ހަބަރު

ބުލީގެ ޝިކާރައަކަށްވީ ކުއްޖާ ގެއްލިގެން ހޯދަނީ

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި އަންހެން ކުދިންތަކެއްގެ ބުލީގެ ޝިކާރައަކަށްވީ އަންހެން ކުއްޖާގެ ހަބަރެއް ނުވެގެން ހޯދަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ސޯޝަލް މީޑިއާގައި އިއްޔެ އާންމުވި ވީޑިއޯގައި ތިން އަންހެން ކުދިން ވެގެން އެއް އަންހެން ކުއްޖެއްގެ މޫނުމަތީ ޖަހައި، ކޮއްޕައި އަދި ހުތުރު ބަހުން އެއްޗެހި ކިޔާ ހަދާތަން ފެނެ އެވެ. އަދި އެ ވީޑިއޯ އާންމުވުމާ ގުޅިގެން ފުލުހުން ކުރި ޓްވީޓެއްގައި ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އިއްޔެ ވީޑިއޯ އާންމުވެގެން ދިޔަ ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި އެއީ މީގެ ހަފުތާއެއް ކުރިން ހިނގި ކަމެކެވެ. ފަނަރަ އަހަރުގެ އެ ކުއްޖާގެ ހަބަރެއް ނުވެގެން އޭނާގެ އާއިލާއިން ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓް، އެފްސީޕީޑީއަށް ރިޕޯޓްކޮށްފައިވާ ކަމަށްވެ އެވެ.

އެޕްސީޕީޑީގެ އޮފިޝަލެއް ވަނީ އަވަސްއަށް އެކަން ކަށަވަރު ވެސް ކޮށްދީފަ އެވެ. އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޕްސީޕީޑީއިން ޔަގީންކޮށް ދިން ނަމަވެސް ފުލުހުންގެ ރަސްމީ ބަހެއް މިކަމުގައި ނުލިބުނެވެ.

އެ ވީޑިއޯ އާންމުވުމާއެކު އެތަށް ބައެއްގެ ފާޑު ކިޔުން ބުލީ ކުރާ ކުދިންނަށް ވަނީ އަމާޒުވެފަ އެވެ. އަދި އެ ފަދަ މައްސަލަތައް ޖެންޑާ މިނިސްޓްރީ ފަދަ މުއައްސަސާތަކުން ނުބަލާ ކަމަށް ބުނެ ވެސް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ.