ހަބަރު

ރީރަޖިސްޓްރޭޝަން މައުލޫމާތުތައް ހާމަ ނުކުރަނީސް ޕީޕީއެމްއަށް ލިބިއްޖެ: އިބޫ

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ މީހުން ރީ ރަޖިސްޓާ ކުރި ގޮތުގެ މައުލޫމާތުތައް އިލެކްޝަން ކޮމިޝަން (އީސީ) އިން ހާމަ ކުރުމުގެ ކުރިން އެ މައުލޫމާތުތައް ޕީޕީއެމްއަށް ލިބިފައިވާ ކަމަށް އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ތުހުމަތު ކުރައްވައިފި އެވެ.

އިބޫ މިހެން ވިދާޅުވި އިރު ރީ ރަޖިސްޓާ ކުރުމުގެ ފުރުސަތު ބަންދު ކުރިތާ އެތަށް ދުވަހެއް މިހާރުވެފައިވާ އިރު އީސީ އިން އެންމެ ފަހުން ބުނީ މި ހަފްތާގެ ތެރޭގައި އެ މައުލޫމާތުތައް އާންމުންނަށް ހިއްސާ ކުރާނެ ކަމަށެވެ. ނަމަވެސް މި ހަފްތާ ނިމުން އިރުވެސް އެ މައުލޫމާތެއް އީސީ އިން ހާމައެއް ނުކުރެ އެވެ.

ރ. އަތޮޅަށް އިބޫ ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ވާދޫއަށް ވަޑައިގެން ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ރީ ރަޖިސްޓާ ކުރުމަށް ހުށަހަޅާފައިވާ ފޯމްތަކުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި ބައެއް އާންމުންނަށް ޕީޕީއެމްއިން ފޯނު ކުރަމުން އަންނަ ކަަމަށެވެ. އެގޮތުން އެމްޑީޕީގެ އިސް ބޭފުޅަކަށް ވެސް ގުޅުމަށް ފަހު މައުލޫމާތުތައް ސައްހަތޯ ކަށަވަރު ކުރެއްވުމަށް ސުވާލު ކުރެއްވި ކަމަށާއި ނަމަވެސް ފޯނު ކުރީ އީސީގެ ބަދަލުގައި ޕީޕީއެމްގެ ކެމްޕެއިން ޓީމުން ކަމަށް އިބޫ ވިދާޅުވި އެވެ.

"މި ޕާޓީގެ އިސް ބޭފުޅަކަށް އިއްޔެ ގުޅުއްވާފައި އެއްސެވި މި ފޯމް އީސީއަށް ގެނައީ ތިބޭފުޅާ ނޫން ހޭ، ކޮންތާކަށްހޭ ރަޖިސްޓާވެފައި އޮތީ، އެ ބޭފުޅާ ވިދާޅުވީ އަޅުގަނޑު ފޯމްލީ އިލެކްޝަން ކޮމިޝަނަށޭ ތިއީ އިލެކްޝަން ކޮމިޝަނުންހޭ، އެ ބެފުޅުން ބުނީ މިއީ ރައީސް ޔާމިންގެ ކެމްޕެއިން އޮފީހުންނޭ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ މިއީ އީސީގެ ހާލަތު ކަމަށާއި ރަޖިސްޓްރީ ކުރަން ލީ ފޯމުތައް އާންމުކޮށް ހާމަ ނުކުރަނީސް ޕީޕީއެމްއާ ހަމަޔަށް ގޮސްފައިވާ ކަމަށެވެ. އަދި އީސީއަށް އިތުބާރެއް ނުކުރައްވާ ކަމަށާއި ނަމަވެސް އިންތިހާބަށް ކުރިމަތި ލަނީ ރައްޔިތުންނަށް ކުރާ އިތުބާރެއްގެ ސަބަބުން ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އެ އިތުބާރާ އެކުގައި ރިޔާސީ އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އެފަދަ ތުހުމަތުތަކެއް އިބޫ ޕީޕީއެމް އާއި އީސީ އަށް ކުރި ނަމަވެސް އީސީ އިން ބުނެފައި ވަނީ ވޯޓް އޮޅުވާލަން އެ ފަރާތުން އެއްވެސް ނުކުރާ ކަމަށާއި އެއީ އިންތިހާބާ މެދު ޝައްކު އުފައްދަން ދައްކާ ދޮގު ވާހަކަ ކަމަށެވެ. އަދި ޕީޕީއެމް އިން ވެސް އެ ތުހުމަތުތައް ދޮގު ކުރެ އެވެ. އަދި އިންތިހާބާ މެދު އުފައްދާ ޝައްކުތަކުގައި އަސްލެއް ނެތް ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ރޭ ވަނީ ވިދާޅުވެފަ އެވެ.