ހަބަރު

އިންޑިއާއިން ރާއްޖެ ހިފަން ގޮވާލި މައްސަލައިގައި އިބޫ އާއި އެމްޑީޕީ ހިމޭނުން

Aug 25, 2018
23

އިންޑިއާ ސިފައިން ރާއްޖެ އަރައި ރާއްޖެ ހިފަން ޖެހޭނެ ކަމަށް، އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީއަށް ނިސްބަތްވާ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ވިދާޅުވި ވިދާޅުވުން، ކުށްވެރި ނުކުރައްވާ އެ މައްސަލައިގައި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ހަނު ހުންނަވައިފި އެވެ.

އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ނޭޝަނަލް އެގްޒެކްޓިވް ކޮމިޓީގެ މެންބަރުކަން ވެސް އަދި ކުރިން ޔޫނިއަން މިނިސްޓަރުކަން ވެސް ކުރެއްވި، ސުބްރަމާނިއަން ސުވާމީ ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވެފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 23 ގައި ބާއްވާ އިންތިހާބު ސަރުކާރުން އޮޅުވާލައިފި ނަމަ އިންޑިއާއިން ރާއްޖެ ހިފަން ޖެހޭ ކަމަށެވެ.

އެ ޓްވީޓާ ގުޅިގެން އިދިކޮޅު އިއްތިހާދުގެ ބޭފުޅުންގެ ތެރެއިން އެކަން ކުށްވެރި ކުރެއްވީ ރަނިންމޭޓް އަދި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް އެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ އެ ވާހަކަތައް ކުށްވެރި ކުރައްވާ އެކަމާ ދެކޮޅު ހައްދަވައިފަ އެވެ. މީގެ އިތުރަށް ޕީޕީއެމް އާއި ސަރުކާރަށް ނިސްބަތްވާ އިސް އޮފިޝަލުންނާއި އަދ އާންމުންގެ ތެރެއިން އެކި ފަރާތްތަކުން އަންނަނީ، ސުބްރަމާނިއަންގެ އެ ވާހަކަ ކުށްވެރި ކުރައްވަމުން އެވެ.

އިބޫ މިހާރު ރ އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި، މިރޭ ދުވާފަރުގައި ކޯލިޝަންގެ ޖަލްސާއެއްގައި ތަގުރީރު ވެސް ކުރެއްވި އެވެ. އެހެން ނަމަވެސް އިބޫ އެ މައްސަލައިގައި އެއްވެސް އެއްޗެއް ވިދާޅެއްނުވެ އެވެ. އަދި އިބޫ ނިސްބަތްވެ ވަޑައިގަންނަވާ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ އިން ވެސް އެ މައްސަލައިގައި އެއްޗެއް އަދި ނުބުނެ އެވެ. އެ ޕާޓީގެ ބަހެއް އެކަމުގައި ހޯދަން މަސައްކަތް ކުރި ނަމަވެސް އެކަމާ ގުޅޭ ގޮތުން އެ ޕާޓީގެ ބަހެއް ވެސް އަދި އިބޫގެ ކެމްޕޭން ޓީމުގެ ފަރާތުން ވެސް ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ރާއްޖެ ހިފަން ގޮވާލައި ސުބްރަމާނިއަން ޓްވީޓެއް ކުރެއްވީ މިދިޔަ ބުދަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމާ އެކު އޭނާ ބޭއްވި ބައްދަލުވުމާ ގުޅޭ ހަބަރު ރިޓްވީޓް ކުރައްވަމުން އެވެ.

އެ މައްސަލައިގައި އިބޫ އެއްޗެއް ވިދާޅުނުވާތީ، ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން އިބޫއަށް ފާޑު ވިދާޅުވަމުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މައްސަލައިގައި އިބޫ އެއްޗެއް ވިދާޅު ނުވެ ހުންނެވުމަކީ ރާއްޖެ އިސްތިއުމާރު ކުރުމަށް އިބޫ ތާއީދު ކުރެއްވުން ހާމަކޮށްދޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. މިކަމުގެ އަޑީގައި އިބޫވެސް ހުރި ކަމަށް ތުހުމަތު ކުރައްވަމުން، ނިހާން ވަނީ ބޭރުގެ ނުފޫޒުތައް ރާއްޖެ ގެންނަން އިބޫ ބޭނުން ފުޅުވަނީތޯ ސުވާލު ކުރައްވައިފަ އެވެ. ނިހާން ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ގެއްލޭ ފަދަ ވާހަކައެއް ބޭރު ގައުމެއްގެ ނުފޫޒު ގަދަ ސިޔާސީ ބޭފުޅަކު ވިދާޅުވުމުން ރިޔާސީ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އެކަން ކުށްވެރި
ކުރަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އިބޫ އެ މައްސަލައިގައި މިހާތަނަށް ވެސް އެއްޗެއް ވިދާޅުނުވުމަކީ ގައުމުގެ އިސްތިގުލާލު ކޮމްޕްރެސް ކުރުމުގެ ސިގްނަލެއް ތޯވެސް ނިހާން ވަނީ ސުވާލު ކުރައްވައިފަ އެވެ.

މީގެ އިތުރަށް، ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ ރައީސް ނަޝީދާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު ރާއްޖެ އިސްތިއުމާރު ކުރާ ވާހަކަ އިންޑިއާގެ މަޖިލިސް މެންބަރަކު ވިދާޅުވުމުން އެކަމުން އެމްޑީޕީގެ އަސްލު އެޖެންޑާ މިއަދު ރައްޔިތުންނަށް ހާމަވެއްޖެ ކަމަށެވެ. އަދި އޭނާ ޕޯޑިއަމްތަކުގައި އެމްޑީޕީއަށް ކުރާ ތުހުމަތުތައް މިއަދު ތެދު އެއްޗަކަށް ވެއްޖެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ގެއްލޭ ފަދަ އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމަށާއި އެ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އަވަށްޓެރި ގައުމުތަކާއި ރާއްޖެއާ މައްސަލަ ޖެހޭ ފަދަ އަމަލުތައް އެއްވެސް ސިޔާސީ ފަރާތަކުން ނުކުރުމަށް ޑިފެންސް މިނިސްޓަރު ވަނީ ގޮވާލައްވައިފަ އެވެ.

ރަނިންމޭޓް ފައިސަލް ވެސް މިރޭ ވިދާޅުވީ، އިންޑިއާއަކީ ރާއްޖޭގެ އަބަދުވެސް ގާތް އެކުވެރިއެއް ކަމަށާއި ރާއްޖޭގެ އިސްތިގުލާލު ގެއްލޭ ފަދަ އަމަލެއް އިންޑިއާއިން ނުކުރާނެ ކަމަށް އޭނާ ޔަގީން ކުރައްވާ ކަމަށެވެ.

ފެބުރުއަރީ އެކެއްގެ އަމުރަށް ފަހު، ރާއްޖޭގައި ކުއްލި ހާލަތު ސަރުކާރުން އިއުލާންކުރުމުން ރައީސް ނަޝީދު ވެސް ވަނީ އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގެ މައްސަލައިގެ ތެރެއަށް ވަނުމަށް ގޮވާލައްވައިފަ އެވެ. އެކަމާ ގުޅިގެން އެމަނިކުފާނަށް ބޮޑެތި ފާޑުކިޔުންތައް
އަމާޒުވި އެވެ.