ފ. އަތޮޅުގައި ސައުދީ އަރަބިއްޔާއިން ތަރައްގީ ކުރުމަށް ޝައުގުވެރިވި، މަޝްރޫއު މިވަގުތަށް ހުއްޓިފައި އޮތް ނަމަވެސް އެ މަޝްރޫއު ކުރިޔަށް ގެންދެވިދާނެ ކަމުގެ އުންމީދު އަދިވެސް އެބައޮތް ކަމަށް ރައީސް އަބްދުﷲ ޔަމީން އަބްދުލް ގައްޔޫމް ވިދާޅުއްވެއްޖެ އެވެ.
ފ. ނިލަންދޫގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ތަރައްގީގެ މަޝްރުއުތަކަށް ހުރަސް އެޅުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާގެ ވާހަކަދައްކަވަން އެންމެ ރަނގަޅީ ފ އަތޮޅުގައި ހުންނަވައިގެން ކަމަށެވެ. އެއީ އެ އަތޮޅަށް 10،000 މިލިއަންއަށް ވުރެ އަގު ބޮޑު އިންވެސްޓްމަންޓެއް އައުމުން އިދިކޮޅުގެ މުޒަހަރަތަކާހެދި އެ މަޝްރޫއު ބީވެގެން ދިޔަ ކަމަށެވެ.
ބޮޑު މަޝްރުއެއް ފ އަތޮޅަށް އައީ ގިނަ މަސައްކަތްތަކެއްކޮށްގެން ކަމަށާއި އެ މަޝްރޫއު މިވަގުތަށް ބާއްވާލާފައި އޮތް ނަމަވެސް އަދިވެސް އެކަން ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ކަންކަން ދިމާވި ގޮތުން އެ މަޝްރޫއު ހުއްޓިގެން އޭރު ދިޔައީ އެކަންތައް ބޭވިފައި އޮތީ، އެކަމަކު އަޅުގަނޑުގެ އުންމީދު އަދިވެސް ވަރަށް ހެޔޮ، އިރާދަކުރެއްވީއާ އެކަން ވެސް ވާނެ، އެއީ އަޅުގަނޑުމެން އުންމީދު ކުރާ ގޮތް އެކަންކަން ވާން ޖެހޭނެ، އެ ސަރުކާރުތަކާ ދޭތެރޭ އަޅުގަނޑުމެންނާ ހުރި އުންމީދުތައް ހުންނާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ފ. އަތޮޅުގައި ހިންގާ ބިޔަ މަޝްރުއަށް ވެގެން ދިޔަ ގޮތުގެ އެއްވެސް ތަފްސީލެއް ރައީސްއެއް ނުދެއްވަ އެވެ. އެ މަޝްރޫއު ރާއްޖެ ގެނެވުންނަމަ އެއީ ރާއްޖޭގައި މިހާތަނަށް ހިންގޭނެ އެންމެ ބޮޑު ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓަށް ވާނެ އެވެ. އެ މަޝްރޫއަށް ސައުދީގެ ބޮޑެތި އިންވެސްޓަރުންތަކެއް ތިބީ ޝައުގުވެރިވެފަ އެވެ.