ހަބަރު

އިދިކޮޅު ވެރިކަމެއް ދެމިއޮންނާނީ 18 މަސްދުވަހަށް ވުރެވެސް ކުރު މުއްދަތަކަށް: ރައީސް

އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކުރައްވާ ވެރިކަން ވާނީ 18 މަސް ދުވަހަށް ވުރެ ވެސް ކުރުވެދާނެ ވެރިކަމަކަށް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ފ. ނިލަންދޫގައި މިރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިދިކޮޅި ޕާޓީތަކުގެ އިއްތިހާދެއް ކަމަށް ވިދާޅުވި ނަމަވެސް އިދިކޮޅު ފަރާތްތަކުގެ ތެރޭގައި އަދިވެސް އެންމެ އިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ ރައީސް މުހައްމަދު ނަޝީދު ކަމަށާއި އިއްތިހާދުގައި އެމްޑީޕީގެ ކުރިއަށް އެހެން އެއްވެސް ޕާޓިއަކަށް ނާދެވޭ ކަމަށެވެ. އިދިކޮޅުން ގާއިމް ކުރާނީ އިންތިގާލީ ސަރުކާރެއް ކަމަށާއި އޭގެ ފަހުން އިންތިހާބެއް ބާއްވާ ވާހަކަވެސް ދައްކަވަނީ އެ ބޭފުޅުން ކަމަށާއި އެހެންކަމުން އިދިކޮޅުން ކުރައްވާނީ 18 މަސް ދުވަސް ނުވަތަ އެއަށް ވުރެ ކުރު ވެރިކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މި އިއްތިހާދުގެ ނަމަކަށް ނާދޭ ޖޭޕީ އިއްތިހާދެކޭ، މި އިއްތިހާދުގެ ނަމަކަށް ނާދެ އަދާލަތު އިއްތިހާދެކޭ، މި އިއްތިހާދުގެ ނަމަކަށް އަންނަނީ އެމްޑީޕީ، އޭގެ ފަހަތަށް އަންނަނީ އެހެން ބައެއްގެ ނަން، އެހެންވެ މިއީ އެމްޑީޕީ،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑު ގަބޫލު ކުރަނީ މިއީ 18 މަސްދުވަހުގެ ވެރިކަމެކޭ، ނޫނީއާ އެއަށް ވުރެ ވެސް ކުރުވެރިކަމެކޭ،"

ރައީސް ވިދާޅުވީ އިބޫ މެދުވެރިކޮށް އިދިކޮޅު ސަރުކާރެއް ގާއިމް ކުރުމުގެ ހުރިހާ ބޭނުމަކީ އެ ޕާޓީތަކުގެ ސިޔާސީ ބޭފުޅުންނަށް އެކި ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ. ސަބަބެއް ކަމަށް ރައީސް ވިދާޅުވީ، ހުކުމް އަައިސްފައި ތިބި ބަޔަކު އެކަންކަމުން ސަލާމަތްވެ އެބޭފުޅުންގެ ސިޔާސީ މަސައްކަތް އަލުން ފެއްޓުމަށް އެ ބޭފުޅުން ބޭނުންފުޅު ވުމެވެ.

"ކޯލިޝަންގެ ސަރުކާރަކީ ވެރިކަން ކުރެވޭނެ ސަރުކާރެއް ނޫންކަމަށް އެންމެ އަޑުހަރުކޮށް އެންމެ އިސްވެ ވާހަކަފުޅު ދެއްކެވީ ރައީސް ނަޝީދު، މިއަދުވެސް އެ ވާހަކަ އެގޮތަށް އެބަދައްކަވާ، އެކަމަކު އެ ބޭފުޅުން ވަޑައިގަންނަވަންވާ ހިސާބަކަށް ވަޑައިގަތުމަށްޓަކައި އެހެން މީހުންގެ އެހީތެރިކަން އެބަ ބޭނުންވޭ، އެހެން މީހުންގެ ކޮނޑުތަކަށް ސަވާރުވެގެން ނޫނީ އެ މަންޒިލަކާ ހަމަޔަށް ދަތުރެއް ނުކުރެވޭ، އެހެންވެ އެ މީހުން ރުއްސަން ބުނޭ ހުރިހާ ޕާޓީތައް،" ރައީސް ޔާމީން ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ބަރުލަމާނީ ނިޒާމް ގާއިމް ކުރުމުގެ ވާހަކަތަކުން ވެސް އެއީ ވަކި މުއްދަތެއް އޮވެގެން ވެރިކަމަށް ވަޑައިގަންނަވަން އުޅުއްވާ ބޭފުޅުންގެ ގޮތުގައިކަން ހާމަވެގެންދާ ކަމަށެވެ. އަދި އެ ބޭފުޅުންގެ ތެރޭގައި ރައްޔިތުންނަށް އެތަށް ކަމެއް ފޮރުވަމުންދާ ކަން އެނގެނީ ވެސް އެފަދަ ވާހަކަތަކާ ހެދި ކަމަށް ރައީސް ވިދާޅުވި އެވެ.

"ރިޔާސީ ނިޒާމަކަށް ހޮވޭ އިރު ދޮޅު އަހަރެއްގެ ވާހަކަދައްކާ އެއްޗެއް ނޫން، މި ދޮޅު އަހަރެއްގެ ވާހަކަ އިންޓްރިމް ސަރުކާރެއްގެ ވާހަކަ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މި ބޭފުޅުން ދެއްކެވި، ބައިވެރިންތަކެއް ހޯއްދެވި، އިސާހިތަކު އެ ބައިވެރިންތައް ޕާޓީ ދޫކޮށްލާފައި ނިކުމެގެން ދިޔައީ ރައީސް ނަޝީދު އޭރު ދެއްކެވި ގޮތަށް ދައުރުގެ މެދު ތެރޭގައި އިންތިހާބެއް ބާއްވާނެ ކަމަށް ވިދާޅުވެ އެކަން ނުކުރެއްވީމަ،" ރައީސް ޔާމީން ވިދާޅުވި އެވެ. .

އެމަނިކުފާނު ވިދާޅުވީ ރައީސް މައުމޫން އަބްދުލުގައްޔޫމް ޖަލު ހުކުމެއްގައި ހުންނަވާތީ އެމްޑީޕީއިން ކަންތައް ބޮޑުވެގެން އުޅޭ ކަމަށާއި އެހެން ނަމަވެސް އެބޭފުޅުންގެ ލީޑަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ސަޕޯޓަރުންނަށް ވެ ވަޑައިގެންފައިވާ އެންމެ ބޮޑު ވައުދަކީ ރައީސް މައުމޫންގެ ވެރިކަމުގެ ކަންކަން ބަލައި އެމަނިކުފާނު ޖަލަށްލުން ކަމަށެވެ. އެހެން ކަމުން އެމްޑީޕީއިން މިހާރު އެ ދައްކާ ވާހަކަތަކުގައި އިހުލާސްތެރިކަމެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމްޑީޕީގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ވާހަކަ ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، އެމްޑީޕީ އިން އަބަދުވެސް މަސައްކަތް ކުރަނީ އެއިރެއްގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާއެއްގެ އަގު ވައްޓާލުމަށް ކަމަށެވެ. އެގޮތުން މިހާރުވެސް އެމަނިކުފާނުގެ ބޮލުގައި އެކި އިލްޒާމްތައް އަޅުވައި އެމަނިކުފާނުގެ ވެރިކަން ނިމޭ ދުވަހަކުން ޖަލަށް ލާނެ ކަމަށް އެބޭފުޅުން ވިދާޅުވާ ކަމަށެވެ. އެ ތުހުމަތުތައް މިހާތަނަށް ވެސް ސާބިތު ނުކޮށްދެވޭ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ސާބިތު ނުކޮށް ދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.