ދުނިޔެ

މުޅި އިންޑިއާގައި މެގީ ނޫޑްލްސް މަނާކޮށްފި، ސިންގަޕޫރުން ވެސް ޓެސްޓް ކުރަނީ!

Jun 6, 2015

މެގީ ނޫޑްލްސް ކެއުމުން ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ވާކަން ޓެސްޓްތަކުން ސާބިތުވެފައިވާ ކަމަށް ބުނެ، އެ ބްރޭންޑުގެ ނޫޑްލްސް މުޅި އިންޑިއާގައި ވިއްކުން އެ ގައުމުގެ މައި ސަރުކާރުން އިއްޔެ ރަސްމީކޮށް މަނާކޮށްފި އެވެ. އަދި ސިންގަޕޫރުން ވަނީ އިންޑިއާ އިން އެތެރެކޮށްފައިވާ މެގީ ނޫޑްލްސް ވިއްކުން ވަގުތީ ގޮތުން ހުއްޓާލައި ޓެސްޓް ހަދަން ފަށާފަ އެވެ.

އިންޑިއާގެ ފުޑް ސޭފްޓީ އެންޑް ސްޓޭންޑާޑްސް އޮތޯރިޓީ އިން ބުނި ގޮތުގައި މައުދަނުގެ ބާވަތެއް ކަމަށްވާ ލެޑު ހުއްދަކޮށްފައިވާ މިންވަރަށް ވުރެ ގިނައިން މެގީ ނޫޑްލްސްގައި އެކުލެވޭކަން އެ ގައުމުގެ އެކި ކަންކޮޅުތަކުގެ ހެދި ޓެސްޓްތަކުން ވަނީ ހާމަވެފަ އެވެ. ކާއެއްޗެހީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގެންގުޅޭ މިންގަނޑުތަކާ، މެގީ ނޫޑްލްސް އުފައްދާ ނެސްލޭ ކުންފުނިން ހިލާފުވެފައިވާ ކަމަށް އެ އިދާރާ އިން ބުންޏެވެ.

"އެއްވެސް އަސާސެއް ނެތް ކަންބޮޑުވުންތަކުގެ ސަބަބުން އާއްމުންގެ ތެރޭގައި ވަނީ ޝައްކުތަކެއް އުފެދިފައި،" ނެސްލޭގެ މައި ކުންފުނިން އިއްޔެ ނެރުނު ބަޔާނުގައިވެ އެވެ.

އިންޑިއާގެ އިތުރުން އޭޝިއާގެ ވަރަށް ގިނަ ގައުމުތަކެއްގައި ވެސް މަގުބޫލުކަން ހޯދާފައިވާ މެގީ ނޫޑްލްސްގެ މައްސަލަ މިހާރު ވަނީ ސަރަހައްދީ ކަމަކަށް ވެފަ އެވެ. އެ ގޮތުން، ނެސްލޭގެ އިންޑިއާ ކުންފުނިން އުފައްދާ މެގީ ނޫޑްލްސް އެތެރެކުރާ ފަރާތްތަކުން އެ ބްރޭންޑުގެ ނޫޑްލްސް ސިންގަޕޫރުގައި ވިއްކުން ވަގުތީ ގޮތުން މެދުކަނޑާލަން ސިންގަޕޫރު ސަރުކާރުން ވަނީ އިއްޔެ އަންގާފަ އެވެ.

"އިންޑިއާގައި އުފައްދާފައި ހުރި މެގީ ނޫޑްލްސްގެ ސާމްޕަލްތައް ނަގައިގެން މިހާރު މި ދަނީ ޓެސްޓުތައް ހަދަމުން،" ސިންގަޕޫރުގެ އެގްރި-ފުޑް އެންޑް ވެޓްރިނަރީ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ކާއެއްޗެހި އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ނެސްލޭގެ އިންޑިއާ ސަބްސިޑަރީން އުފައްދާ މެގީ ބްރޭންޑުގެ ނޫޑްލްސްގެ މައްސަލަ އެންމެ ފުރަތަމަ ޖެހުނީ އުއްތަރަ ޕްރަދޭޝްގައި މިދިޔަ މަހުގެ މެދު ތެރޭގަ އެވެ. އެ ސްޓޭޓުގައި ޓެސްޓްކުރި 24 ޕެކެޓެއްގައި ނުރައްކާ މިންވަރަކަށް އެމްއެސްޖީއެމް އާއި ލެޑު ހުރިކަން ހާމަވުމާ އެކު، ސްޓޭޓު ސަރުކާރުން ވަނީ މެގީ ނޫޑްލްސް ވިއްކުން ވަގުތުން މަނާކޮށްފަ އެވެ.

އެ މައްސަލަ ގައުމީ ކަމަށްވެ، މެގީ ނޫޑްލްސް ވިއްކުން މައި ސަރުކާރުން އިއްޔެ މަނާކުރުމުގެ ކުރިން ވެސް، ވެރިރަށް ދިއްލީ އާއި ގުޖުރާތާއި އުއްތަރަކަންދު އަދި ކެރެލާގައި މެގީ ނޫޑްލްސް ވިއްކުން އޮތީ މިދިޔަ ހަފުތާ އިން ފެށިގެން މަނާކޮށްފަ އެވެ. އަދި ސިފައިންނަށް ދޭ ކާއެއްޗެހީގެ ތެރޭގައި މެގީ ނޫޑްލްސް ނުހިމަނަން އަސްކަރިއްޔާ އިން ވަނީ ސިފައިންނަށް ކައްކާ މީހުންނަށް އަންގާފަ އެވެ.

އެ ފިޔަވަޅުތައް ގިނަ ބަޔަކު ނަގަނީ ބޮޑު ސިއްހީ ބިރެއްގެ ގޮތުގަ އެވެ. އެހެން ވާންޖެހޭ ސަބަބުތައް ގިނަ އެވެ. ހާއްސަކޮށް ސްކޫލް ކުދިންނާއި ކޮލެޖުތަކުގައި ކިޔަވާ ދަރިވަރުންގެ މެދުގައި މަގުބޫލް މެގީ ނޫޑްލްސް ސްޓޮކްކޮށްފައި ނެތް ގެއެއް އިންޑިއާގައި މަދުވާނެ އެވެ. މެގީ އުފައްދާ ނެސްލޭ ކުންފުނިން އެ ބްރޭންޑުގެ ނޫޑްލްސް އިޝްތިހާރުކުރަން ކުރިއަށް ގެންދާ، "ދެ މިނިޓު"ގެ ނަން ދީފައިވާ ހާއްސަ މާކެޓިން ކެމްޕޭނާ އެކު، މެގީ ނޫޑްލްސް މަޝްހޫރުވެފައި ވަނީ ވެސް "ދެ މިނިޓުގެ ނޫޑްލްސް"ގެ ގޮތުގަ އެވެ.

އެމްއެސްޖީއެމް އަކީ ޗައިނީޒް ކާއެއްޗެއްސާއި ދަޅުގައި ބަންދުކޮށްފައި ހުންނަ ތަރުކާރީގެ ބާއްވަތްތަކުގައި ރަހަ ލެއްވުމަށް އާއްމުކޮށް ބޭނުންކުރާ މާއްދާ އެކެވެ. އެކަމަކު، ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެ މާއްދާ ހުންނަ ކާތަކެތި މާ ގިނައިން ކެއުމުން ބޮލުގައި ރިއްސުމާއި މޭ އެންދުމާއި ހޮނޑު ލަވާ ގޮތްވުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހެ އެވެ. އަދި ދިގު މުއްދަތަކަށް ބޭނުންކޮށްފި ނަމަ، ނާރުތަކަށް ގެއްލުން ވުން ވެސް އެކަށީގެންވާ ކަމުގެ އިންޒާރު އެ ފަރާތްތަކުން ވަނީ ދީފަ އެވެ.