ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ ރަޖިސްޓްރީވާން ހުށަހެޅި 5،000 އަށްވުރެ ގިނަ މީހުންގެ ފޯމްތައް ބާތިލްކޮށްފައިވާއިރު އޭގެ ތެރޭގައި ގިނައީ އެމްޑީޕީއަށް ނިސްބަތްވާ މީހުންގެ ފޯމްތައް ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ.
ރ. އުނގޫފާރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، ބާތިލްކުރި ގިނަ ފޯމްތަކަކީ އެމްޑީޕީއަށް ނިސްބަތްވާ މީހުންގެ ފޯމްތައްކަން މިހާރު އެނގިފައިވާ ކަމަށެވެ. އަމިއްލައަށް ރީ ރަޖިސްޓްރީން ވާން ހުށަހެޅި އެމްޑީޕީއަށް ނިސްބަތްވާ މީހުންގެ ފޯމްތައް ވެސް ބާތިލްކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.
"މި އިންނެވި އަމީތުގެ އަނބިކަނބަލުން އަމިއްލައަށް ރީ ރަޖިސްޓްރީވާން ހުށަހެޅީ މެލޭޝިއާއަށް، މިހާރު އެ އޮތީ އެ ފޯމް ބާތިލްކޮށްފަ، އަޅުގަނޑުގެ މަންމަ ރީ ރަޖިސްޓްރީ ސިލޯނަށް، އެކަމަކު މިހާރު އޮތީ ބާތިލްކޮށްފަ، މި މަހުގެ 15 ވަނަ ދުވަހު ރަޖިސްޓްރީވެފަ އެބަ އޮތް ޗިޓް ދީފަ، އެކަމަކު މިހާރު އޮތީ ބާތިލްވެފަ، މިހެން ހުރި އެތައް މައްސަލަތަކެއް އެބަހުރި،" އިބޫ ވިދާޅުވި އެވެ.
ރީ ރަޖިސްޓްރީގެ މައުލޫމާތުތައް އިލެކްޝަން ކޮމިޝަނުން އާންމުކުރުމުގެ ކުރިން އެ މައުލޫމާތުތައް މުލިއާގެއަށް ވަދެފައިވާކަން ޔަގީންކަމާއެކު ވިދާޅުވާން ކެރިވަޑައިގަންނަވާ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅުވީ، އެ މައުލޫމާތުތައް ބަލައިގެން ވަކިވަކި މީހުންނަށް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ގުޅައި އެތަނަށް ރަޖިސްޓްރީވެފައިވަނީ ކީއްވެތޯ ބަލައި ވޯޓު ލަނީ ކާކަށްތޯ ވެސް ބަލަމުންދާ ކަމަށެވެ.

އިބޫ މިހެން ވިދާޅުވިއިރު އެކަމަށް ބާރު ލިބޭ ފޯނު ކޯލެއްގެ އޯޑިއޯ ވަނީ ލީކްވެފަ އެވެ. ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ގުޅައި ސްރީލަންކާއަށް ރީ ރަޖިސްޓްރީވެފައިވާ ކަމުގެ މައުލޫމާތު އެ އޮފީހުގައި އެބަ އޮތް ކަމަށް ފޯނު ކޯލްގައި ބުނެފައިވެ އެވެ. އެ މައުލޫމާތު އިލެކްޝަން ކޮމިޝަނަށް ނޫން ކެމްޕެއިން އޮފީހަށް ލިބުނީ ކިހިނެއްތޯ ސުވާލުކުރުމުން ކެމްޕެއިން އޮފީހުން ވާހަކަ ދެއްކި މީހާ ބުނެފައިވަނީ ލިބޭނެ ގޮތްތައް ހުންނާނެ ކަމަށެވެ.
އިބޫ ވިދާޅުވީ ފޯމްތައް ބާތިލްކޮށް މި މަހުގެ 29 ވަނަ ދުވަހުގެ ކުރިން ރީ ރަޖިސްޓްރީ އަލުން ވާން އަންގާފައިވާއިރު އެކަން ވެސް އެ ޕާޓީގެ މެންބަރުން ކުރާނެ ކަމަށެވެ. އެ ޕާޓީ މިފަހަރު ތިބީ ކުރިމަތިކުރާ ހުރަސްތަކާ ހެދި ފަހަތަށް ޖެހޭ ގޮތަކަށް ނޫން ކަމަށް އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިފަހަރު ބަލާނަން އެ ބޭފުޅުންނަށްތޯ އޮޅުވާލެވެނީ، ނޫނީ އަޅުގަނޑުމެންނަށްތޯ ކުރިއަށް ދެވެނީ، އެންމެ އިންޗިއެއް ވެސް ފަހަތަށް ނުޖެހޭނަން،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، ވޯޓު އޮޅުވާލަން ކުރާނެ ކަންކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަންކަމަށް ތިއްބަވާނީ ސަމާލުވެ ކަމަށެވެ. އޮޅުވާލަން ކުރާ ކޮންމެ ކަމެއް ފެއިލްކޮށްލުމަށް ކެރިގެން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.