އަންނަ ސެޕްޓެމްބަރު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ބާރުއަޅަން ޖެހޭނީ ބައިނަލްއަގުވާމީ އުސޫލުތަކުގެ ތެރެއިން ކަމަށާއި ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް ބޭރުގެ އެއްވެސް ފަރާތަކުން އަމަލު ކުރުމަށް ފުރުސަތެއް ނުދެއްވާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އޭނާ މިގޮތަށް ވިދާޅުު މިވީ، ދިވެހި ސަރުކާރުން އިންތިހާބު އޮޅުވާލައިފި ނަމަ އިންޑިއާ ސިފައިން ރާއްޖެ އަރައި ހިފުމަށް އިންޑިއާގެ ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ ގާނޫނު ޖަދާ މަޖިލީހުގެ މެންބަރަކު ގޮވާލެއްވުމާ ވިދިގެން ސަރުކާރާއި ޕީޕީއެމް އާއި އިދިކޮޅު ފަރާތްތަކުން ވެސް އެވާހަކަ ކުށްވެރި ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
ރ. އިންނަމާދުއަށް ވަޑައިގެން އެ މައްސަލައިގައި އިބޫ ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ، ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވަން ސަރުކާރުން ހުރަސް އަޅައި އެކިކަންކަން ހިންގަމުން ދާ ކަމަށާއި އެ ކަންކަން ހުއްޓުވަން ބޭރުން ވެސް ހެޔޮ ނިޔަތުގައި ރާއްޖެއަށް އެހީވާން ޖެހޭ ކަމަށެވެ. އަދި އެފަދަ އެހީތައް ވާން ޖެހޭނީ ރާއްޖެ އާއި އެފަދަ ގައުމުތަކާ އެކު ހުރި ދާހިލީ އެއްބަސްވުންތަކާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ފުރިހަމަ ގޮތެއްގައި އިހުތިރާމް ކޮށްގެން ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާފާނެ އެއްވެސް ކަމަކަށް ފުރުސަތު ދީ އެކަމަށް ތަރުހީބު ދެވެން ނޯންނާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އިބޫ މިއަދު ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި އިސްލާމް ދީނާއި މިނިވަންކަމާއި ރާއްޖޭގެ ވަހުދަތަށް ބުރޫ އަރާ ފާނެ ފަދަ ކޮމްޕްރޮމައިޒްއެއް ނުކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.
މިނިވަންކަމާއި ދީނަށް އޮތް ގޮންޖެހުމަށް އެންމެ ފުރަތަމަ ކުރިމަތިލާނީ އަޅުގަނޑުމެން. އެއީ ޝައްކެއް ކުރާނެ ކަމެއް ނޫންއިބްރާހިމް މުހައްމަދު ސޯލިހި - އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް
"އިދިކޮޅު ވެރިކަމެއްގައި ދޫނުކޮށްލާނެ ދެ ކަމަކީ އިސްލާމް ދީނާއި ރާއްޖޭގެ މިނިވަން. ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ އެއްވެސް ކަމެއް އިދިކޮޅު ވެރިކަމެއްގައި ނުކުރާނެ، މިނިވަންކަމާއި ދީނަށް އޮތް ގޮންޖެހުމަށް އެންމެ ފުރަތަމަ ކުރިމަތިލާނީ އަޅުގަނޑުމެން. އެއީ ޝައްކެއް ކުރާނެ ކަމެއް ނޫން،" އެމްޑީޕީގެ ސަޕޯޓް ބޮޑު އިންނަމާދުގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވާ އިބޫ ވިދާޅުވި އެވެ.
ރޭގެ ވަގުތެއްގައި އިދިކޮޅު އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވަނީ، އިންޑިއާގެ މަޖިލިސް މެންބަރުގެ ވާހަކަތައް ކުށްވެރި ކުރައްވާ
އެކަމާ ދެކޮޅު ހައްދަވާ ކަމަށާއި އެއީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށް ވިދާޅުވެފަ އެވެ. ރޭގައި ބޭއްވި އިދިކޮޅު އިއްތިހާދުގެ ބޮޑު ޖަލްސާގައި ވެސް އިބޫ އެކަމާ މެދު އެއްޗެއް ވިދާޅުނުވުމުން ވެރިކަން ކުރާ ޕާޓީގެ ފާޑުކިޔުން އިބޫއަށް އަމާޒުވި އެވެ.
އެކަމާ ގުޅިގެން، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްވެސް އިއްޔެ ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ ފަދަ އެއްވެސް އަމަލެއް ކުރުމަށް ޖާގަނުދެއްވާނެ ކަމަށާއި ދޭދޭ ގައުމުތަކާ މެދު އޮންނަ ގުޅުން ހީނަރުވާ ގޮތަށް އެއްވެސް އަމަލެއް ނުހިންގުމަށް ހުރިހާ ފަރާތްތަކަށް ވެސް އިލްތިމާސް ކުރައްވާ ކަމަށެވެ.
އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ނޭޝަނަލް އެގްޒެކްޓިވް ކޮމިޓީގެ މެންބަރުކަން ވެސް އަދި ކުރިން ޔޫނިއަން މިނިސްޓަރުކަން ވެސް ކުރެއްވި، ސުބްރަމާނިއަން ސުވާމީ އެފަދަ ޓްވީޓެއް ކުރެއްވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ސްރީލަންކާގެ ކޮޅުބުގައި ބޭއްވި ބައްދަލުކުރެއްވުމަކަށް ފަހުގަ އެވެ.