލަށް ބޮޑުވެ މި މައްސަލަ އިޒްރޭލު ސަރުކާރުގެ މި ދުވަސްކޮޅުގެ އެންމެ ހޫނު ބަހުސަކަށް ބަދަލުވެފައި ވަނީ އިޒްރޭލުގެ އެތެރެއިން ޔަހޫދީންގެ ބައެއް ފަރާތްތަކުން ވެސް މި ކެމްޕޭނާ އެއްކޮށް ހިފާލާފައިވުމުންނެވެ.

އެގޮތުން ފަލަސްތީނުގެ ބިމުގައި ގަވާއިދާހިލާފަށް ޔަހޫދީން އާބާދުކޮށް އެތަނުގައި ވިޔަފާރިކުރާ އިޒްރޭލުގެ ކުންފުނިތަކަށް މި ބޮއިކޮޓް ކެމްޕޭނުގައި ވަނީ ހަމަލާތައް އަމާޒުކޮށްފަ އެވެ. ޔޫރަޕްގައި މި ކުންފުނިތަކުގެ އުފެއްދުންތައް މަނާކުރުމަށް ގޮވާލާ ފަރާތްތަކުގެ އަޑު ވެސް ވަނީ ގަދަކޮށްފަ އެވެ.

ނަމަވެސް މި ކެމްޕޭނެއް ކާމިޔާބުނުވެ ހުއްޓާލަން ޖެހޭނެ ކަމުގެ އަލާމާތްތަކެއް މިހާރު ވެސް ވަނީ ފެންނަން ފަށައިފަ އެވެ. ގަވާއިދާ ހިލާފަށް އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިމުގައި ވިޔަފާރިކުރާ އިޒްރޭލުގެ ކުންފުނިތައް ބޮއިކޮޓްކުރަން ގޮވާލައި ފެށި މި ކެމްޕޭނުގެ ހަމަލާތައް މިހާރު ދަނީ ސީދާ އިޒްރޭލުގެ ސަރުކާރަށް ވެސް އަރަމުންނެވެ.

މިއީ މި ކެމްޕޭން ހުއްޓާލަން މަޖުބޫރުވާނެ ކަމެކެވެ. އިޒްރޭލުގެ ދައުލަތާއި ޔަހޫދީންނަށް ސީދާ އަމާޒުވާ ފަދަ ގޮތަކަށް ހަމަލާ ދިނުމަކީ ދުނިޔެއަށް މަންޒަރުބަލަން ކެތްކުރެވޭނެ ކަމެއް ނޫނެވެ.